ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަވެ އަންނަ އާދިއްތަ ދުވަހު ކިޔެވުން ފަށަނީ
ސަރުކާރު ސްކޫލްތަކަށް ބޭނުންވާ ހުރިހާ ޓީޗަރުން ހަމަވެ، ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު އާއަހަރަށް ވާންޖެހޭ ހުރިހާތައްޔާރީއެއް ވެފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވައިފިއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ފާތުމަތު ނަސީރު ވިދާޅުވީ ދިރާސީ އާއަހަރަށް މިނިސްޓްރީން ތައްޔާރުވެފައިވާކަމަށެވެ.
ސްޓޭޓް މިނިސްޓަރ ފާތުން ވިދާޅުވީ އޭރިޕޯޓަކާއެކު 2019 ވަނަ އަހަރުގެ ދިރާސީ އާއަހަރު އެޑިއުކޭޝަނާއި ސްކޫލްތަކުން ނިންމާލީ ވަރަށް ކާމިޔާބުކަމާއެކުގައި ކަމަށެވެ. އެއަށްފަހު 2020 ވަނަ އަހަރަށް ވާންޖެހޭ ތައްޔާރީތަކުގެތެރެއިން އެހެން އަހަރުތަކުގައި އެންމެ ބޮޑު މައްސަލަތަކެއް ދިމާވާ ފޮތްތަކުގެ މައްސަލަވެސް ނިންމާ ތަޢުލީމީ ދާއިރާ ޗުއްޓީއަށްދިޔައީ ވަރަށް ހަމަޖެހިގެންނެވެ.
މިއަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުންފަށާނީ ހަތްދިހަ ތިންހާސް ފަސްދޮޅަސްހަތް ދަރިވަރުންނާއެކުގައި ކަމަށާއި މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 32 ދަރިވަރުން އިތުރު އަދަދެއްކަމަށްވެސް ފާތުން ވިދާޅުވިއެވެ.
ސަރުކާރުން އަލަށް ހުޅުވާ އިއްޒުއްދީން ސްކޫލާއެކު މިއަހަރު ކިޔަވައިދޭނީ ސަރުކާރުގެ 212 ސްކޫލުގައެވެ. މީގެތެރެއިން އެއްދަންފަޅިއަށް 150 ސްކޫލް ހިނގާނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. މީގެއިތުރުން ސަރުކާރުން އަންނަ އަހަރު 170 ޕްރީސްކޫލްގައި ކިޔަވައިދޭނެއެވެ. އަންނަ އަހަރު ރާއްޖޭގެ 193 ސްކޫލެއްގައި އޯލެވެލް ހަދާނެ ކަމަށާއި 50 ސްކޫލެއްގައި އޭލެވެލް ހަދާނެ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.
