ޚަބަރު

ބައެއް ވަކީލުންވެސް ސިމްކާޑް ފަދަ ތަކެތި ޖަލަށް ވައްދާ – ކަރެކްޝަނަލްސަރވިސް

ޖަލަށް މަސްތުވާތަކެއްޗާއި ފޯނާއި ސިމްކާޑާއި ހަތިޔާރުގެ ގޮތުގައި ބެލެވޭ ތަކެތި މިހާރު ވައްދަމުންދަނީ ރާވައިގެން ކަމަށާ އެގޮތުން ބަންދުމީހުން ހޮސްޕިޓަލްތަކަށް ގެންދާއިރު އެތަންތަނުގެ ފާޚާނަތަކަށް ވަދެ ޤައިދީން ލައިގެންހުންނަ ފައިވާނުގެ ދަށުގައާއި، ހަށިގަނޑުގެ އެކިތަންތަނުގައި ސިއްރުކޮށްގެން ޖަލަށް ތަކެތި ވައްދަމުންދާކަން ހޯދިފައިވާކަމަށާއި، އަދި ޖަލުގެ ފާރުމަތިންނާއި، އާއިލާގެ މެންބަރުން ޖަލަށް ޒިޔާރަތްކުރާ ކުރުމުގައާއި، ބައެއް ވަކީލުންވެސް ސިމްކާޑް ފަދަ ތަކެތި ޖަލަށް ވައްދާކަމަށް ކަރެކްޝަނަލްސަރވިސްއިން ތުހުމަތުކުރައްވައިފިއެވެ.

މާފުށީ ޖަލުގައި ތިބި ރިމާންޑް މީހުން މިފަހަކަށް އައިސް ހަމަނުޖެހުން ހިންގަމުންދަނީ އެކި ގޮތްގޮތުން ޖަލަށް ތަކެތިވެއްދުން ހުއްޓުވުމަށް ކުރާ ކަންކަމާމެދު ހިތްހަމަނުޖެހިގެންކަމަށް ފާހަގަކުރައްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބަލަހައްޓަމުންދާ އެންމެ ބޮޑު ޖަލު، މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި ކަރެކްޝަނަލް ސަރވިސްއާ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދިޔަ އެންމެ މުހިންމު އެއްކަމަކީ ޤައިދީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެ މަސައްތައްކްތަތައްކަމަށެވެ.

އަދި ޖަލަށް އެކި ގޮތްގޮތުން މަސްތުވާ ތަކެއްޗާއި، މޮބައިލް ފޯނާއި އެނޫންވެސް ޖަލަށް ވެއްދުން މަނާ ބާވަތްތަކުގެ ތަކެތި ވެއްދުން ހުއްޓުވުމަށް ޚައްސަ މަސައްކަތްތަކެއް ފަށާފައިވާކަމަށް މުނާޒް ވިދާޅުވިއެވެ. މީގެކުރިން އެފަދަ ތަކެތި ޖަލައްވައްދަނީ ޖަލު އޮފިސަރުން މެދުވެރިވެގެންކަމަށް ތުހުމަތު ކުރެވުނު ނަމަވެސް މިހާރު އޮފިސަރުން މެދުވެރިވެގެން އެފަދަ އެއްވެސް އެއްޗެއް ޖަލަށް ވެއްދުމަކީ ވަރަށް މަދުހާލަތެއްގައި ނޫނީ ވާނެކަމެއް ނޫންކަމަށް މުނާޒް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ފާއިތުވެދިޔަ ދެދުވަސްތެރޭގައި ޖަލުގައި މައްސަލަ ޖެހުނީ ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމަށް ކުރަންދާ ކަންކަމާމެދު ރިމާންޑުގައި ތިބި ބަންދުމީހުން ހިތްހަމަ ނުޖެހިގެންކަމަށާ، އެމީހުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ގިނަ ދުވަހު ޝަރީއަތުގެ މަރުހަލާގެ ކަންކަން ކުރިއަށް ނުދިއުމާއި، އެތައް އަހަރެއް ވާނުވާނޭނގި ޖަލުގައި ހޭދަންކުރަންޖެހުން ހިމެނޭކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.

މިކަންކަން ހުއްޓުވަމަށް މިއަހަރު ފެށުމާއެކު މަސައްކަތް ފަށާފައިވާކަން ހާމަކުރައްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ މިހާރު މައްސަލަ ފެންމަތިވެގެން އުޅޭނީ ޕްރިޒަން އޮފިސަރުންނާއި ޖަލުގައިތިބޭ ޤައިދީންނަށް ފަރުވާ ދިނުމަށް ޙަރަކާތްތެރިވާ މީހަކު ރިމާންޑް މީހުން ތިބޭ ގޮޅިއަކަށް ވަނުންމުން މިރުސް ފެނާއި، ކުޑަކަމުދާ ތަކެތީގެ އިތުރުން ކުޅުޖަހާ ފަހަރުވެސްދާކަމަށެވެ.

ޤައިދީންގެ ބަޔަކު މާރާމާރީއެއް ހިންގުމާއި ގުޅިގެންނާއި މީޑިއާތަކުގައި އެކިގޮތަށް ޚަބަރު ފަތުރަމުންދާތީ މިއަދު އިނިސްޕެކްޓަރ އޮފް ކަރެކްޝަންސްއާ ފުލުހުންނާއެކު ޖަލަށް ދިޔަކަމަށާ، އަދި ގޮޅިން ނުނުކުންނަށް ގަދަދެއްކި ޤައިދީން، ބާރުގެ ބޭނުންކޮށްގެން ގޮޅިން ނެރުނުކަމަށާ، އަދި އެމީހުންނަށް ފަރުވާދޭން އުޅެނިކޮށް އެމަންޒަރު ޖަލުގެތެރެއިން މީހަކު ފޮޓޯނަގައި ޢާންމުކޮސްފައިވީ ނަމަވެސް ބަންދުމީހަކަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ޖަލުގެ ކަންކަން ހަރުދަނާކޮށް ސަލާމަތީ ފިޔަވަޅު ވަރުފަދަކުރުމަށް މިހާރު މެޓެލް ޑިޓެކްޓްކުރެވޭ އާލާތްތައް ބޭނުންކޮށްގެން ޖަލައް ބަނދުމީހުންނާއި ގައިދީން ވަދެނިކުމެ އުޅޭއިރު ފާސްކުރުމުން ދިޔަނަމަވެސް ސްކޭން ކުރެވޭ ގޮތެއް ނެތުމުގެ ސަބަބުން މަސްތުވާތަކެތި ވައްދާ މައްސަލަ މުޅިން ނުހުއްޓުވޭކަމަށެވެ. މިކަން ހައްލުކުރުމަށް މިއަހަރުތެރޭގައި ސްކޭނަރުތައް ގެނެސް އިތުރަށް މަސައްކަތް ހަރުދަނާ ކުރާނެކަމަށް މުނާޒް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close