ޚަބަރު

މިއަދު ސަރުކާރުން ކަންކަން ނިންމަމުން ދަނީ ރައްޔިތުން ބޭނުންވާގޮތަށް – ނާއިބު ރައީސް

މިއަދު ސަރުކާރުން ކަންކަން ނިންމަމުން ދަނީ ރައްޔިތުން ބޭނުންވާގޮތަށްކަމަށާއި، މަދު ބައެއްގެ ފައިދާއަށް ކަމެއް ނިންމުމުގެ ބަދަލުގައި މުޅި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭތަން މިހާރު ފެންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ދަށުން ހިންގާ ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ އަމާންކަމާއި، ހިތްހަމަޖެހުމާއި، އިތުބާރު ޤާއިމްކުރުމާއި ރައްޔިތުންގެ އަޑުއަގާނެ ފަރާތެއްކަމަށެވެ.

އެކަން މިސަރުކާރުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ޔަޤީންކޮށްދީފައިވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، ޤައުމު ކުރިއަރުވަން އެންމެ ބޭނުންވަނީ ރައްޔިތުންގެ ބަސްކަމަށެވެ.

“ރައްޔިތުން ބޭނުންވާ ކަންތައްތަކެއް އެބަހުރިކަން އަޅުގަނޑުމެންނަށް އެބައެނގޭ ބޮޑު ބަދަލެއް ގެންނަން ޖެހޭކަން. ދެން އަޅުގަނޑަށް ފާހަގަކުރެވެނީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ، އަމާންކަމެއް ހިތްހަމަޖެހުން ބޭނުންވީ، އިތުބާރު އެބަ ބޭނުންވޭ! ރައްޔިތުންގެ އަޑު އަހާނެ ބަޔަކު އެބަ ބޭނުންވޭ!…ޤައުމު ހިންގުމުގައި ރައްޔިތުންގެ ބަސް އެބަ އަހަންޖެހޭ. އަޅުގަނޑަށް ޤަބޫލު ކުރެވެނީ މިއަދު ސަރުކާރުން ކަންކަން ކުރިއަށް މިގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް. ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުންނަކީ އެންމެ މުހިއްމު ބައެއްގެ ގޮތުގައި ދެކިގެން.” ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރެއްވި ދުވަސްތަކުގެ ހަނދާން އައުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ސިޔާސީ ދާއިރާއަށް ވަޑައިގެންނެވި ގޮތުގެ ތަފްސީލް ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެންމެ ކުރީއްސުރެ ކަންކަން ޕްލޭން ކުރެވިގެން ރާއްޖޭގެ ކަންކަން ނިންމެވިނަމަ ރާއްޖެއަށް މިއަދު ދިމާވެފައިވާ މައްސަލަތައް ކުރިމަތި ނުވީސްކަމަށެވެ. އަދި މިހާރު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ނިޒާމާއި ތަޢުލީމީ ނިޒާމް ވަރަށް ބޮޑަށް ކުރިއަރައިގެން އަންނަތަން ފެންނަމުންދާކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންނަށް މި ސަރުކާރުންވީ ވަޢުދުތައް ފުއްދުމަށް ހުރިހާ ދާއިރާތަކަށްވެސް އިޞްލާޙި ބަދަލުތަކެއް ގެންނަމުންދާކަން ފާހަގަކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close