ސްކޫލްތަކުގެ ނާސްތާ މެނޫއަށް އަންނައަހަރު ބޮޑު ބަދަލެއް
އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމްގެ މެނޫއަށް ބޮޑުބަދަލެއް ގެންނަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމައިފިއެވެ.
ނާސްތާޕްރޮގްރާމަށް ގެންނަން ނިމާފައިވާ ބަދަލަކީ މެނޫއަށް މަސް ބަނަހާއި ޕިއްޒާ އިތުރުކޮށް ދަރިވަރުން ގަޔާވާ ގޮތަށް ކާހިތްވާ ކަހަލަ ތަކެތި ނާސްތާގައި ހިމެމުމެވެ.
ހެލްދީ މެނޫތަކެއް އެކުލަވާލުމަށް ކުރިން މިނިސްޓްރީން ނިންމާފައިވީނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ މެނޫއަށް ބަދަލުގެންނަން ނިންމީ ދަރިވަރުންގެ ފަރާތުން ލިބުނު “ފީޑްބެކް” އަށް ބެލުމަށްފަހު ނާސްތާގައި ދޭތަކެތި ތަފާތު ކުރުމުގެ ގޮތުންކަމަށެވެ.
އެކި ދުވަސްތަކަށް ބަހާލައިގެން ދޭން ނިންމާފައިވާ ކާތަކެތީގެ ތެރޭގައި ވަށް މަސް ބަނަހާއި ދިގު މަސް ބަނަހާއި ޕިއްޒާ ހިމެނެއެވެ.
އެގޮތުން މަސްބަނަހުގައި ފަރުމަހާއި ކުކުޅުމަހާއި ލެޓިއުސް ޓޮމާޓޯ ކިއުކަމްބާވެސް އަޅާގޮތަށް ހިމެނެއެވެ. އޭގެ އިތުރުން މަޔޮނައިޒް ނާޅައި ލޮނާއި ތެޔޮ މަދުން ބޭނުންކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ނިމިގެން ދިޔަ ދިރާސީ އަހަރު ނާސްތާ ޕްރޮގްރާމްގައި 83 ޕަސެންޓް ދަރިވަރުން ބައިވެރިވި ކަމަށާއި އަދި ޖުމްލަ 134.3 މިލިއަން ރުފޔާ ހަރަދުވި ކަމަށެވެ.
ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. އަދި ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ޕްރޮގްރާމް ފެށީ މިދިޔަ ޖުލައި މަހުއެވެ.

