ޚަބަރު

ވެރިކަމުގެ ސްލޯކަމެއް އުޅޭ ކަމަކަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން – ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހްގެ ވެރިކަމުގެ ސްލޯކަމެއް އުޅޭ ކަމަކަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ “އާސްކް ސްޕީކަރ” މިނަމުގައި ޕީއެސްއެމްއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރޭ ގެނެސްދިން ސުވާލާއި ޖަވާބުގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާތްގަނޑަކަށް ދޮޅުގަޑިއިރަށް ދެމިގެންދިޔަ މި ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ސްލޯކަމެއް އުޅޭ ކަމަކަށް އެއްގޮތަކަށްވެސް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދަނީ ރިޔާސީ ނިޒާމުގެ ވެރިކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ރަނގަޅު ގްރިޕެއް ސަރުކާގައި އެބައޮތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ސަރުކާރު ހިންގަވަމުން ގެންދަވަނީ ވަރަށް ރަނގަޅަށް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސާލިހަށް ދެވަނަ ދައުރެއް ދޭނީތޯއާއި، ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭން ތާއީދު ކުރައްވާނަންތޯއާއި، ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނަންތޯ ދެންނެވި ސުވާލަށް ރައީސް ނަޝީދު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ވިދާޅުވީ، އެހާ ބާރަށްގޮސް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާކަށް އެއްވެސް އިރަކު ހިތްޕުޅަށް ނުވަންނަ ކަމަށެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ދެންނެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ އެއްވެސް އިރެއްގައި ރިޔާސީ ނިޒާމަށް ތާއީދު ކުރެއްވި ބޭފުޅެއް ނޫންކަމަށެވެ. މުޖުތަމައެއްގެ ހަމަޖެހުން ގެންނާކަށް، ގައުމެއް ހިންގާކަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަކު، ރާއްޖޭގައި އޮންނާނޭ ވެރިކަމުގެ ނިޒާމަށް ގޮތް ނިންމާނީ ރާއްޖޭގެ ރައްޔިތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެމަނިކުފާނަށް މަސައްކަތް ކުރެއްވޭނީ، ރައީސުލްޖުމްހޫރިއްޔައާއި، މުޅި އެމްޑީޕީވެސް އެކަމަށް ތާއީދުކޮށް އެކަމުގައި އުޅެގެން ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮވެފައި، ޕާޓީ ލީޑަރަކަށް އެމަނިކުފާނު ހުންނެވިނަމަ ބޮޑުވަޒީރަކަށް ވެވަޑައި ގަންނަވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

އަހަރެއް ފަހުން ރިޔާސީ އިންތިޚާބު ބާއްވާނެ ކަމަށް ރައީސް އިބްރާހިމް ވިދާޅުވެ، އެކަން ނުކުރައްވައިގެން އުޅުއްވަނީ ކީއްވެގެންތޯ، މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އައު ރިޔާސީ އިންތިޚާބެއް ބާއްވަން ރައީސް ވިދާޅު ނުވާ ކަމަށެވެ. އެކަކުވެސް އެކަހަލަ ވާހަކައެއް ނުދައްކަވާ ކަމަށާއި، ރައީސް ސާލިހް ވެރިކަމަށް ވަޑައިގެންނެވީ 5 އަހަރުގެ ޓާމަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޕްރޮގްރާމްގައި ކުރެވުނު ސުވާލުތަކާ ގުޅިގެން ސަރުކާރުގެ ސިޔާސަތަކާއި، އެމްޑީޕީގެ ސިޔާސަތުތަކާއި، ރައްޔިތުންގެ މަޖިލީހާ ގުޅުންހުރި ވަރަށް ގިނަ ވާހަކަފުޅުތަކާއި، ޚިޔާލުފުޅުތައް ރައީސް ނަޝީދު ހިއްސާކުރެއްވިއެވެ.

އެގޮތުން، ގެދޮރާއި ބޯހިޔާވަހިކަމާއި، ވަޒީފާގެ މައްސަލަތައް، މިނިމަން ވޭޖް، ތިމާވެށީގެ ސިޔާސަތުތައް، ދަތުރުފަތުރުގެ ނިޒާމު، ސަރުކާރާއި އެމްޑީޕީގެ ތަރައްގީގެ ތަސައްވުރު، ކުލި ކޮންޓްރޯލް ކުރުން، ހަރުކަށި ފިކުރުގެ ވިސްނުންތަކުގެ ވާހަކަތައްވެސް ހިއްސާ ކުރެއްވިއެވެ.

ކުލި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ކުލި މައްޗަށްދަނީ އިމާރާތް މަދުވެފަ ބޭނުންވާ މީހުން ގިނަވީމާ ކަމަށެވެ. ކުލި ކުޑަވާނީ ބޭނުންވާ މީހުން މަދުވީމާ ކަމަށާއި، ކުލި ކޮންޓްރޯލް ކުރަން މުޖުތަމައުތަކުން ކުރާ މަސައްކަތް ރަނގަޅަށް ހިނގާފައިނުވާ ކަމަށް ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ ވިސްނުންތަކާ ގުޅޭ ސުވާލުގައި ރައީސް ނަޝީދު ވިދާޅުވީ، އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ހަނގުރާމަވެރިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށާއި، އެ ޖަމާއަތުގެ ވިއުގަތައް ރާއްޖޭގައި އެބައޮތް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close