ސަލަފް ޖަމްޢިއްޔާގެ ދިފާޢުގައި ލައިފް ޖަމްޢިއްޔާއިންވެސް ބަޔާނެއް ނެރެފި
ޖަމްޢިއްޔަތުއްސަލަފާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް ލަންދޫ އިސްލާމިކް ފްރަންޓް ފޮރ އެޑިޔުކޭޝަން (ލައިފް) ޖަމްޢިއްޔާއިންވެސް ނޫސްބަޔާނެއް ނެރެފިއެވެ.
އިއްޔެގެ ވަގުތެއްގައި ލައިފް ޖަމްޢިއްޔާއިން ނެރުނު ނޫސްބަޔާނުގައިވަނީ ޖަމްޢިއްޔަތުއްސަލަފަކީ މިވަގުތު ދިވެހިރާއްޖޭގައި ތިއްބެވި ދީނީ ބޮޑެތި ޢިލްމްވެރިން ނިސްބަތްވާ އަދި މާތްވެގެންވާ އިސްލާމް ދީނާއި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ މަތިވެރި ސުންނަތް ދިރުވާ އާލާކޮށް އިސްލާމީ ޞައްޙަ އަޤީދާ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އާލާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ލާމަސީލު ޖަމްޢިއްޔާއެއް ކަމަށް ބުނެފައެވެ.
އަދި ހަމައެހެންމެ ޖަމްޢިއްޔަތުއްސަލަފުން ގެންގުޅުއްވާ އުޞޫލުތަކާ ހަމަތަކަކީ ދީނުގެ ނަމުގައި ބައެއް ފަރާތްތަކުން ހިންގާ ހަރުކަށި ފިކުރުތަކާއި ، ޚިޔާލުތަކާ ދެކޮޅު އިސްލާމްދީނުގެ މެދުމިނާއި ދީނުގެ ރިވެތި އަޚްލާޤްކަން އެނގި ސާބިތު ކޮށްދެނީ އެޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ދަރުސްތަކާއި، ދީނީ ނަސޭޙަތްތަކާއި، އެފަދަ ފޯރަމްތަކުންކަމަށްވެސް އެބަޔާނުގައިވެއެވެ.
އެފަދަ އެއްވެސް ޕްރޮގުރާމެއްގައި ހަރުކަށި ފިކުރަށް ސަލަފުން ހިތްވަރުދީ، ސީރިޔާފަދަ ބޭރުޤައުމުތަކަށް ޖީހާދުގެ ނަމުގައި ހަނގުރާމައަށް ދިއުމަށް ގޮވާލާފައެއް ނުވާކަމަށާއި، އަދި ދީނުގައި ހައްދުފަހަނަ އަޅާދިޔުމަށް ނުވަތަ މީހުން މެރުމަށްވެސް ބާރުއަޅާފައި ނުވާކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އިސްލާމްދީނުގައި ކަންކަން އޮންނަގޮތް އޮޅުންފިލުވައިދީއިސްލާމް ދީން ކުރިއަރުވައި ނަގަހެއްޓުމަށްޓަކައި ހެދިފައިވާ މިފަދަ ޖަމްޢިއްޔާތަކާ ދެކޮޅަށް ފިޔަވަޅުއެޅުން ވެގެންދާނީ، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތައް ފެތުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ކަމަށްވެސް ލައިފް ޖަމްޢިއްޔާގެ ނޫސްބަޔާނުގައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފުނުވާގޮތެއްގެ މަތީން ހިންގަމުން އަންނަ އެއްވެސް ޖަމްޢިއްޔާއަކާ ދެކޮޅަށް ފިޔަވަޅުއެޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފު އަދި ދެވޭ އަނިޔާއަކަށްވާތީ އެފަދަ އަނިޔާތައް ހުއްޓުވުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ލައިފް ޖަމްޢިއްޔާގެ ފަރާތުން އެބަޔާނުގައި ގޮވާލަފައިވެއެވެ.
ލައިފް ޖަމްޢިއްޔާގެ ނޫސްބަޔާން ނިންމާލައްވަމުން އެފަދަ ނާތަހުޒީބީ ޢަމަލުތައް ހިންގާ ފަރާތްތަކުން، ﷲ ތަޢާލާގެ ކޯފާއަށް ބިރުވެތިވުމަށްވެސް ގޮވާލައިފައިވެއެވެ. އަދި އެފަދަ ފަރާތްތަކަށް ހެޔޮވިސްނުން ދެއްވައި، ޙައްޤުގެ މަގަށް ރުޖޫޢަވުމުގެ ތަޢުފީޤު މިންވަރު ކުރެއްވުން އެދި ދުޢާވެސް ކޮށްފައިވެއެވެ.
ލަންދޫ އިސްލާމިކް ފްރަންޓް ފޮރ އެޑިޔުކޭޝަން (ލައިފް) ޖަމްޢިއްޔާއަކީ ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަމާއި އަޤިދާ ވަރުގަދަކޮށް އިސްލާމްދީން ކުރިއެރުވުމުގެ މަޤްޞަދުގައި އުފައްދާފައިވާ ދީނީ ޖަމްޢިއްޔާއެކެވެ.
[embeddoc url=”https://naares.com/wp-content/uploads/2019/11/Life-bayaan.pdf” download=”all”]


