މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި، ސިޔާމް ވޯލްޑްގައި ޑްރަގް އޮޕަރޭޝަނެއް ހިންގަނީ
ނއަތޮޅު ދިގުރަށުގައި ހުޅުވުމަށް ތައްޔާރުވެފައިވާ “ސިޔާމް ވޯލްޑް”ގައި ޑްރަގް އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.
އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދުގެ ރިސޯޓަށް ފުލުހުން އެރީ މަސްތުވާތަކެތި ވިއްކާ އަދި އެ ބޭނުންކުރާކަމުގެ ތުހުމަތުގައިކަމަށް މަޢުލޫމާތުލިބިފައިވެއެވެ. ނ.އަތޮޅު ދިގުރަށުގައި ތަރައްޤީކުރަމުން އަންނަ އެ ރިސޯޓްގައި މިވަގުތުވެސް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުން އެއްވެސް މަޢުލޫމާތެއް އަދި ހާމަކޮށްފައެއްނުވެއެވެ.
ސިޔާމް ވޯލްޑް ރިސޯޓު އަންނަ ޑިސެމްބަރުމަހުގެ ފަހުކޮޅު ހުޅުވުމަށް ވަނީ ތައްޔާރުވެފައެވެ. މި ރިސޯޓުވެގެންދާނީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓަށެވެ. އެގޮތުން މި ރިސޯޓު ތަރައްޤީކޮށްފައިވާ ނ.އަތޮޅު ދިގުރަށުގެ ބޮޑު މިނުގައި 52 ހެކްޓަރު ހުރެއެވެ. އަދި ރަށް ވަށައިގެން 1.5 ކިލޯމީޓަރުގެ ފަރެއް އޮވެއެވެ.
މިއީ ރައީސއް ޔާމީންގެ ސަރުކާރުގައި ސޮވެރިން ގެރެންޓީ ދީގެން ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ.


