އިންތިޚާބު ޤަބޫލުނުކުރާނެކަމަށް އަސްލަމް ވިދާޅުވެފައި ވަނިކޮށް ނަތީޖާ އިޢުލާންކޮށްފި
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގައި ނައިބްރައީސް ކަމަށް ވާދަކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެ އިންތިޚާބު ޤަބޫލުނުކުރާނެކަމަށް ވިދާޅުވެފައިވަނިކޮށް އިންތިޚާބުގެ ވަގުތީ ނަތީޖާ އެމްޑީޕީން ރޭ އިއުލާންކޮށްފި އެވެ.
ވަގުތީ ނަތީޖާ އިއުލާން ކުރިއިރު އަސްލަމް ވަނީ އިންތިޚާބު އޮޅުވާލިކަމަށް ވިދާޅުވެ 11 މައްސަލައެއް އިންތިޚާބާބެހޭ ކޮމިޓީއަށް ހުށަހަޅުއްވާފައެވެ.
އެމްޑީޕީން ބުނީ ނަތިޖާ އިއުލާންކުރީ ނައިބު ރައީސްކަމުގެ އިންތިޚާބުން ނާކާމިޔާބުވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި 11 މައްސަލައާ ގުޅޭ ކަންކަން ވެސް ސާފުކޮށްދިނުމަށް ފަހު ކަމަށެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން މި އިންތިޚާބުގައި ވޯޓު ދިނީ 25،102 މީހެކެވެ.
އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގެ ވަގުތީ ނަތީޖާ
ޕާޓީގެ ރައީސްކަމުގެ މަގާމު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިފާއު ކުރެއްވީ 24،202 ވޯޓުންނެވެ. އެމަނިކުފާނު އެ މަގާމުގައި ދެވަނަ ދައުރަކަށް ހުންނެވުމަށް ނުފެންނަ ކަމަށް ވޯޓު ދިނީ 421 މީހެކެވެ. ރައީސްކަމުގެ އިންތިޚާބުގެ ސައްހަ ވޯޓުގެ އަދަދަކީ 24،623 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 479 އެވެ.
އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ނަޝީދު ފިޔަވައި އިތުރު މީހަކު ކުރިމަތި ނުލާތީ އެ މަގާމަށް ބޭއްވީ ފެންނަ ނުފެންނަ ވޯޓެކެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ނައިބު ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ޝިފާޒް ހޮވީ 13،815 ވޯޓުންނެވެ. އަސްލަމަށް ހޯއްދެވުނީ 10،840 ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 24،655 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 447 އެވެ.



