ޚަބަރު

ހައިލަމްގެ ފަރާތުން އެއްވެސް މައްސަލައެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެއް ނުވޭ

ރައީސް ޔާމީންގެ މައްސަލާގައި ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ބައެއް އޮފިޝަލުން މަސައްކަތްކުރެއްވިކަމަށް ޤާޟީ ހައިލަމް ވިދާޅުވިޔަސް، ހައިލަމްގެ ފަރާތުން އެފަދަ އެއްވެސް ޝަކުވާއެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިންނާއި، ޖޭއެސްސީން ބުނެފިއެވެ.

ޤާޟީން ބައްލަވަމުންދާ މައްސަލައަކާ ގުޅިގެން އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާ، ވަކިގޮތަކަށް ޙުކުމް ކުރުމަށް އިރުޝާދުދޭނަމަ އެމައްސަލައެއް ޖޭއެސްސީއަށް ހުށަހެޅަންޖެހެއެވެ.

މިކަމާގުޅިގެން ޖޭއެސްސީގެ ނައިބްރައީސް މަސްތޫރު ޙުސްނީ ވިދާޅުވީ ކޮންމެ ފަޑިޔާރަކާ ދޭތެރޭވެސް ޖޭއެސްސީން ޢަމަލުކުރާނީ އޮންނަ އުސޫލުތަކާ އެއްގޮތަށްކަމަށެވެ. ޤާޟީ ހައިލަމްގެ މިމައްސަލަޔަކީ ސީރިއަސް އަދި ހިނގާފައިވާ މައްސަލައެއްނަމަ ޖޭއެސްސީއަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ. ނަމަވެސް މިފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ހައިލަމް ޖޭއެސްސީއަށް ހުށަހަޅުއްވާފައިނުވާކަށް މަސްތޫރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައިލަމްގެ ތުހުމަތުތަކަކީ ޖިނާއީ ގޮތުންވެސް ބަލޭނެ ތުހުމަތުތަކެއްކަމަށްވުމުން އެމައްސަލަ ކަމާބެހޭ ފަރާތްތަކަށްވެސް ހުށަހެޅުމުގެ އިޚްތިޔާރު ހައިލަމަށް ލިބިގެންވާކަމަށެވެ. މިކަމާގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ޝަރީޢަތަކަށް ނުފޫޒު ފޯރުވި މައްސަލައެއްވެސް އަދި އެހެން ކަމެއްގައިވެސް ހައިލަމްގެ ފަރާތުން އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިނުވާކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައިގެ ހުކުމަށް ދައުލަތުގެ އިސްމަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާފައިވާކަމަށް ހައިލަމް ވިދާޅުވިނަމަވެސް މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވީ ކޮންބޭފުޅެއްކަމެއް އަދި ކޮންމަޤާމެއްގައި ހުންނެވި ބޭފުޅެއްކަމެއް ވިދާޅުވެފައިއެއްނުވެއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ޤާޟީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ޕޯސްޓްކުރި ފޮޓޯއެއްގެ މައްސަލާގައި ޖޭއެސްސީންވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ. އަދި މިމައްސަލާގައި އޭނާ ޖަވާބުދާރީވުމަށް ޖޭއެސްސީއަށް ވަޑައިގެންނެވުމަށް އެންގެވުމުންވެސް ވަޑައިގެންފައެއްނުވެއެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close