ހައިލަމްގެ ބޮޑު ތުހުމަތެއް ކޮމިޝަނަރ އޮފް ޕްރިޒަންސް އަށް!

ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅަށް ނިސްބަތްވާ ގޮތަށް ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.
ހައިލަމް ވިދާޅުވީ ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި ހިމެނޭ 7 މީހެއްގެ މައްޗަށް ދަޢުވާކުރުމުގެ ބަދަލުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައި ވަނީ އެ ޚިޔާނާތުގައި ކޮމިޝަނާ އޮފް ޕްރިޒަންގެ ބައްޕަ ހިމެނޭތީކަމުގައެވެ.
ހައިލަމް މިފަދަ ތުހުމަތެއް ކުރެއްވިއިރު، ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓުން އެނގޭ ގޮތުގައި އުސޫލުން ބޭރުން ކައުންސިލު މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ކައުންސިލުގެ އެހެނިހެން މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރި ފައިސާ އާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއަށް އަރައެވެ.
ނަމަވެސް މިމައްސަލާގައި އެއްވެސް މީހަކަށް ދައުވާ ނުކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ޕީޖީ އޮފީހުގެ މިނިންމުމާއި ގުޅިގެން ހައިލަމް ވަނީ މިފަދަ މައްސަލަ ތަކުހައި ޢަމަލުކުރާ ގޮތާއި، ލިބޭ އަދަބުތަކާއި، އެނޫންވެސް ކަންކަމާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި މައުލޫމާތު ހިއްސާ ކުރައްވާފައެވެ. ހައިލަމް ވިދާޅުވީ ދުވާފަރު މައްސަލާގައި ދަޢުވާކުރުމުގެ ބަދަލުގައި ނަސޭހަތްދިނުމަށް ޕީޖީ އޮފީހުން ނިންމަންޖެހުނީ، މައްސަލާގައި ތުހުމަތުކުރެވޭ ރ.ކަނދޮޅުދޫ، ރިހިތަޅާގެ މުޙައްމަދު ޢަލިފުޅު (ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު) އަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙްމަދު މުޙައްމަދުފުޅު (ރ.ކަނދޮޅުދޫ، ރިހިތަޅާގެ) ގެ ބައްޕަ ކަމަށްވުމުން ކަމަށް ވަނީ މައޫލޫމާތު ލިބިފައިވާކަމަށެވެ.
މި މައްސަލައިގައި ތުޙުމަތުކުރެވޭ މީހުން:
- ރ. ކަނދޮޅުދޫ، ދޯރެންސީވިލާ، ޙަސަން ޙަކީމް
- ރ. ދުވާފަރު، ޒަމާނީގެ، އިޒްމީލް އަޙްމަދު
- ރ. ކަނދޮޅުދޫ، ނިޔާމަ، ޒުހުދާ އާދަމް
- ރ. ކަނދޮޅުދޫ، ދިލްސާދުގެ، އާމިނަތު ޞަލާޙު
- ރ. ދުވާފަރު، ވިލެޖް، މުޙައްމަދު ޝާމް
- ރ. ކަނދޮޅުދޫ، ހުސްނުހީނާގެ، މުޙައްމަދު ނާޞިޙް
- ރ. ކަނދޮޅުދޫ، ރިހިތަޅާގެ، މުޙައްމަދު ޢަލީފުޅު
ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދެވިދާނެ މައްސަލައެއްތަ؟
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 98 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ، ނަސޭހަތްދެވޭ ކުށަށް ކަނޑައެޅިފައިވާ އަދަބު 1 އަހަރުދުވަހުގެ ޖަލުއަދަބަށްވުރެ ބޮޑުވެގެންނުވާނެ ކަމަށް.
- އެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ށ) ގެ 4، 5 އަދި 11 ވަނަ ނަންބަރުގައި ބަޔާންކުރަނީ؛
– މުޖުތަމަޢުގެ ޒިންމާދާރު މަޤާމުގައި ތިބޭ މީހުންނާއި؛
– ދައުލަތުގެ މުވައްޒަފުން އެމީހުންގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިންގާ ޖިނާއީ ކުށްތަކުގައި ނަސޭހަތްދިނުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށް؛
– އަދި ކުށްކުރުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިމެނޭނަމަ، ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ އެފަދަ މީހުންގެ މައްޗަށް ދަޢުވާކުރުން ކަމަށް.
މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކަކީ؛
– މުޖުތަމަޢުގެ ޒިންމާދާރު މަޤާމުތަކުގައި ތިބެ އެމީހުންގެ ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި، 2 މިލިއަނަށްވުރެ ގިނަ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތު ކުރެވޭ ބަޔެއް.
– މި ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކަކީ؛
- ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި (1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލުއަދަބު)
- އެޤާނޫނުގެ 516 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި (3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލުއަދަބު)
- ހަމައެޤާނޫނުގެ 517 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށް (3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލުއަދަބު)
ހައިލަމް ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި ހަމަހަމަކަމާއި ހާމަކަމާއެކު ނުފޫޒުން އެއްކިބާވެހުރެ ކަމަށް ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާކަމަށެވެ.
ނަމަވެސް މިމައްސަލާގައި، ސިޔާސީ ފަރާތްތަކާ ގުޅުންހުންނަ އެހެން މައްސަލަތަކުގައި ވެސް ޕީޖީގެ ނިންމުންތައް މި ދެންނެވުނު އަސާސްތަކާ ޚިލާފުވެފައިވާ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުމުން، ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ޕީޖީ މަސްއޫލިއްޔަތު އަދާކުރައްވަމުންގެންދަވާގޮތް ބައްލަވައިދެއްވައި، ދިވެހި ރައްޔިތުންނާމެދު ޕީޖީ ޢަމަލުކުރައްވަމުން ގެންދަވަނީ ހަމަހަމަކަމާއެކުގައިކަން ކަށަވަރުކޮށްދެއްވުން އެދި ދަންނަވާކަމަށެވެ.
