2019 ގައި ނެރުނު އެންމެ ބެސްޓް ފޯނަކަށް މިވީ އައިފޯން 11 ޕްރޯ
ކޮންމެ އަހަރަކުވެސް ވާދަވެރި ސްމާޓްފޯނު ކުންފުނިތަކުން ތަފާތު މޮޑެލްތަކުގެ ފޯނުތައް މާކެޓް ކޮށް ނެރޭއިރު ކަސްޓަމަރުންގެ މެދުގައި މަޤުބޫލްކަން ލިބެނީ އޭގެތެރެއިން މަދު ފޯނުތަކަކަށެވެ. އެހެންނަމަވެސް ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި އެކިމީހުން ބޭނުންކުރާ ތަފާތު ފޯނުތަކުގެ ރޭންކިންގ އަށް ބަލައި ކޮންމެއަހަރަކުވެސްނެރޭ އެންމެ ބެސްޓް ފޯނުތައް ތަރުތީބު ކޮށްލާއިރު އެކި ހިސާބުތަކަށް އަންނަނީ ތަފާތު ލިސްޓެކެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިޔާ ހިމެނޭ އޭޝިޔާ ސަރަޙައްދަށް ބަލައި އެލިސްޓް ތަރުތީބުކޮށްލެވިފައިވާއިރު އެއްވަނައަށް އަންނަނީ އައިފޯން 11 ޕްރޯއެވެ.
މިދިޔަ އަހަރު ނެރުނު އައިފޯން އެކްސްއާރުގެ ބަދަލުގައި ނެރުނު އައިފޯން 11 ގައި ވަނީ ދެ ލެންސް ހިމެނޭ ކެމެރާ ސިސްޓަމެއް ގާއިމްކޮށްފަ އެވެ. މި ފޯން މެދުވެރިކޮށް 4ކޭ ވީޑިއޯ ނެގުމުގެ އިތުރަށް، ވައިޑް އޭންގަލް ފޮޓޯ ވެސް ނެގޭނެ އެވެ. ކަޅު، ހުދު، ރީދޫ، ރަތް، ދަނބު އަދި ފެހި ކުލައިގެ ވާޝަންތައް ހިމެނޭ އައިފޯން 11 ގައި އިތުރަށް ހިމަނާފައިވާ ފީޗާތަކުގެ ތެރޭގައި ވައިފައި6 ސްޓޭންޑާޑް ސަޕޯޓްކުރުމާއި އައިފޯން އެކްސްއާރަށް ވުރެ އިތުރަށް އެއް ގަޑިއިރު ޗާޖު ހިފެހެއްޓުން ހިމެނެ އެވެ.

މިދިޔަ އަހަރު ނެރުނު އައިފޯން އެކްސްއެސް އަދި އެކްސްއެސް މެކްސްގެ ބަދަލުގައި މި އަހަރު ނެރުނީ އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް އެވެ. މީގެ ތެރެއިން، ޕްރޯގައި 5.9 އިންޗި އަދި ޕްރޯ މެކްސްގައޮ 6.5 އިންޗީގެ އޯއެލްއީޑީ ސްކްރީނެއް ހުންނައިރު، މިއިން ކޮންމެ ފޯނެއްގައި ވަނީ ތިން ލެންސް ހިމެނޭ ކެމެރާ ސިސްޓަމެއް ގާއިމްކޮށްފަ އެވެ. އެއީ ޓެލެފޮޓޯ ލެންްސަކާއި ވައިޑް ލެންސެއްގެ އިތުރުން، އަލްޓްރާ ވައިޑް ލެންސެކެވެ. އައިފޯން އެކްސްއެސް އަށް އައިފޯން 11 ޕްރޯގައި ހަތަރު ގަޑިއިރު އަދި އެކްސްއެސް މެކްސް އަށް ވުރެ ޕްރޯ މެކްސްގައި ފަސް ގަޑިއިރު އިތުރަށް ބެޓަރީގެ ބާރު ހުންނާނެ އެވެ.
އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސްގައި ވެސް ބޭނުންކޮށްފައި ވަނީ އެޕަލް އިން އަމިއްލަ އަށް ތައްޔާރުކޮށްފައިވާ އޭ13 ބަޔޮނިކް ޗިޕެކެވެ. މިއީ، މިދިޔަ އަހަރުގެ ފޯނުތަކާ އެއްކޮށް ނެރުނު އޭ12 ބަޔޮނިކް ޗިޕަށް ވުރެ އެވްރެޖުކޮށް 20 ޕަސެންޓް ހަލުއިކޮށްދޭ ޗިޕަކަށް ވާއިރު، މިއީ ސްމާޓްފޯނެއްގައި ހިމަނާފައިވާ އެންމެ ވަރުގަދަ ޗިޕް ކަމަށް އެޕަލް އިން ބުންޏެވެ.