ޚަބަރު

ކަރަންޓްގެ އަގު ހެޔޮކުރަން އޮތްއެންމެރަނގަޅު ހައްލަކީ އިންޖީނުގެތައް ކައުންސިލްތަކާއި ހަވާލުކުރުން: ހާރޫން

ރަށްރަށުގެ ކަރަންޓްގެ އަގުހެޔޮ ކުރުމަށް އޮތް އެންމެ ރަގަޅު ޙައްލަކީ ރަށްރަށުގެ އިންޖީނުގެ ގެތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ދިނުން ކަމުގައި މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ވިދާޅުވެއްޖެއެވެ.

ކަރަންޓް އަގުހެޔޮކުރުމާއި ގުޅޭގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރަށް ބަހުސް ކުރައްވަމުން ހާރޫން ވިދާޅުވީ ކަރަންޓްގެ ހިދުމަތްދޭން އުފައްދާފައިވާ ފެނަކަ ކުންފުނި ލާމަރުކަޒު ކުރުމުގެ ވާހަކަ ދައްކާއިރު އޮތް އެންމެ ރަނގަޅު ހައްލަކީ އިންޖީނުގެ ބެލެހެއްޓުމަށް ކައުންސިލް ތަކަށް ދިނުން ކަމަށެވެ. އަދި އެއީ އެރަށެއްގެ މާހައުލާއި ގުޅޭގޮތުން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ލިބޭނެ ފުރުސަތެއް ކަމަށާއި ބަޖެޓުންދޭ ބިލިއަނެއްހާ ރުފިޔާގެ ތެރެއިން މިލިއަނެއްހާ ރުފިޔާނަމަވެސް ކައުންސިލް ތަކަށްދީގެން ގޭގޭގައި ސޯލާ ހަރުކޮށް އިއާދަކުރަނިވި ގޮތަކަށް ކަރަންޓް އުފެއްދޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށްވެސް ހާރޫން ވިދާޅުވިއެވެ.

ކަރަންޓް އަގު ހެޔޮކުރުމަކީ އެޖެންޑާ19 ގެ ވައުދެއް ކަމަށާއި ނަމަވެސް މިހާތަނަށްވެސް އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށްވެސް ހާރޫނު ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ ސަރުކާރުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި 800 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދީގެން ވެސް ކަރަންޓަށް އެކަށީގެންވާ ހައްލެއް އައިސްފައި ނުވާކަމަށެވެ. އެހެންކަމުން އެކަމުގައި ދެވަނަ ވިސްނެވުމަކަށް ދާންޖެހޭ ކަމަށެވެ. އަދި ސަބްސިޑީ ދިނުމަކީ ކަރަންޓް އަގުހެޔޮކުރުމަށް އޮތް ހައްލެއް ނޫންކަން ވެސް ވިސްނަވަންޖެހޭ ކަމަށެވެ.

ހާރޫން ވިދާޅުވީ ސޯލާއިން އުފައްދާ ކަރަންޓް އުފައްދައި އިއާދަކުރަނިވި ނިޒާމަކަށް ރާއްޖެ ބަދަލުވުމަކީ ސަރުކާރުން ވައުދުވަމުންދިއަ ކަންކަން ކަމަށާއި، އަންނަ އަހަރުގެ ބަޖެޓް ހުށަހެޅިފައިވާ މި ވަގުތުގައި އެކަމަށް ވިސްނައިގެން ގޮތްތަކެއް ނިންމުން މުހިންމު ކަމަށެވެ.

މީގެ އިތުރަށް ގްރީންފަންޑާއިމެދުވެސް ވިސްނައި ރާއްޖެ އެތެރެކުރާ ތެލުގެ ބޮޑުބައެއް ކަރަންޓަށް ބޭނުން ކުރާއިރު، ތެލަށް ކުރާ ހޭދަ ކުޑަކުރަންޖެހޭ ކަމަށެވެ. އަދި ތިމާވެށީ ހިމާޔަތްކުރަން ވަކާލާތުކުރާ ކަންކަން ހަގީގަތަކަށް ހެދުމަށް ވިސްނަންޖެހޭ ކަމަށާއި އެހެންކަމުން ކަރަންޓް އަގުހެޔޮކުރުމާއި ގުޅޭގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ފާސްވެގެންދާއިރު ދިވެހިން އެދޭބަދަލު ކަރަންޓް އުފެއްދުމުގެ ނިޒާމަށް ގެންނަންޖެހޭ ކަމަށް ހާރޫން ވިދާޅުވިއެވެ.

ކަރަންޓް އަގުހެޔޮ ކުރުމަށް ގޮވާލައި ޤަރާރުގައި ވަނީ އެކަމުގައި ޤައުމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ހުށަހަޅުއްވާފައެވެ. އެގޮތުން ކަރަންޓްގެ އަގު ކުޑަކޮށް، ރައްޔިތު މީހާގެ ދިރިއުޅުމުގެ ފެންވަރަށްބަލައި އެއްވެސް އާއިލާ އަކަށް ބުރަނުވާގޮތަށް ކަރަންޓް ސަބްސިޑީ ފޯރުކޮށްދިނުމާއި، ތެލަށް ކުރާ އިސްރާފު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް ތަރައްގީކުރުމަށް މި ޤަރާރުގައިވެސް ވަނީ ގޮވާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close