ޚަބަރު

އަދީބުދެއްވި ފައިސާއަކީ އަޅުގަނޑުގެ މަސައްކަތުގެ އުޖޫރަ – ޢަލީ ޙުސެއިން

އަދީބު އެކިފަހަރު މަތިން ފަސްލައްކައެއްހާ ރުފިޔާ ދީފައިވާކަމަށާއި، އެފައިސާއަކީ ކޮށްދިން މަސައްކަތުގެ ހަލާލު އުޖޫރައަށްވާ ފައިސާ ކަމަށް ހިޔާނާތުގެ ފައިސާ ލިބިލެއްވި މެމްބަރުންގެ ލިސްޓުގައި ނަން ހިމެނިފައިވާ ކަމަށްބުނާ މަޝްހޫރު ޤާނުނީ ވަކީލު ޢަލީ ޙުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި އޭނާގެ ނަން ހިމެނޭކަމަށް ލިބުނު ހަބަރަކާއި ގުޅިގެން، އަމިއްލަފުޅަށް ފުލުސް އޮފީހަށް ހާޒިރުވެ ފުލުހުންނާ އެކު މައުލޫމާތާއި މައްސަލަތަކާއި ގުޅޭ ލިޔެކިޔުންތައް ހިއްސާކުރުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ނޫސްވެރިންނަށް ކަމުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އަލީ ހުސައިން ވިދާޅުވީ، އަދީބު އަތުން ލިބިވަޑައިގެންނެވި ފައިސާއަކީ، އެކި ފަހަރު މަތިން އޭނާގެ ލޯ ފަރމް މެދުވެރިވެގެން އަދީބުއަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ފައިސާ ކަމަށެވެ.

އަދީބުގެ އެދިލެއްވުމަކަށް އަދީބުގެ ބައްޕަގެ ދެ މައްސަލައެއްގައިއާއި އަދީބުގެ ދެ ރައްޓިއްސެއްގެ މައްސަލައެއްގައިވެސް ވަކީލެއްގެ ހައިސިއްޔަތުން އަލީ ހުސައިން ފުލުހަށް ގޮސްފައިވެއެވެ. އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ޖީއެސްޓީ މައްސަލައަކާ ގުޅޭ ކޯޓް ކޭސްތަކެއްގައިވެސް ވަކާލާތު ކޮށްދީފައިވާނެ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

މި މަސައްކަތްތަކަށް ޖުމްލަ އެއް މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ލިބެންޖެހޭއިރު، އޭގެ ތެރެއިން އަދީބު ދެއްވާފައިވަނީ ފަސް ލައްކަ ރުފިޔާކަން އަލީ ހުސައިން ފާހަގަކުރެއްވިއެވެ. ފައިސާ ދީފައިވަނީ 2014ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލެއްވުމުގެ ކުރިން، އަދީބު އޭނާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުށައެޅުއްވިކަމަށާއި އެކަމަށް ނޫނެކޭ ބުނެފައިވާނެ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ހިޔާނާތްތެރިވެފައި ނުވާނެ ކަމުގެ ހެއްކަކަށް މަޖިލީހުގައި ދެއްވާފައި ހުރި ވޯޓުތަކާއި އަމަލުކުރެއްވި ގޮތް ފުދޭކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އަލީ ހުސައިން ވިދާޅުވި ގޮތުގައި، އަދީބު އެދުނު ގޮތާއި ދެކޮޅަށް ދިން ވޯޓުތަކާއި ގުޅިގެން އޭނާގެ ލޯ ފަރމްއާ އެކު ވެފައިވާ އެއްބަސްވުންތައް އަދީބު ބާތިލްކުރެއްވިއެވެ.

ތަހުގީގެއް ހިންގައިފިނަމަ، ކުށެއް ނެތް ކަން ހާމަވާނެ ކަމަށް އަލީ ހުސައިން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެއްވެސް އިރެއްގައި ހިޔާނާތްތެރިވެފައި ނުވާނެކަމުގެ ޔަގީންކަންވެސް އަލީ ހުސައިން އެރުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ޖުމްލަ 267 ފަރާތަކަށް ލިބިފައިވާކަމަށް ފުލުހުން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ. އޭގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ރަސްމީ އެއްވެސް މަސްދަރަކުން މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close