ޚަބަރު

“ދިރާގު މާލެ އޯޕަން” ފެތުމުގެ މުބާރާތް އަންނަ ހޮނިހިރު ދުވަހު

ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން ބާއްވާ “ދިރާގު މާލެ އޯޕަން” ފެތުމުގެ މުބާރާތް އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފެތުމުގެ މި މުބާރާތުގައި 198 ފެތުންތެރިން ބައިވެރިވާނެ ކަމަށް ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޝަމީމް ވިދާޅުވީ، މި މުބާރާތުގައި ހުރިހާ އުމުރެއްގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭނެކަމަށާއި، މި މުބާރާތް އާންމުންނަށް ހުޅުވާލީ ރާއްޖެ އަކީ ފެތުންތެރިން އުޅޭ ގައުމަކަށް ހަދައި، ފެތުންތެރިން އިތުރުކުރުމުގެ މަގްޞަދުގައި ކަމަށެވެ.

މި މުބާރާތުގައި ގެންދާނީ 1 ކިލޯ މީޓަރުގެ އިވެންޓަކާއި، 500 ކިލޯމީޓަރުގެ އިވެންޓެކެވެ. އުމުރުފުރާތަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާއިރު 10 އަހަރުން ދަށުގެ އުމުރުފުރާ، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 20 އަހަރުން ދަށް، 39 އަހަރުން ދަށް، 49 އަހަރުން ދަށް އަދި 50 އަހަރުން މަތީގެ އުމުރުފުރާ ވެސް ހިމެނޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ރަސްފަންނު ސަރަހައްދުން ކަނޑުގައި ބާއްވާ މި މުބާރާތުގެ ސަލާމާތީ ކަންކަން ވަރުގަދަވާނެ ކަމަށާއި، ކޮންމެ ފެތުންތެރިއަކަށް ވެސް ބޮއެއް ލިބޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. ވަރުބަލިވުމުން އެ ބޮއެ ބޭނުންކޮށްގެން މަޑުކޮށްލައިގެން ތިބެވޭނެ އެވެ. މި މުބާރާތުގައި ބޭނުންކުރާ ބޮއެ ހަދާފައިވަނީ ގައިގައި އައްސައިގެން ފަތަން ފަސޭހަ ވާނެހެންނެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، މި މުބާރާތް މާލޭގައި ފެށި ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް މިފަދަ މުބާރާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި މުބާރާތަށް ކޮލިފައި ވާގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މުބާރާތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މުބާރާތުގައި ކޮންމެ އުމުރުފުރާ އަކުން 1، 2، 3 ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ އަދި މި މުބާރާތް ނިންމާ ކޮންމެ ފެތުންތެރިއަކަށް ވެސް މެޑަލް އެއް ލިބޭނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close