ޔާމީންވެސް ޖޭޕީއަށް ސޮއިކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ވެލީދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދުވެސް މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ދޫކުރައްވައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ. ޔާމީނާއެކު ބްރޮޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އިސްމާއިލް ސޮފްވާންވެސް ރޭވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވާފައެވެ.
ޔާމީނާއި، ސޮފުވާން ޖުމްހުރީ ޕާޓީއަށް ސޮއިކުރެއްވީ، ރޭ މ. ކުނޫޒް ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޖޭޕީއާ ގުޅިވަޑައިގަތުމުގެ ކުރިން ޔާމީން ހުންނެވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އިސްވެހުންނަވާ އުފެއްދި މޯލްޑިވިއަން ތާޑްވެ ޑިމޮކްރެޓްސް (އެމްޓީޑީ) ގައެވެ. އެ ޕާޓީގެ ޓިކެޓްގައި ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް އޭނާ ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރުކަމަށް މީގެ ކުރިން އިންތިހާބުވެ ވަޑައިގެންނެވީ އެމްޑީޕީ ޓިކެޓްގައެވެ. އެހެން ނަމަވެސް އޭނާ ވަނީ ފަހުން ޕީޕީއެމް އަށް ސޮއިކުރައްވާފައެވެ.
ރޭ ޖޭޕީއަށް ސޮއިކުރެއްވި ސޮފްވާން އަކީ، ނިމިދިޔަ ރިޔާސީ އިންތިހާބަށް ފަހު އޮފީހަށް ނިކުމެ ވަޑައިނުގަނެ ބަރާބަރަށް މުސާރަ ނަންގަވަމުން ދިޔަ ބޭފުޅެއްކަމަށް މީޑއިާގައިވަނީ މަޝްހޫރުވެފައެވެ.
ސޮފްވާން ބްރޮޑްކޮމްގެ ނައިބް ރައީސް ކަމުން އިސްތިއުފާދެއްވީ، އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމާފައިވަނިކޮށެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ސޮފްވާންގެ ފަރާތުން ވަކިގޮތަކަށް ކަންކަން ނިންމަން ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށާއި، ރާއްޖެޓީވީ ބަންދުކުރަން އޭނާ މަސައްކަތް ކުރެއްވި ކަމަށް ބްރޮޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވަނީ ވިދާޅުވެފައެވެ.



