ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފި
ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ފައްޓަވައިދެއްވައިފިއެވެ. މިކަމަށްޓަކައި އިއްޔެ ބޭއްވި ތާރީޚީ ރަސްމިއްޔާތުގައި މިސްކިތް ރޭވުން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ވަރުވާ ކަނުގެ ގައު ބަހައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމދު ޞާލިހެވެ.
ރައީސުލްޖުމްހޫރިއްޔާއަށްފަހު ދެން ގައު ބަހައްޓަވައި ދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާ، ދައުލަތުގެ ވަޒީރުންގެ އިތުރުން ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިންނާއި ސިޓީ ކައުންސިލުގެ މެންބަރުންނާއި ދައުލަތުގެ އިސްމަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނެވެ.
މިބޭބޭފުޅުންގެ ތެރޭގައި ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިޔާ ކުރީގެ ވަޒީރު އުމަރު ޒާހިރާއި، ކުރީގެ ދިވެހިބަހާއި ތާރީޚަތް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އައްބާސް އިބްރާހީމްވެސް ހިމެނިވަޑައިގަންނަވައެވެ.
ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓެވުމަށް ފުރަތަމަ ގައު ބަހައްޓަވައިދެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޤައުމިއްޔަތު ދިރުވާ އާލާކުރުމަކީ އަދުގެ ސަރުކާރުގެ މުހިއްމު ވަޢުދެއްކަމަށާއި، ރާއްޖޭގެ ތަރަކައާ ސަގާފަތް އާލާކޮށްދިރުވުން މާރަނގަޅަށް މީގެކުރިން ކުރެވިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޖަޒީރާ ވަންތަ ޤައުމެއްގެ ގޮތުގައި ރާއްޖެ ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގައި މިއަދު ފެށިގެން މިދިޔައީވެސް މުހިއްމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
ކަޅުވަކަރު މިސްކިތް އަލުން ބެހެޓުމުގެ މަސައްކަތް ފެށިގެން ދިއުމާއި ގުޅިގެން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއްކަމަށާއި، ކަޅުވަކަރު މިސްކިތަކީ މާލޭ ރައްޔިތުންގެ ތަރިކައެއްކަމަށެވެ. އެހެންކަމުން އެމިސްކިތް އަލުން މާލޭގައި ބެހެއްޓިގެން ދިއުމަކީ އުފާފުޅުކުރައްވާކަމެއްކަމަށެވެ. 200 އަހަރު ވެފައިވާ ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަން ފެނިގެންދާ ކަޅުވަކަރު މިސްކިތް މާލޭގައި އަލުން ބެހެެއްޓިގެދާއިރު، ކުރިއަށް އޮތްތަނުގައި މިމިސްކިތް ހުންނާނީ ނަމާދުކުރެވޭ އަދި މިސްކިތް ބަލާލަން އަންނަ ފަރާތްތަތަކަށްވެސް ފެންނާނެގޮތަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިގެންނެވެ.

މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރަން ނިންމާފައިވަނީ ހެރިޓޭޖް ޑިޕާޓްމަންޓުގެ ޓީމަކުންނެވެ.

