ޖޭޕީ އިތުރަށް ވަރުގަދަކޮށް އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވަނީ
ޖުމްހޫރީ ޕާޓީއިން އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރާނެކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންތަކެއް ސޮއިކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ބައިވެރިވުމެއް ނެތި މިހާތަނަށް އެއްވެސް ސަރުކާރަކަށް ވެރިކަމަށް އާދެވިފައި ނުވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ވާދަވެރި ދެ ޕާޓީއެއްގެ އިތުރުން ހަމަ އެ ފެންވަރުގައި ތިންވަނަ ބަޔަކުވެސް އޮންނަން ޖެހޭ ކަމަށެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ވަނީ ހުރިހާ ޕާޓީތަކަށް ފުރުސަތު ދީފައި ކަމަށާއި، އެއިން ކޮންމެ ފުރުސަތެއްވެސް ދިން ސަރުކާރެއް ވެރިކަން ކުރީ ޖުމްހޫރީ ޕާޓީގެވެސް ބައިވެރިވުމާ އެކުގައި ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ އިރު، ގާސިމް މިރޭ ވިދާޅުވީ އޭނާގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ޕާޓީއަށް 30،000 އަށް ވުރެ ގިނަ މެމްބަރުން ހަމަކުރުން ކަމަށެވެ. އަދި އެ ޕާޓީގެ މެމްބަރުންނަށް އިޚްތިޔާރު ލިބޭގޮތަށް ޕާޓީ ރިފޯމްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
“ދެން އަންނަ އަޅުގަނޑުމެންގެ ޕާޓީ ކައުންސިލުގެ ބައްދަލުވުމަކަށް ހުށަހަޅަން ގަސްދުކުރަނީ ޕާޓީގެ ލީޑަރުވެސް ހޮވާނީ ރައްޔިތުންގެ ވޯޓަކުންކަން، އަދި ޕާޓީ ކޮންގްރެސްއަކުން ނޫންކަން. އެގޮތަށް ވިސްނާފައި އެ ބަދަލުވެސް ގެންނަން ވަނީ ނިންމާފައި،” ގާސިމް ވިދާޅުވިއެވެ.
