ޚަބަރު

ރިލްވާން މަރާލުމުގެ މައްސަލައިގައި ފުލުހުންގެ އަތެއްވާނަމަ ފިޔަވަޅުއަޅާނަން – ޕޮލިސް

މިދިޔަ ހޯމަ ދުވަހު ފުލުހުންގެ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މަރުތަކާބެހޭ ކޮމިޝަނުން އާންމު ކުރި މައުލޫމާތުގެ ތެރޭގައި ދެ ފުލުހަކާއި ގުޅޭ ގޮތުން ފާހަގަ ކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކުގެ މައްސަލަ އެ އިދާރާގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އިތުރަށް ތަހުގީގުކޮށް ، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އެބަޔާން ފުލުހުން ނެރެފައިވަނީ ނޫސްވެރިޔާ ރިލްވާނު މަރާލާފައިވަނީ އަލްގައިދާއާ ގުޅުން އޮންނަ ޓެރަރިސްޓު ޖަމާއަތަކުން ކަމަށް ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން އާދިއްތަ ދުވަހު ބުނެފައިވަނިކޮށެވެ.

ފުލުހުން ބުނީ ރަހީނުކުރުމަށްފަހު މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެކަމުގައި އެ އިދާރާގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއްނުވަތަ ކުށެއްވާނަމަ އެ ފަރާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުން ނެރުނު ބަޔާނުގައި ވަނީ ރިޔާސި ކޮމިޝަންގެ ރިޕޯޓް އެ އިދާރާއަށް ލިބުމުން މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ޖިނާއި ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެ ފަރާތަކައި މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.

ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގައި ފާހަގަކުރެވުނު ކަންތައްތަކާއި ބެހޭ ގޮތުން ހޯމަ ދުވަހު އެ ކޮމިޝަނާ ބައްދަލުކޮށް އިތުރަށް ތަހުގީގު ކުރަންވީ ކަންތައްތަކާއި ގުޅޭ ގޮތުން ފުލުހުން ވަނީ މަޝްވާރާ ކޮށްފައެވެ.

ރިލްވާނުއަށް އިންސާފު ހޯދައިދިނުމަށް އާއިލާއާއި ހެޔޮ އެދޭ ފަރާތްތަކުން އުންމީދުކުރި ހިދުމަތެއް ފޯރުކޮށްދެވިފައިނުވާތީ އެބަޔާނުގައި ފުލުހުން ވަނީ މާފަށްވެސް އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close