ޚަބަރު

މިއީ ޤައުމުގެ ހެވާއި ލާބަޔަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ޢަޒުމް އާކުރުމަށް ލިބޭ ފުރުޞަތެއް – ރައީސް

މިއީ ފަރުދީ ފެންވަރުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، އިޖްތިމާޢީ އެކުވެރިކަމުގެ ތެރެއިން، ޤައުމުގެ ހެވާއި ލާބަޔަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ޢަޒުމް އާކުރުމަށް ލިބޭ ފުރުޞަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހިޖްރައިން 1441 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ޤައުމަށްޓަކައި ދިވެހިން މިއަދު ތެދުވާންވީ، ނަބަވީ ހިޖްރައިން އުފައްދައިދިން ފަދަ، އެއް އިޙްސާސްތަކެއް ޙިއްޞާކުރާ، އެއް ހަމަތަކެއް ޤަބޫލުކުރާ، އެއް ޙައްޤުތަކަކަށް ވަކާލާތުކުރާ، އެއް އުންމަތެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ޙިޠާބުގައި ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަމާއި، އިންސާނީ ކަރާމާތް ދަމަހައްޓައި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ވަކާލާތު ކުރުމުގެ މުހިންމުކަން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، އިންސާނުންގެ މެދުގައި ތަފާތުކުރުން ނައްތާލައި، ހަމަހަމަކަން ޤާއިމްކުރުމަށް ގަދައަޅައި މަސައްކަތްކުރުމާއި، ކޮންމެ ފަރުދެއްގެ ކޮންމެ ކަމެއްގައިމެ، ޢަދުލުވެރިކަން އިސްކުރުމުގެ މުހިންމު ކަމަކީވެސް ހިޖްރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ހިޖްރީ އާ އަހަރަކާ ބައްދަލުކުރާއިރު، ހިޖްރައިގެ ހާދިސާއިން ލިބިދޭ މިފަދަ ފިލާވަޅުތައް، ޙަޔާތުގެ ޢަމަލީ މައިދާނުގައި ތަންފީޒު ކުރެވެނީ، ކިހާ މިންވަރަކަށްތޯ ވިސްނައިލުން މުހިންމުކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހިންގެ މެދުގައި އޮންނަންޖެހޭ ދީނީ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ޢާއިލީ ގުޅުންތަކާއި، އިޖްތިމާޢީ ރަޙްމަތްތެރިކަން ދެމެހެއްޓުމުގައި، ތިމާއަށް އަދާކުރެވޭނީ ކޮން ދައުރެއްތޯ، ހަމަ ކޮންމެ ފަރުދަކު ވިސްނައިލުން މުހިންމުކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close