އެ ހަނދާތަކާ ދުވަހަކުވެސް ވަތްކެއް ނުވެވޭނެ – ލޯންޗް ބަންޑުންޖަހާލި ޙާދިސާ
ހދ. ނޮޅިވަރަންފަރުން ފުރައިގެން އެއަތޮޅު ހަނިމާދޫއަށް ކުރިދަތުރެއްގައި ބައިވެރިވި ނޮޅިވަރަން ފަރުގެ އެއް ޢާއިލާއެއްގެ 4 މެމްބަރުން ނާއި، އަދި އެހެން ޢާއިލާއަކަށް ނިސްބަތްވިޔަސް ހަމަ އެރަށުގެ އެހެން ފަރުދަކާއެކު ލޮބުވެތި 5 ފުރާނައެއް އެއްފަހަރާ ކަނޑުވެ ނިޔާވި ޙާދިސާއަކީ އެއްވެސް ދިއްވެއްސެއްގެ ހިތުން ދުވަހަކުވެސް ފިލުވައި ނުލެވޭނެފަދަ ޙާދިސާއެކެވެ. ދިވެހިންގެ އެއްޢާއިލާއަކުން އެއްފަހަރާ މިހާގިނަމަރުތަކެއް މިއީ ފަހުގެ ތާރީޚެއްގައި މިހާފާޅުކަންބޮޑު ގޮތަކަށް ފެނިގެންދިޔަ ފުރަތަމަފަހަރު ކަމަށްވެސް ވެދާނެއެވެ. އެހެންވުމުގެ ސަބަބުންވެސް މިޙާދިސާ ސިފަކުރެވިގެން މިދަނީ ވަރަށް ފުން ހިތާމަވެރި އިޙްސާސްތަކެއް ކުރުވަނިވި ޙާދިސާއަކަށެވެ. ހަމަގައިމުވެސް އެ ނިޔާވި ޝަހީދުންގެ ޛިކްރާއަކަށް ދުވަހަކުވެސް ނިމުމެއް ނާންނާނެއެވެ.
މިހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުން ހިމެނެއެވެ. މި ހަދިސާގައި ނިޔާވެފައި ވަނީ ނޮޅިވަރަމްފަރު ސްކޫލުގެ އެންމެ ގިނަ ދުވަސްވީ ޓީޗަރު ކަމަށްވާ ހުސެއިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އަދި އެ ދެމަފިރިންގެ ހަމައެކަނި ހުރި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲގެ އިތުރުން ގުރައިޝާގެ ތިން އަހަރުގެ ދަރިފުޅު އަދި އެރަށު ސްކޫލުގެ އެހެން ޓީޗަރެއްގެ އަންހެނުންނެވެ.
މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަވެ ކަނޑު ގަދަވެފައި ވަނިކޮށް، ތިލަ ވެގެން ދިޔައީ، ހދ. ނޮޅިވަރަންފަރުން ހަނިމާދުއަށް ފުރި ލޯންޗެއް ފުރި ފަހުން ޚަބަރު ނުވެގެން ހޯދަން ފެށި ވާހަކައެވެ. ޤުރައިޝާގެ ލޯބިވާ ފިރިމީހާ މާލެ އަންނަތަނަށް ދިޔުމަށް ކުރިދަތުރުގެ ވާހަކައެވެ. މިދަތުރުގައި ޤުރައިޝާގެ މަންމައާއި ބައްޕަ ބައިވެރިވިނަމަވެސް އެދެމަފިރިން އޮތީ ހަނިމާދުއާއި ހިސާބުން ޤުރައިޝާއާއި ވަކިވެ އެނބުރި ރަށަށް އައުމުގެ ޚިޔާލެވެ. ދަތުރު ރޭވިފައިވެސް އޮތީ އެގޮތަށެވެ. ނަމަވެސް އެ ހަތަރުމައިން އެއްފަހަރާ ކަނޑަށް ގެނބި މަރުވެދާނެކަމަކަށް އެކަކުވެސް ހީކޮށްފައެއް ނުވާނެއެވެ.
ނޮޅިވަރަންފަރަކީ، ހަނިމާދުއާ އެންމެ ކައިރީގައި އޮންނަ އެއް ރަށެވެ. ލޯންޗެއްގައި މި ދެ ރަށުގެ ދެމެދު ކުރާ ދަތުރަކަށް ހޭދަވަނީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓެވެ. ބަންޑުން ޖަހާލި ލޯންޗަކީ، ނޮޅިވަރަންފަރުން އާންމުކޮށް ހަނިމާދުއަށް ދަތުރުކުރާ ލޯންޗަކަށް ވިޔަސް މި ކުރު ދަތުރުގައި ލޯންޗުގެ ޚަބަރު ނުވެގެން ހޯދަން ފެށީ، ހަނިމާދުއަށް ބަނދަރު ކުރަން ޖެހޭ ވަގުތަށް ވުރެ އެތައް އިރެއް ލަސްވުމުންނެވެ.
ލޯންޗުގެ ޚަބަރެއްވީ ލޯންޗު ބަނދަރު ކުރުމަށް ހަމަޖެހިފައިވާ ވަގުތަށްވުރެ ގަޑިއެއްހާއިރު ފަސްވިފަހުން އެ ލޯންޗުގައި ދަތުރު ކުރި އެލޯންޗް ދުއްވަންއިން މީހާއާއި، އަދި އިތުރު މީހަކު ފަތާފައި ހަނިމާދޫ އަށް އަރާ ލޯންޗު ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ދިނުމުންނެވެ.
ހަނިމާދޫ ކަނޑިންމަ އަކީ މޫސުން ގޯސް ދުވަސްވަރުތަކުގައި ވަރަށް މަދު ފަހަރަކުނޫނީ ބޭނުންކުރާ ކަނޑިންމައަކަށް ނުވިޔަސް މިއަދު އެ ލޯންޗު ދުއްވަން އިން ކައްޕި އެ ކަނޑިންމަ އަށް ވަންނަން ނިންމީ ފަހަރެއްގައިވެސް މިފަދަ ހިތާމަވެރި ޙާދިސާއެއް ކުރިމަތިވެދާނެ ކަމަކަށް ނޫނެވެ. ލޯންޗު ބަންޑުން ޖަހާލީ ކަނޑިންމަ އިން ވަންނަން އުޅުމުގެ ތެރޭގައި ނެގި ރާޅަކާ އެކުއެވެ.
ކުޑަކުއްޖަކު ހިމެނޭ ގޮތަށް ޖުމްލަ 10 މީހުންނާ އެކު ދަތުރު ކުރި މި ލޯންޗު ހޯދަން ފެށިތާ މާގިނަ އިރެއް ނުވެ، ލޯންޗުން ދަތުރުކުރި 7 މީހަކު ފެނުނެވެ. އެމްއެންޑީއެފްގެ ކޯސްޓްގާޑް އަދި ސީ އެމްބިއުލާންސް ބޭނުން ކޮށްގެން ގެއްލުނު މީހުން ހޯދަމުން ދަނިކޮށް ގަޑި އިރެއް ހާއިރު ފަހުން ލޯންޗުގައި ދަތުރުކުރި ހުރިހާ އެންމެން ފެނިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފުން އެވަގުތު މީޑިއާއި ޙިއްސާކުރެއްވިއެވެ.
ދިވެހިންގެ ތެރޭގައި މަދުންނަމަވެސް މިފަދަ ޙާދިސާތައް ހިނގައިފައިވިޔަސް އަދި ގުޅީފަޅަށް ބަންޑުންޖަހާލި ދޯންޏާއި، އެނަމާބޯޓްގެ ޙާދިސާގެ އަސަރުތައް އަދިވެސް ނުފިލާހުއްޓަސް މިއަދު މިހިނގި ޙާދިސާއަކީވެސް އެހަނދާންތަކުގެ ތެރެއަށް އިތުރުވެގެންދިޔަ ހިތި ހަނދާނެކެވެ. އަދި ޢަމުދުން ނިޔާވި ފަރާތްތައް ނިސްބަތްވާ ޢާއިލާތަކަށް ފުންއަސަރުތަކެއް ކުރުވާނެ ހާދިސާއެކެވެ.
މި ހާދިސާގެ ފުންހިތާމައިގައި “ނާރެސްމީޑިއާ”އިން ބައިވެރިވެ ޢާއިލާއަށް ތައުޒިޔާ ދަންނަވަމެވެ. އަދި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަގުމާތްވި މި ބަސްފުޅުގެ މަތިން ހަދާން ކުރަމެވެ.

އެކަލޭގެ ފާނު ޞައްލަﷲ ޢަލައިހި ވަސައްލަމު ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “ގެނބިގެން މަރުވާ މީހާއަކީ ޝަހީދެކެވެ. ބަނޑުގެ ބައްޔެއްގައި މަރުވާ މީހާއަކީ ޝަހީދެކެވެ. އަލިފާނުގެ ހާދިސާއެއްގައި މަރުވާ މީހާއަކީ ޝަހީދެކެވެ. ޠާޢޫނު ބަލި ޖެހިގެން މަރުވާ މީހާއަކީ ޝަހީދެކެވެ. ނިފާސްކަމުގައި މަރުވާ އަންހެނާ އަކީ ޝަހީދެކެވެ. ވެއްޓޭ ޢިމާރާތެއްގެ ދަށުވެ މަރުވާ މީހާއަކީ ޝަހީދެކެވެ.“
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ



