ރާއްޖެއާއި އިންޑިޔާގެ ދެކުނުގެ ހިސާބުތަކަށް މިކުރަނީ އެއްވިއްސާރައެއް
ރާއްޖެއާއި އިންޑިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް ކުރަމުން މިދާ ވިއްސާރައަކީ އިންޑިޔާ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑެއް ވިއްސާރަ ވިލައަށް ބަދަލުވެ ކުރަމުންދާ އެއްވިއްސާރައެއްކަމަށް މޫސުމާބެހޭ ރިޕޯޓްތައް ބުނެފިއެވެ.
އިންޑިއާގެ ކަރުނާޓަކާ އަށް ކުރަމުންދާ ވިއްސާރައިގައި އެކިސަރަޙައްދުތައް ފެންބޮޑުވުމުން ރައްކާތެރިކަން ހޯދަމުންދާއިރު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަނީ އެކިވަރުގެ ގެއްލުންތައް ވަމުންނެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާގޮތުގައި އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގައި ބެލްގާވީގެ ކްރިޝްނާ ކޯރު ފުރި ބަންޑުންވުމާއި ގުޅިގެން އެ އަވަށުގައި ފެންބޮޑުވެ ގޭގޭގެ ފުރާޅާއި ހަމައަށް ވަނީ ފެންގަނޑު އުފުލިފައެވެ.
ނޫސްތަކުން ބުނާގޮތުގައި ގިނަ އަދަދެއްގެ ކިނބުލާއި، ހަރުފަ އަދި ދިރޭތަކެތި އުޅޭ އިންޑިޔާގެ އެސަރަހައްދުގައި ވަނީ ވަރަށްބޮޑަށް ނުރައްކާތެރި ކަން ފެތުރިފައެވެ.
އިންޑިއާގެ ކަރުނާޓަކާ އާއި ކެރަލާ އާއި މަހާރަޝްތުރާއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 140 އަށް އިތުރުވެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް ބޯކޮން ވާރޭވެހޭނެ ކަމަށް ލާފާކޮށްފައިވާއިރު ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީގެން ދަތުރުކުރުމަށްވެސް މުސުމާބެހޭ އިދާއިން ވަނީ ލަފާކޮށްފައެވެ.



