ޚަބަރު

ނ.ލަންދޫ ބަނދަރު ބޮޑުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ނ.ލަންދޫ ބަނދަރުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ނ.ލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވާކަމަށެވެ.

ލަންދޫގެ އިތުރުން ޑިޒައިން އެންޑް ބިލްޑް އުޞޫލުން ދ.ހުޅުދެލިއާއި އދ.މަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވެއެވެ.  

މި 3 މަޝްރޫޢުގެ ތެރެއިން، ދ. ހުޅުދެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ދުއިސައްތަ ދިހަ ހާސް ރުފިޔާ ހުށަހަޅަންޖެހޭއިރު، އދ.މަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް އެއްސަތޭކަ ނުވަދިހަ ހާސް ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހެއެވެ. އަދި ނ.ލަންދޫ ބަނދަރު ހެދުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްސަތޭކަ ފަސްދޮޅަސް ހާސް ރުފިޔާ ދައްކަންޖެހެއެވެ.

މި މަޝްރޫޢުތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައި.ސީ.ބީ އުސޫލުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ ސަތޭކަ ޔޫ.އެސް. ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި 3 މަޝްރޫޢަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ބީލަން ހުޅުވުން އޮންނާނީ އަންނަމަހުގެ 12ވަނަ ދުވަހުކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ނ.ލަންދޫ ބަނދަރުގެ ފޮޓޯއެއް – ފޮޓޯ: އަލީ ޒިޔާދު

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close