ޚަބަރު

ކޮވިޑް-19: ކޮވިޑް-19 ފެތުރުމުގެ ވަޞީލަތަކަށް ވެދާނެތީ ހުރިހާ މިސްކިތްތަކެއްގެ ކާޕެޓްތައްވެސް ނަގަން އަންގައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ ކާޕެޓްތައް ވަގުތީ ގޮތުން ނަގަން ހުރިހާ ކައުންސިލްތަކަށް އެލްޖީއޭ އިން އަންގައިފިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

“ނާރެސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެލްޖީއޭއިން އެކަން ކައުންސިލްތަކަށް އަންގާފައިވަނީ އެސްއެމްއެސް އަކުންނެވެ. އަދި ރަސްމީ ލިޔުން ނުލިބުނު ކަމުގައިވިޔަސް އެކަންއެގޮތަށް ކުރުމަށް ގިނަރަށްރަށުން މިހާރުވަނީ މަސައްކަތް ފަށާފައެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކޮށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ ކާޕެޓްތައް ނަގަން ލަފާދީފައެވެ.

“ނާރެސް” އަށް މައުލޫމާތު ދެއްވި ރަށެއްގެ ޒިންމާދާރުވެރިޔަކު ވިދާޅުވީ “ހުރިހާ މިސްކިތްތަކެއްގެ ކާޕެޓްތައް މިއަދުން މިއަދަށް ނަގަން” އެލްޖީއޭ އިން އަންގާފައިވާ ކަމަށެވެ. އެގޮތައް އެންގީ ކޮވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ލަފާގެ މަތިން ކަމަށް އެލްޖީއޭ އިން އަންގާފައިވާ ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

މިސްކިތްތަކުގެ ކާޕެޓް ނަގަން އަންގާފައިވާއިރު ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އެހެން މުއައްސަސާތަކުންވެސް ގެންދަވަނީ ހަރުދާ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި، ޔުނިވަރަސިޓީތަކާއި، ކޮލެޖް ތަކުގެ ކިޔެވުންވެސް މިހާރުވަނީ މެދުކަނޑާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close