ނުފެންނަ ތަންތަން، ނުފެންނާނެ ކަމަށް ބަލާފައި މިދިޔަދުވަސްތަކުގައި ތަޢުލީމީ ދާއީރާއޮތީ އަޅާލުން ކުޑަކޮށްފައި – ނައިބުރައީސް
ނުފެންނަ ތަންތަން، ނުފެންނާނެ ކަމަށް ބަލާފައި ތަޢުލީމީ ދާއިރާއޮތީ މިދިޔަދުވަސްތަކުގައި ވަރަށްބޮޑަށް އަޅާލުން ކުޑަކޮށްފައި ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކުގައި ރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ސިޓީ އަށް އިއްޔެ ހަވީރު ވަޑައިގެން، ފުވައްމުލަކުގެ ސްކޫލްތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ނައިބު ރައީސް ފައިސަލް ވިދާޅުވީ، މި ސަރުކާރުގެ އިސްވެރިން ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ރަށަކަށް ދަތުރުކޮށްފައިވާއިރު، އެނގިގެން ދިޔައީ މިދިޔަ ދުވަސްތަކުގައި ތައުލީމީ ދާއިރާ އަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.
ވަރަށް ބޮޑަށް އަޅާލުން ކުޑަކޮށްފައި އޮތީ. ތަނުގެ ވަސީލަތްތަކާއި ހިއުމަން ރިސޯސަސް އަދި ހެޔޮ ގޮތުގައި ކުދިން ތަރުބިއްޔަތުކޮށް، ރަނގަޅު ތައުލީމެއް ދިނުމަށްޓަކައި ކުރަންޖެހޭ ގިނަ ކަންތައްތައް އެ ސްކޫލްތަކާއި އެ ދަރިވަރުންނާއި އެ މުދައްރިސުން މަހުރޫމް ވެފައިވާކަން އަޅުގަނޑުމެންނަށް ވަރަށް ގާތުން ފެނިއްޖެ،” ފައިސަލް ވިދާޅުވި އެވެ.
އެބައްދަލުވުމުގައި ނައިބްރައީސް އިތުރަށް ވިދާޅުވީ މިހާރުގެ ސަރުކާރުން އެ ކަންކަން ޗެލެންޖެއްގެ ގޮތުގައި ނެގީ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ. އަދި މި ސަރުކާރުގެ ޒިންމާ އަކަށް އެކަން ވާނެ ކަމަށް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވީ، ރަށްރަށުގެ އެކިއެކި އިސްބޭފުޅުންނާ ސަރުކާރުން ބައްދަލުކުރުމުގެ ބޭނުމަކީ ވެސް އަތުން ބީވެފައިވާ ކަންކަން ހަމަ މަގަށް އަޅުވަން ކަމަށެވެ.
“ކަންކަން ރަނގަޅު ކުރުމަށްޓަކައި، މި ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރާނެ. އެ ޔަގީންކަން މި ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަރުވަން،” ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެންމެ ރަނގަޅަށް މުއާމަލާތު ނުކުރެވުމުގެ ނަތީޖާ އަކީ އެ ސްކޫލެއްގެ ޖުމްލަ ނަތީޖާ ނުނެރެވުމެވެ.
“ލީޑަޝިޕް ދައްކަވަން އެބަޖެހޭ. ޕްރިންސިޕަލްގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ސްކޫލް ލީޑު ކުރައްވާނެ ބޭފުޅުން. އަދި ރަށުގައި ވެސް އަޅުގަނޑު ގަބޫލުކުރަނީ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުބާރު ލިބިފައިވާ ބައެއް ކަމަށް. އެހެންވީމާ ކޮމިއުނިކޭޓުކޮށް، ޓީޗަރުންގެ ބޮޑު ޓީމެއް ގޮވައިގެން އަބަދުވެސް މަސައްކަތްކޮށް، އެ ހިންމަތް ކުރަން ޖެހޭނެ،” ނައިބު ރައީސް ފައިސަލްގެ އުފަން ރަށުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ރަނގަޅު ޕްލޭނެއްގެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދުމެ ދައްކަވަނީ ދިވެހި ރައްޔިތުންގެ ފައިސާ އިން ބޭކާރު ކަންކަން ކުރައްވަން ބޭނުންފުޅު ނުވާތީ ކަމަށެވެ. އިސްރާފު ކުރައްވަން ބޭނުންފުޅު ނުވަނީ އެވެ.
ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ފުވައްމުލަކު ސްކޫލުތަކުގެ އިސްވެރިން މައިގަނޑު ގޮތެއްގައި ވިދާޅުވީ، ތައުލީމީ ދާއިރާގެ ކަންކަން މި ސަރުކާރުން ގެންދަނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ. ޚާއްސަކޮށް ނާސްތާ ޕްރޮގްރާމްގެ ހެޔޮ ނަތީޖާ ފެންނަމުން އަންނަ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.


