ނާނުކޮލަމް

ފަނޑިޔާރުންގެ ރޯޑުމެޕް – ކިހާވަރަކުން ދާނެބާ !!؟

ޒަމާންތަކެއް ވަންދެއް އެއްގޮތެއްގައި އެކަމެއް އޮވެމެ، ޒަމާން ބަދަލުވެ އިލުމީގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން އިންސާނާ ކުރިއަރާ ދިއަޔަސް އެވެރިން އެކުރާކަމެއް ކުރުމަށް އެގޮތުގައި ހަނު ތިއްބެވެ. ރައްޔިތުންގެ ކަމެއް އެވެރިން ކުރަމުން އެގެންދަނީ ރައްޔިތުން ގަބޫލު ނުކުރާގޮތަށް ކަމަށް ޓްރާންސް ޕޭރަންސީގެ ރިޕޯޓުން ދެއްކިއިރުވެސް އެވެރިންތިބީ ހަމަ އެގޮތުގައި ބީރުކަންފަތެއް ދީގެން ކަހާތަން ހިރުވައިވެސް ނުލައެވެ.

ރައީސުލް ޖުމުހޫރިއްޔާގެ ހިތްޕުޅު ހަމަނުޖެހޭ ހުކުމެއް ނެރެވުނީތީ ފުރާޅުން ތިނުނަގައިގެން އެވެރިން ޖަލައްލީދުވަސް އަދި ހަނދާންނެތެހާ ދުވަހެއް ނުވެއެވެ. އަދި ރައްޔިތުން ތިމަންނާމެންގެ ހައްގު ހޯދުމަށް ނުވަތަ އިންސާފު ކަށަވަރުކުރުމަށް ދާނެތަނެއް ނެތިގެން މަގުމަތީގަޔާއި ޓީވީ ޕުރޮގުރާމްތަކަށް އަރާތިބެ ކުރަމުންދާ ސަކުވާ ހަމަ އެގޮތުގައި އޮވެމެ، މިހުރިހާކަމެއް ތަރުތީބުވެ ހިނގަނީ މިގޮތަށް ކަމަށް ރައްޔިތުން ބުނަމުންދާއިރުވެސް، އުމުރަށް ތިމާމެންނަށް އެގޮތުގައި ތިބެވޭނެ ކަމަށް ގަބޫލް ކުރެވޭތީ އެވެރިން އެގޮތުގައި ހަނު ތިބޫއެވެ.

ދުނިޔެ ހިނގަނީ ތޮށަލި ދުޅަޔަށޭ ބުނާއަޑު އަހަމެވެ. އެއްކަމެއް އެއްގޮތެއްގައި އަބަދު ބަދަލުނުވެ އޮތުމީ ފިތުރަތުގެ އުސޫލެއް ނޫނެވެ. އެއިރު އެކަން އެހެންއޮތަސް މިއަދު މިކަން މިވަނީ މުޅިން ބަދަލުވެ ސްޕްރީމް ކޯޓުގެ ފަޑިޔާރުންގެ ބެންޗް ހީކޮށްފައި ނުވާފަދަ ބަދަލަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ އެޖެންޑާ 19 އެވެ. އެޖެންޑާ 19 ވަނީ ސްޕްރީމްކޯރޓް ވިއަސް ގޮތްނުކިޔޭވަރަށް ރައްޔިތުން ބަލައިގަތްފައެވެ.

ގުޅުންހުރި ލިޔުންތައް

މިދެންނެވި މަގަށް ރައްޔިތުންގެ އާންބަސް އެޖެންޑާ 19 އަށް ދިނީތީވެ، ދެންތިމާ މެންނަށް މިގޮތުގައި އުމުރު ދުވަހު ނުތިބެވޭނެކަން ޔަގީންވީތީވެ، ތިމަންނާމެންނީ ގާނޫނުގެ ބަލަދުވެރި ފަރާތްކަމުގައި ބުނެ ކުއްލިޔަކަށް  ސްޕްރީމް ކޯޓުން ފަޑިޔާރުންގެ މަގުޗާޓެއް ރައްޔިތުންގެ ވިސްނުމަށް ހުށައެޅުއްވީތީ އަލެ ހިނޏެއް ނާދޭހޭ! މިހާ ހިސާބުންވެސް ތިމަންނާމެންނަށް ކަންކަން ކުރެވިފައިވަނީ މުޅިން ރަނގަޅަށް ނޫންކަން ގަބޫލުކޮށް ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެއްބަސްވެ ލެއްވީތީ ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެހެން ކަމަށްވުމުން ފަނޑިޔާރުންގެ މަގުޗާޓް ނުވަތަ ފަޑިޔާރުން ކޮށްފައިވާ ބައެއް ޝަރީއަތްތަކާއި ބެހޭގޮތުން އަލުގަނޑަށް ފެންނަ ދެތިން ވާހަކައެއް ކުރުގޮތަކަށް ލިޔެލާނަމެވެ.

އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި  އެކަމެއްގެ މައްޗަށް ފާޑު ނުކިޔޭނޭ އަދި ބަހުސްވެސް ނުކުރެވޭނެ ހަމައެކަނި ކަމަކީ” ﷲ ވަހީކުރައްވާ ރަސޫލާ ހަދީސްފުޅު ކުރެއްވުމެވެ.” މިކަންނޫން ދުނިޔެވީ ހުރިހާ ކަމެއްގައި ބިނާކުރުވަނިވި ފާޑުކިޔޭނެއެވެ. އަދި ބަހުސްވެސް ކުރެވޭނެއެވެ. އެއީ ސްޕްރީމްކޯރޓް ވިއަސް ނުވަތަ ރައީސުލް ޖުމުހޫރިއްޔާ ވިއަސް މެއެވެ.

އަޅުގަނޑަކީ ފަނޑިޔާރެއް އަދި ގާޒީއެއްވެސް ނޫނެވެ. އެކަމަކު ގައުމުގައި ހައްލުނުވެހުރި މިފަދަ ބޮޑެތި މައްސަލަ ތަކުގައި މުޖުތަމައުގެ ވިސްނުމާއި އަދި އަޅުގަނޑަށް ގަބޫލްކުރެވޭގޮތް ރައްޔިތުންނާއި ހިސާބަށް އެއްވެސް ސެންސަރުކުރުމެއްނެތި ލިޔުމުން ގެނެސްދޭ މީހަކީމެވެ.

ދަންނަވަން ޖެހެނީ ފަޑިޔާރުންގެ މަގުޗާޓް ނުވަތަ ފަނޑިޔާރުންގެ ދުރުރާސްތާ މުސްތަގުބަލް ކަނޑައަޅާ ފަރާތަކީ ފަނޑިޔާރުން ކަމަށްވެއްޖިއްޔާ، ސްޕްރީމް ކޯރޓު ވިއަސް ޤާނޫނީ އެބަދަލު ރައްޔިތުންނަށް އެންމެ ފައިދާރުހި ގޮތުގައި ފޮނިމީރު ކަމާއިއެކު ގެނައުމަކީ މުސްތަހިއްލު ކަމެކެވެ.

މިސާލަކަށް އަޅުގަނޑު ޖެހިގެންހުރި ގޭގެ މީހުންގެ މަސްލަހަތު ހިމާޔަށް ކުރުމަށް އަޅުގަނޑުގެ ގޭގެ މީހުންލައްވާ ގާނޫނެއް ހަދައިފީ ވިއްޔާ އެގާނޫނު ވެގެންދާނީ ޖެހިގެންހުރި ގޭގެ މީހުންގެ ހިމާޔަތާއި ރައްކާތެރިކަމަށްވުރެ އަޅުގަނޑުގެ ގޭގެ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުވާ ގާނޫނަކަށެވެ. މިއީ އާންމުކޮށް މިފަދަ ކަންކަން ހިނގާފައިވާ މަގެވެ.

ރައްޔިތުންގެ މަޖިލީހަކީ މިހާރުވެސް މިފަދަ ދިރިހުރި މިސާލެކެވެ. މެމްބަރުން ބޭނުވާ ހުރިހާ ކަމެއް އަމިއްލަޔަށް ކުރުމުގެ އިހުތިޔާރު އޮތީތީވެ، ދިވެހިދައުލަތުގެ މާލިއްޔަތާއި ނުބައްދަލު މިންވަރަށް އަމިއްލަޔަށް މުސާރަ ކަނޑައަޅައިގެން ބޭނުން ގޮތަކަށް ބޭނުން އިމްތިޔާޒެއް ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދާ، އަދި ބޭނުން ކުރުމުގެ ފުރުސަތު އޮތްބައެކެވެ. މިގޮތަށް، މިފާޑަށް ރައްޔިތުންގެ ޙަޒަނާއިން އަމިއްލަޔަށް ހުއްދަ ކޮށްގެން ނަހަމަ ގޮތުގައި ބޮޑު މުސާރަ ނެގުމުގެ އިތުރުން އިންސާނީ ބުއްދި ގަބޫލް ނުކުރާ އެތައް އެތައް ހަޑިމުޑުދާރު އިންސާނިއްޔަތާއި ހިލާފު އެތައްކަމެއް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި އެވެރިންވަނީ ރޯމާދުވާލު ރައްޔިތުންގެ ކުރިފުޅުމަތީގައި ހިންގާފައެވެ.

 ތިމާމެން އުމުރަށް އެއްގޮތެއްގައި ދެމިތިބުމަށް ތިމާމެން އަމިއްލައަށް ޤާނޫނަށް ބަދަލުގެންނަ އުސޫލު އެއީ ޑިމޮކްރެޓިކް ހިޔޮވެރިކަމުގެ ނިޒާމާ ގުޅޭކަމެއްނޫނެވެ. އަދި ބަވަނަ ވެފައިވާ ދުނިޔެއެއްގައި 19 ވަނަ ގަރުނަށް އެއްގޮތަކަށްވެސް ކަމުދާ ކަމެއްކަމުގައި އަޅުގަނޑަށް ލިޔެވޭކަށްނެތެވެ.  

ޝަރުއީ ދާއިރާ އިސްލާހުކުރާ ވާހަކައަކީ މިއަދަކު އިއްޔެއަކު އަޑުއިވޭ ވާހަކައެއް ނޫނެވެ. މި ވާހަކަ އެންމެ ގިނައިން ދައްކާބަޔަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީގެ އިސްވެރިންނާއި އެޕަރޓީއާއި ގުޅި ލާމެހިފައިވާ ޤާނޫނީ ވަކިލުންނެވެ. ސަބަބެއްގެ ގޮތުގައި އެބޭފުޅުން ފާހަގަ ކުރައްވަނީ ބައެއް ގާޒީން އަދުލަށް ހުކުމް ނުކުރުމާއި، ބައެއް ފަނޑިޔާރުން ނިންމާ ޝަރީއަތްތަށް ސިޔާސީ ވުމާއި،  ޝަރީއަތް ކުރުމުގެ އާންމު އުސޫލުތަކާއި އިދިކީލަކޮށް ބައެއް ގާޒީން ޝަރީއަތްތަށް ކުރުމާއި، އަވަސް އަރުވާލާގެން ވަކިޝަރީއަތްތަކެއް ކުރުގަޅުވައިލައިގެން ނިންމި ވާހަކައެވެ.  މިއީ އަޅުގަނޑު ލިޔުނަސް އަޅުގަނޑު ހަމައެކަނި ދައްކާ ވާހަކަތަކެއް ނޫނެވެ. ރެއާއި ދުވާލު ހުރިހާ ޓީވީ ޗެނެލްތަކެއްގައި ދައްކަމުން ގެންދާ އާންމު ވާހަކަ ތަކެކެވެ.

ކޮންމެޔަކަސް ހިނގާފަ، ވެފަހުރި ކަންތަށްތަކުގެ ވާހަކަ ލިޔެލެވިދާނެ ތާއެވެ. އަދި ހަނދާންނެތޭހާ ދުވަހެއްނުވެއެވެ. ގ.ކެނެރީގެ މުހަންމަދު ނަޝީދަށް އިއްވި ހުކުމާއި، އިމްރާނު އަބުދުﷲ ޖަލުގައި ބައިންދަން އިއްވިހުކުމާއި، ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރ ނާޒިމަށް އިއްވި ހުކުމާއި، މަސްހޫރު ކާނަލް ނާޒިމު ފުރޭމްކުރި ކަމަށްބުނާ ޖަލުހުކުމާއި، ކުރީގެ ރައީސުލް ޖުމުހުރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމު ޖަލުގައި ބޭންދެވުމާއި، އަދި އެމަނިކުފާނު އެންމެ ލޯބިފުލުވާ ދަރިފުޅު ފާރިސް މައުމޫނު ހުކުމެއްނެތި ވާނުވާ ޖަހާފަ ޖަލުގައި އެތައްދުވަހެއްވަންދެން ބޭންދި ބޭންދުން އެއީ އެކި ގޮތްގޮތަށް ތާރީޙު ފޮތްތަކުގަ ހުދާކަޅުން ލިޔެފައިވާ ވާހަކަ ތަކެވެ.

މި ބޭބޭ ފުޅުން ދިގުމުއްދަތަށް ކޯޓުން ހުކުން ޖެހުމަށްމަފަހު ޖަލަށްލީކަން ނުދަންނަ އެއްވެސް ދިވެހިރައްޔިތަކު ނުހުންނާނެއެވެ. އެދުވަސްވަރު މީގެން ބޭފުޅެއްގެ ހުކުން މަތީކޯރޓު ތަކުގައި އިސްތިއުނާފު ކުރެވުނަސް  ނުކުންނަ ނަތީޖައަކީ ހަމަ ހުންނަންޖެހޭނީ ޖަލުގައެވެ. އަޖައިބުވި އެއްކަމަކީ ހަމަ ވެރިކަން ބަދަލު ވުމާއިއެކު މިބޭބޭފުޅުން ބަދަލުވެގެން ދިޔައީ ކުއްވެރިނުވާ ބައެއްގެ ގޮތުގައެވެ. މިއީ އަޅެ އަރަތެއް ނޫންބާ ! ވެރިކަން އޮތްއިރު ޖަލުގަ، ހަމަ ވެރިކަން ވެއްޓޭއިރަށް ހަމަ ހުދުފޮތިކޮޅެއް! ހުދުކާފޫރު ކޮޅެއް!  ޖަލައްލީ މީސް މީހުންގެ އަބިންނާ ދަރިން ހާލުގައިޖެހި ބިކަވެ، ޒަމާނުންސުރެ ކުރަމުންއައި ހަލާލު މަސައްކަތްތަށް ގެއްލި ބައެއް ބޭފުޅުން ރާއްޖޭން ބޭރަށް އަމިއްލަޔަށް އަރުވާލެވި އަނެއްބައި ބޭފުޅުންނަށް ދުނިޔޭގައި ދެންނޫޅެވޭވަރުގެ ބޮޑެތި ޖިސްމާނީ އަނިޔާލިބުނުއިރު މައާފަށް އެދުނު ފަރާތެއްވެސް މިގައުމުގައި ނެތެވެ.

މިކަން މި މަގައް ހިނދާ ދިއަޔަސް ތަގުދީރު ނިޔާކުރާނީ ކިހިނެއްކަން އަޅެ އެނގޭނީ ކާކަށްހެއްޔެވެ. އެދުވަހު ޖަލުގެ ތޭރިތަކުގެ ތެރެއިން ބޮޑެތި ޖިސްމާނީ އަނިޔާތަށް ލިބުނު ފަރާތްތަށް މިއަދު ރައްޔިތުންގެ މަޖިލީހަށް އެވަންނަނީ ޤާނޫނަށް، ޤާނޫނު އަސަސީއަށް ބޭނުން ބަދަލެއް ގެނެވޭ ވަރުގެ ބާރާއެކީއެވެ. މިހިރީ ތަގުދީރުގެ ނިޔާއެވެ.

އަޅުގަނޑަށް އެގޭ އެކައްޗެއް އެބައޮތެވެ. މިދެންނެވި ބޭބޭފުޅުންނަށް ކުއްސާބިތުވާކަމަށް ހުކުން ކުރެއްވި ގާޒީން ނުވަތަ އެބޭބޭފުޅުންނަކީ ކުއްވެރިން ނޫންކަމަށް ބުނެ ހުކުމް ބާތިލް ކުރެއްވި ގާޒީން، މި ދެބައި މީހުންކުރެ ކޮންމެވެސް އެއްބައެއް ގޯސްހަދާފައި ވާކަމުގައި ބުނަންކެރިދާނެއެވެ. އެއީ ﷲގެ މަގުގައި އަދުލަށް ކޮށްފައިވާ ހުކުމެއް ކަމުގައި ވަނީނަމަ ރާއްޖޭގެ އެންމެމަތީ ކޯރޓް ސްޕްރީމް ކޯރޓުގެ ގާޒީންގެ ބެންޗަކުން އެހުކުމެއް ބަދަލެއް ނުކުރައްވާނެއެވެ.

ކޮންމެ ގޮތެއްގައި ނަމަވެސް ކުޅޭކުޅޭ އެއްޗެއްހެން މިދެންނެވި ހުކުންތަށް އެވަނީ ބަދަލުކޮށްފައެވެ. ދެން ފެނިގެން ދިޔައީ ސްޕްރީމް ކޯޓުގެ 5 ފަޑިޔާރުންގެ އިއްތިފާގުން ހުކުމެއް ނެރުމާއި ގުޅިގެން ސަރުކާރުން 144 ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތު ގައުމުގައި އިއުލާނުކޮށް ސްޕްރީމް ކޯޓުގެ 2 ފަނޑިޔާރަކު ހައްޔަރުކުރި ތަނެވެ. އަދި ކުރިން މިދެންނެވި 5 ފަނޑިޔާރުން އިއްތިފާގުވެ ނެރުނު ހުކުން 3 ފަޑިޔާރުން ތިއްބަވާގެން އެ ހުކުމުގެ ބައެއް ބައިތަށް ބާތިލް ކޮށްލިތަނެވެ. މިހިރަ، މިހިރަ ކަހަލަ ވާހަކަ ތަކަކީ ލިޔެ ކޮޅުން ނުލާނެ ވާހަކަތަކެވެ.

ފަޑިޔާރުންގެ މަގުޗާޓު ނެރެދެއްވަމުން އުއްތަމަފަނޑިޔާރު ވިދާޅުވި، އެއް ވާހަކަ ފުޅަކީ ސިޔާސީ ފަރާތްތަކުގެ ނުފޫޒުން ޝަރުޢީ ދާއިރާ މިނިވަން ވާންޖެހޭ ވާހަކައެވެ. އަޅުގަނޑަށް މިވާހަކަ ސިފަކުރެވެނީ ވަރައްބޮޑު ވާހަކައެއްގެ ގޮތުގައެވެ. އަދުލަށް ހުކުމް ކުރަން މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބެވި ބައެއްގެ މައްޗަށް ސިޔާސީ ވެރިންގެ ނުފޫޒު ފޯރާކަމަށް ވަންޏާ ދެން އެބޭފުޅުން އިއްވަވާ ހުކުމުގައި ސިޔާސީ ކުލަ ހުރުމަކީ އެކަށީގެންވާކަމެކެވެ. ގާޒީން ކަމުގައި ވިއަސް  އެބޭބޭ ފުޅުންނަކީވެސް އިންސާނުން ވިއްޔާއެވެ. އިންސާނެއްގެ ގައިގާ ހުންނަނެ ހުރިހާކަމެއް ހަމަ އެބޭފުޅުންގެ ފަސްބައިގަވެސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ލިޔެވިދިޔަ ހުރިހާ ސަބަބުތަކެއް އެހެން ހުރީތީވެ 2019 އޭޕްރީލް 28 ގައި ހުވާކުރައްވާ 19  ވަނަ ރައްޔިތުނގެ މަޖީލީހަކީ އުންމީދުން ފުރިފައިވާ ރައްޔިތުންނަށް އާ އުންމީދުތަކެއް ގެނެސްދޭނެ މަޖިލީހަކަށް ވުމަކީ ހުރިހާ ދިވެހިރައްޔިތުން އެދޭގޮތެވެ.

އެޖެންޑާ 19 ވުޖޫދު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ކުރީގެ ރައީސުލް ޖުމުހޫރިއްޔާ މުހަންމަދު ނަޝީދު އެޖެންޑާ 19 އާއި ބެހޭގޮތުން އާންމު ބައްދަލު ވުމެއްގައި މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެޖެންޑާ 19 ގެ ދަށުން ޝަރުއީ ދާއިރާ އިސްލާހު ކުރެވިގެންދާއިރު އެއްވެސް ޤާޒީއަކަށް  ނުބައި ހުކުމެއް ނުކެރޭވަރަށް ނުވަތަ ނުބައިހުކުމެއް ކޮށްފައި ސަލާމަތް ނުވެވޭވަރަށް ޝަރުޢީ ދާއިރާ އިސްލަހު ކުރައްވާނެ ވާހަކަ ފުޅެވެ. ކޮންމެއަކަސް މިއީ އުންމީދުން ފުރިފައިވާ ހިޔޮ ހަބަރެކެވެ. އެހެން ކަމަށްވަނީނަމަ އެޖެންޑާ 19 އާއިއެކު ކުރިޔަށްއޮތް ފަސްއަހަރު ފައްސިޔަ ވައިގަ ހަރުދުވެލީގައި ބުރަކިޖެހުމެއްނެތި ދަތުރުކޮށް އަމާން ބަނދަރަކަށްދެވި، ދިވެހިރައްޔިތުންނަށް ޝައްކެއްނެތް މިންވަރަށް އިންސާފު ކަށަވަރުވާނެ ތާއެވެ! އިންތިޒާރު ކޮށްލަމާ ހިންގަވާށެވެ. ނޫނީ ކަރުދާސްކޮޅެއްގައި ލިޔެފަ ފައްފަށް ޖަހާލުމަށްފަހު ” އިންސާފު” ޖީބައްލަމާ ހިންގަވާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close