ސްރީ ލަންކާގައި ހައްޔަރުކުރި 6 ދިވެހިންގެތެރެއިން 4 ދިވެހިން ދޫކޮށްލައިފި
ސްރީ ލަންކާގައި ދިން ބޮންގޮއްވުމުގެ ޙަމަލާތަކާއި ގުޅިގެން އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ހިންގާ ޚާއްސަ އަސްކަރީ އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރި 6 ދިވެހިންގެ ތެރެއިން 4 ދިވެހިން ދޫކޮށްލައިފިއެވެ.
ސްރީ ލަންކާގެ މައުންޓް ލެވީނިއާ މެޖިސްޓްރޭޓް ކޯޓުން 4 ދިވެހިން ދޫކޮށްލަން ނިންމީ އެ މީހުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީއާއި އެ މީހުންނާއި ދެކޮޅަށް ދައުވާކުރާނެ އެއްވެސް މައްސަލައެއް ނެތުމުންނެވެ. މި މީހުން ދޫކޮށްލީ އެ މީހުންނާއި ހަވާލުވުމަށް އެ މީހުންގެ އާއިލާއިން އައުމުންނެވެ.
މި 4 ދިވެހިން ހައްޔަރުކުރީ އެ މީހުން ދިރިއުޅޭ އެޕާޓްމަންޓުން އެއަރ ރައިފަލްތަކެއް ފެނުމުންނެވެ. ނެގޮންބޯގައި ހުންނަ އެ މީހުންގެ އެޕާޓްމަންޓުން އެއަރ ރައިފަލްތައް ފެނުނީ ސްރީ ލަންކާގެ ސަލާމަތީ ބާރުތަކުން އެ އެޕާޓްމަންޓް ބަލާފާސްކުރަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެ މީހުން އެ އެއަރ ރައިފަލްތައް ގަނެފައިވަނީ ސްރީ ލަންކާއިންނެވެ. ނަމަވެސް، އެ މީހުން ހައްޔަރުކުރީ އެއާއިގުޅޭ ލިޔެކިއުންތައް ނެތުމުންނެވެ.
ހައްޔަރުކުރި އަނެއް 2 މީހުން ކޯޓަށް ގެންދިއުމުން އެ މީހުންގެ ބަންދަށްވަނީ 13 ދުވަސް ޖަހާފައެވެ. ބަންދާގުޅޭގޮތުން ގޮތެއް ނިންމުމަށް އެ މީހުން އަނެއްކާވެސް މެއި މަހުގެ 10ވަނަ ދުވަހު ކޯޓަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެ މީހުން ހައްޔަރުކުރީ އެ މީހުން ދިރިއުޅޭ އެޕާޓްމަންޓުން އައިއެސް ޖަމާޢަތާއި ގުޅޭ ފޮތެއް ފެނުމުންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެ މީހުންނަކީ ސްރީ ލަންކާގައި އިންޓަނޭޝަނަލް ރިޅޭޝަންސް ކިޔަވަމުންދާ ދަރިވަރުންތަކެކެވެ. އަދި އެ މީހުން އެ ފޮތް ގަތީވެސް ސްރީ ލަންކާގެ ބުކްޝޮޕަކުންނެވެ.


