ޗައިނާއިން އިސްލާމްދީން ފުހެލަނީ – ދުނިޔޭގެ ސަމާލުކަމެއްނެތް!
ނަސްލީ ތަފާތުކުރުންތަކާއި، އަދި ދީނީ ތަފާތުކުރުންތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑުއާބާދީ ޗައިނާގައި ދިރިއުޅޭ މުސްލިމުންނަށް އެޤައުމުގެ ސަރުކާރުން ކުރަމުންގެންދާ ދުއްތުރާތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލަންޖެހޭ ކަމަކީ ޗައިނާއިން އިސްލާމްދީން މުޅީންފުހެލަން ކުރަމުންގެންދާ ބޮޑު މަސައްކަތެވެ.
ޗައިނާ ސަރުކާރުން ބަލައިގެންފައިވާ ފަސް ދީނުގެ ތެރޭގައި އިސްލާމް ދީން ވެސް ހިމެނެ އެވެ. ޗައިނާގައި 23 މިލިއަން މުސްލިމުން އުޅެ އެވެ. އެކަމަކު އެހެންދީންތަކުގެ މީހުންނާއި އަޅާބަލާއިރު މުސްލިމުންނަށް ކުރާ ދަތިތައް ދުވަހެއްދުވަހަކަށް ދަނީ އިތުރު ކުރަމުންނެވެ. ޚާއްސްކޮށް ހުޅަނގު އުތުރުގެ ޝިންޖިއަން ޕްރޮވިންސްގަ އެވެ. މުސްލިމުން ގިނަ އަދަދަކަށް އުޅޭ އެ ޕްރޮވިސްންގައި މުސްލިމުން ތުނބުޅި ބެހެއްޓުމާއި އާއްމު ތަންތަނުގައި ނަމާދު ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ޝިންޖިއާންގައި ރޯދަ އަށް ތިބޭ މީހުންނަށް ވެސް އެކި ހުރަސްތައް ދަނީ ކޮންމެ އަހަރަކު ވެސް ކުރިމަތި ކުރަމުންނެވެ. މި ގޮތުން ރޯދަ މަހު ދުވާލު ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓުމާއި ސްކޫލްތަކަށްދާ މުސްލިމް ކުދިންނަށް ރޯދަ މަހު ދުވާލު ކާން މަޖްބޫރު ކުރުން ހިމެނެ އެވެ.
މީގެއިތުރުން މިހާރު ޗައިނާސަރުކާރުން ފަށާފައިވާ އަނެއްމަޝްރޫޢުއަކި ޗައިނާގައި ހުރި ދުވަސްވީ އާސާރީ މިސްކިތްތައް ތަޅާ ސުންނާފަތިކޮށް އިސްލާމީ ތާރީޚް ޗައިނާއިން ފުހެލުމެވެ. އެގޮތުން 800 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މިސްކިތް ” ކެރިޔާ މޯސްކް” މިހާރު ސެޓެލައިޓް ފޮޓޯތަކުން ނުފެނެއެވެ. އެމިސްކިތް ތަޅާލި އިރެއް އަދި ތަޅާލައި ބިންސާފުކުރި ކަމެއް ދުނިޔޭގެ އެއްވެސް ޤައުމެއްގެ ސަމާލުކަމަށް އައިކަމެއް އެނގިފައެއް ނެތެވެ.
“އީސްޓަރން ރީޖަން އޮފް ޗައިނާ އިން ކުމުލް” ގެ ރިޕޯޓަރަކު ދަ އިސްލާމިކް އިންފޮމޭޝަން އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އަދި އޭނާ ޝެއަރކޮށްފައިވާ ފޮޓޯތަކުން އެނގޭގޮތުގައި ޗައިނާގައިވާ 800 އެއްހާ މިސްކިތުގެ ތެރެއިން 200 މިސްކިތް މިހާރުވަނީ ތަޅާލައިފައެވެ. އަދި މިހާރުވެސް 500 އެއްހާ މިސްކިތް ތަޅާލުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.
މީގެ އިތުރުން ޗައިނާ ސަރުކާރުން މިހާރުވަނީ ކޮންމެ މިސްކިތެއްގެ އެންމެމަތީގައި އިސްލާމްދީން ރަމްޒުކޮށްދޭ ފަދަ ނިޝާންތައް ބެހެއްޓުމުގެ ބަދަލުގައި ކޮންމެ މިސްކިތެއްގެ އެންމެ މަތީގައި ޗައިނާގެ ޤައުމީ ދިދަ ނެގުމަށް އަމުރުކޮށްފައެވެ.
އަދި މުސްލިމުންނަށް ޗައިނާގައި ހުރި އެންމެ ބޮޑު ނުރައްކަލަކީ ބުދުދީނަށް ވަނުމަށް މަޖުބޫރުކުރަމުން ދާދިއުމެވެ. އެގޮތުން ކުޑަކުދިންނަށާއި، އަންހެނުންނަށް އަދި ދުވަސްވީ މީހުންނަށްވެސް ފުލުހުންނާއި، ސިފައިންވެސް ދަނީ އެގޮތަށް އަމުރުކުރަމުންނެވެ.
ޗައިނާ ސަރުކާރުން މިފަދަ ހަރުކަށިގޮތެއްގައި އެޤައުނުން އިސްލާމްދީނާއި، އިސްލާމީ ތާރީޚް ފުހެލަން މަސައްކަތް ކުރަމުންދާއިރު އިސްލާމީ އެންމެ ވަރުގަދަ ޙަޟާރާތްތައް ކަމުގައިވާ ސައުދީ އާއި، އަރަބި ގިނަޤައުމުތަކުގައިވެސް އިސްލާމްދީނާ އިދިކޮޅު ބޮޑެތި ޖަރީމާތައް ދަނީ އިތުރުވަމުންނެވެ.



ދީން ހިމާޔަތް ކުރުމަށް އެންމެންއެކީ އަތުގުޅަލަމާ ހެއްޔެވެ.