ޚަބަރު

ސްޕަރމެޖޯރިޓީ ނެގުމުން ލަންކާއިންވެސް މަރުޙަބާ ކިޔައިފި

މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުހިންގާ މައިޕާޓީން ހޯދި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު މެންދުރު ފޯނުން ގުޅުއްވައި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އިންތިޚާބީ 87 ދާއިރާގެ ތެރެއިން 65 ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި ބޮޑު އަޣުލަބިއްޔަތަކުން ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ވަނީ މިއިންތިޚާބުގައި ކުރި ހޯދާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ގުޅުއްވައި ތަހުނިޔާ ވިދާޅުވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ދިވެހިންގެ ފަރާތުން މި ސަރުކާރަށް ލިބުނު ބޮޑު ތަރުޙީބު އިޙުތިރާމާއެކު ބަލައިގަންނަވާކަމަށާ، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވުމަށް ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވާ ވިދާޅުވުން ރައީސް ޞާލިޙް ވަނީ ތަކުރާރުކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާ ސްރީލަންކާ އަކީ ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަން ފާހަގަކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ދެ ޤައުމަށް ފައިދާހުރި އެކި ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ދެޤައުމުން ބޭނުންފުޅުވާކަމުގައި ހާމަކުރެއްވިއެވެ. މިގޮތުން، ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމާއި، ސަރަޙައްދީ ވިޔަފާރީގެ ދާއިރާއިން މިގުޅުން އިތުރަށް ފުޅާ ކުރެއްވުމާބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close