ޢަބްދުﷲ ދޫކޮށްލީ ކަރެކްޝަންސްއާއިވެސް މަޝްވަރާކުރުމަށްފަހު- ރައީސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމުހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް 6 މެއިގައި ދިން ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި އަބްދުﷲ އަލީ މަނިކު ދޫކޮށްލީ މުޖުތަމައުއަށް ފައިދާހުރި ކަންތައްތަކެއް ކުރެވޭނެ ކަމުގެ މައުލޫމާތު ލިބިގެންކަމަށާއި އަދި އެކަންކުރީކަރެކްޝަންސް އާއިވެސް މަޝްވަރާކުރުމަށްފަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިހެންވިދާޅުވެފައިވަނީ އިއްޔެ ހަވީރުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އަބްދުﷲ އަލީ އާއި ގުޅޭގޮތުން ކަރެކްޝަންސް އިން މައުލޫމާތު ދިންގޮތުގައި، އޭނާ އަކީ އިސްލާހުވެ މުޖުތަމައުއަށް ނިކުންނަން ތައްޔާރުވެފައި ހުރި މީހެއް ކަމަށާއި، އޭނާއަކީ މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތްތަކެއް ކޮށްދެވޭނެ މީހެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޓެރަރިޒަމްގެ ކުށްތަކަކީ މާފު ދެވޭ ކުށްތަކެއް ނޫން ކަމަށާއި އެހެން ނަމަވެސް ލުއިދެވޭ ކުށްތައް ކަމަށެވެ. މިގޮތުން އަބްދުﷲ އަލީ އަށް މާފު ދޭން ނިންމި އިރުގައި އެ ހުކުމުގައި ބާކީ އިނީ 8 މަސް ދުވަސް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ކަރެކްޝަންސް އިން ލިބިފައި އޮތް މައުލޫމާތަކީ އޭނައަކީ މިހާރު އިސްލާހުވެ މުޖުތަމައުއަށް ނިކުންނަން ތައްޔާރުވެފައި ހުރި މީހެއް ކަމަށާއި އޭނަގެ 17 އަހަރުން ދަށުގެ ބަލަން ޖެހޭ ވަރަށް ގިނަ ކުދިން ތިބި ކަމަށް. އަދި އޭނައަކީ މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތްތަކެއް ކޮށްދެވޭނެ މީހެއް ކަމަށް ދެކޭކަމަށް.” ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އަބްދުﷲ އަލީ ހައްޔަރު ކުރެވިފައިވާއިރު ފުލުހުން ވިދާޅުވާގޮތުގައި އަބްދުﷲ އަލީ އަކީ ހަރުކަށިފިކުރަށް މީހުން ރެކްރޫޓް ކުރާ މީހެކެވެ.

