ޚަބަރު

މަޖިލީހުގެ ރައީސަކަށް އަޅުގަނޑުގެ ޝައުޤުވެރިކަމެއް ނެތް – ރައީސް ނަޝީދު

19 ވަނަ ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދާ ގިނަގޮނޑިތަކެއް ކަވަރުކޮށްފައިވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސްގެ އެއްވެސް ޝައުޤުވެރިކަމެއް، މަޖްލިސްގެ ރައީސަކަށް ވުމަށް ނެތްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއާ ގުޅޭ ގޮތުން ރާއްޖެ ޓީވީގައި ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަޖިލީހުގެ ރައީސަކަށް ވެވަޑައިގަތުމަށް އެމަނިކުފާނުގެ ޝައުގުވެރި ކަމެއް ނެތް ކަމަށެވެ. މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ގާބިލް ބޭފުޅުން އެމްޑީޕީގައި ތިއްބެވި ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ގާބިލް އެއް ބޭފުޅަކީ އަސްލަމް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ލިބުމާ ދެކޮޅު ހަދައި، އިދިކޮޅަށް އަޣުލަބިއްޔަތު ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމާއި ޕީއެންސީއާ އެކު މަސައްކަތް ކުރަން ގާސިމް ނިންމެވި ނިންމެވުމަށް އެމްޑީޕީގެ އިތުރުން ޖޭޕީގެ އިސް ބޭފުޅުންގެ ވެސް ނުރުހުން އަމާޒުވި އެވެ. އެމްޑީޕީން ތުހުމަތު ކޮށްފައިވާ ގޮތުގައި، ޕީޕީއެމާ ގުޅިގެން ގާސިމް ބޭނުންވީ މަޖިލީހުގެ ރައީސް ކަން ދިފާއު ކުރައްވާށެވެ.

އެކަމަކު ގާސިމް އެކަމަށް އިންކާރު ކުރައްވަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ނަޝީދު ބޭނުންފުޅު ވަނީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށެވެ. އޭނާ ދެކޮޅު ހައްދަވަނީ، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 64 ގޮނޑި ކާމިޔާބު ކުރުމަކީ އެމްޑީޕީން ހޯދި ތާރީޚީ ކާމިޔާބީއެއް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ކެމްޕޭންގައި ވި ވައުދާ އެއްގޮތަށް އެޖެންޑާ 19 ގެ މަސައްކަތްތައް މަޖިލީހުގައި ފަށާނެ ކަމަށެވެ. އަލަށް ފަށާ ރައްޔިތުންގެ މަޖިލީހަކީ މާބޮޑަށް ވެސް ތަފާތު މަޖިލީހެއް ކަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close