ކުރީގެ ސަރުކާރުން ނިގުޅައިގަތް ހުރިހާ ހައްޤުތަކެއް މިހާރުވާނީ ކަށަވަރު ކޮށްދީފައި – ރައީސް
މިސަރުކާރުގައި އެއްވެސް ސިޔާސީ ކުށްވެރިއަކު ޖަލުގައި ނުހުންނާނެ ކަމަށާއި، ކުރީގެ ސަރުކާރުން ރައްޔިތުންގެ ކިބައިން ނިގުޅައިގަތް ހުރިހާ ހައްޤުތަކެއް މިހާރު ކަށަވަރު ކޮށްދީފައިވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ށ. ފޯކައިދޫގައި އޮތް އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައްޔިތުން މަސައްކަތްކުރެއްވީ ވަރަށް އުނދަގުލާއި ދައްޗާއި އެކު ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ސަރުކާރުން ރައްޔިތުންނަށާއި، ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރުވިކަން ރައީސް ފާހަގަކުރެއްވިއެވެ. ކުރީގެ ސަރުކާރުގައި ރައްޔިތުންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެތައް ހައްޤުތަކެއް ހިފަހައްޓާފައި އޮތްކަމަށާއި، އެހެންކަމުން ރައްޔިތުން ބޭނުންވާ ބަދަލު ގެނައީ އެއިރު އޮތް ހާލަތު ބަދަލު ކުރުމަށް ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްޤުތައް ނިގުޅައިގަނެ، އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވާފައިވާ ކަމަށާއި، ކޮރަޕްޝަނާއި ވައްކަން އެއިރުގެ ސަރުކާރު ތެރޭގައި މޫލާފައި އޮތީ އިންތިހާއަށް ކަމަށް ރައީސް ޞާލިޙު ވަނީ ސިފަކުރައްވާފައެވެ. އަދި ބޮޑެތި މަޝްރޫޢުތަކާއި ގުޅިގެން އޭރުގެ ސަރުކާރުގެ ވެރިންގެ މައްޗަށް ކުރާ ކޮރަޕްޝަން ތުހުމަތުތައް އިންތިހާއަށް ގިނަކަމަށާއި، މާލީ އިދާރާތަކާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލި ރައްޔިޔުންގެ މަޖިލިސް ޙަރަކާތް ނުކޮށް ހުއްޓިފައި އޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސިޔާސީ ގޮތުން އެއިރުގެ ސަރުކާރާ ޚިޔާލުތަފާތު ކޮންމެ މީހަކު ހުންނަންޖެހުނީ ޖަލު ބަންދުގައިކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ޕީޕީއެމް ފިޔަވާ ހުރިހާ ޕާޓީތަކުން އެ ހާލަތު ބަދަލުކޮށްފައިވާ ކަމަށާއި، އެ ބަދަލާއެކު ރައްޔިތުންނަށް އޯގާތެރި ވެރިކަމެއް ކުރުމަށް މި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
ޤައުމެއް ތަރައްޤީކުރެވޭނީ ރައްޔިތުންނަށް މިނިވަންކަމާ އެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ ފުރުސަތު ހޯދައިދީގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤާނޫނު ކުރިމަތީ ރައްޔިތުން ހަމަހަމަވެ ވެރިންނަކީ ނަޒާހަތްރެރި ބަޔަކަށް ވާންޖެހޭކަމަށާއި، ވައްކަމާއި ކޮރަޕްޝަން ރާއްޖެއިން ނައްތާލެވިގެން މެނުވީ ރައްޔިތުން އެދޭ ވެރިކަމެއް ނުކުރެވޭނެކަން ރައީސް ތަކުރާރުކުރެއްވިއެވެ.

