ރިޕޯޓް

ފިތުނަފަސާދަ އުފެއްދުމަކީ ވޯޓް އިތުރުވާކަމެއް ނޫނެވެ.

އެންމެންވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ދެމީހެއްގެ ޚިޔާލު ހުރިހާ ކަމެއްގައި އެއްގޮތް ނުވާނެކަމެވެ. އަދި އެ ޚިޔާލު އެއްގޮތްނުވެ ތަފާތު ވިސްނުމަކުން ވިސްނާ، ފިކުރުތަފާތުވުމަކީ މައްސަލައެއް އޮތްކަމެއް ނޫންކަމެވެ. ޚިޔާލުތަފާތުވުމަކީ އިންސާނީ ފިތުރަތުގައި މާތްﷲ ލައްވަވާފައިވާ ސިފައެކެވެ. އެހެނެއްކަމަކު ދޭދޭ ދެމީހުންނާއި، ޢާއިލާތަކުގެ މެދުގައި ހިތްނުތަނަވަސްވެ ޒުވާބުކޮށް ބައިބައިވުން އުފެދެންޖެހޭ ސަބަބެއްކަމުގައި އެކަން ވެގެންނުވާނެއެވެ.

ފިތުނަވެރިކަމަކީ އަލިފާން ދަރުކާފަދައިން ތިމާގެ ހެޔޮޢަމަލުތައް ކާލާއެއްޗެކެވެ. އެއީ އުންމަތުގެ އެންމެބޮޑު ދުޝްމިނުވެސް މެއެވެ. ޢިލްމްގެ އަޙުލުވެރިން ވިދާޅުވަނީ މިއުންމަތުގެ އެންމެ ފަހި ޖީލު ވާހުށީ ފިތުނަތަކަށް ހުށަހޮޅިފައިވާ ޖީލެއް ކަމުގައެވެ.

ކައުއިތުރު މާތް ނަބިއްޔާ ޙަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ” ހަމަކަށަވަރުން ތިޔަބައިމީހުންގެ މިއުންމަތް ހުރިހައިގޮތަކުން ރަނގަޅު އުންމަތެއްގެ ގޮތުގައި އޮތީ އެއުންމަތުގެ ކުރީކޮޅުގެ ދުވަސްތަކުގައެވެ. އަދި މިއުންމަތް ނިމޭކޮޅަށް ދާއިރު މިއުންމަތަށް މުޞީބާތްތަކެއް ކުރިމަތިވާހުއްޓެވެ! އަދި ތިޔަބައީމީހުން ނުރުހޭ ކަންތައްތަކެއް ވެސް ފާޅުވާ ހުއްޓެވެ! އަދި ފިތުންވެރި ކަމެއް ވެސް އުންމަތަށް ކުރިމަތިވާހުއްޓެވެ! އޭގެ އެއްބައިން އަނެއް ބައި ( މުޅިތަން) ފަސާދަކޮށްލާނެތެވެ. އަދި އެހެން ފިތުނަވެރިކަމެއް ވެސް އަންނަ ހުއްޓެވެ! އީމާންވެގެން އުޅޭ މީހާ ބުނާނެތެވެ. މިއީ ތިމަންގެ ހަލާކެވެ. ދެން އެފިތުނަތައް ނެތި ހިނގައިދާނެއެވެ. ދެން އަނެއްކާވެސް އެހެން ފިތުނަވެރިކަމެއް އަންނަ ހުއްޓެވެ! އީމާންވެގެން އުޅޭ މީހާ އެނހިދު ބުނާނެތެވެ. ޙަޤީޤީ ފިތުނަވެރިކަމަކީ މިއީ އެވެ. ފަހެ، ނަރަކައިން ދިންނަވައި، ސުވަރުގެއަށް ވަނުމަށް ލޯބި ކުރާ މީހާ އޭނާގެ މަރު ބައްދަލު ކުރާ ހުށީ މާތްﷲ އާއި ޤިޔާމަތް ދުވަހަށް އީމާންވެގެންވާ ޙާލުގައި އޭނާ ވަނިކޮށެވެ!”

އެހެންކަމުން އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލު ނުވެއްޖެނަމަ ދޭދޭ ދެފިކުރުގެ ދެމީހަކު ދައްކާ ވާހަކައަކުން ފިތުނަވެރިކަމެއް އުފެދުމަކީ ވަރަށް ގާތްކަމެކެވެ. އަދި ޢަމުދުން ޙަޤީޤަތާ ޚިލާފަށް ދެކެވޭ ވާހަކަތަކުގައި ހަމަ ހުސްފިތުނަވެރިކަމާއި، ފަސާދަނޫން އެހެން ކަމެއް އެކުލެވިގެން ނުވާނެއެވެ.

ސިޔާސީ ވާދަވެރިކަމާއި، ކޯޅުންތަކުގެ ތެރެއިން ދެމީހެއްގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތައް އެހެން މީހުންނާ ހިއްސާކުރުން ފަދަ ކަންކަން ކުރަންވާނީ ދެމީހުންގެ މެދުގައި ނުވަތަ ދެބައި މީހުންގެ މެދުގައި ފިތުނަ އުފެދި ދެކޮޅުވެރިކަމެއް ނުހިގާނެ ފަދަ ގޮތެއްގެ މަތިންނެވެ. ދޮގުބުހުތާން ވާހަކަ ދައްކައިގެން ކުރިހޯދަން އުޅެގެން އާޚިރުގައި ލިބޭނީ ކެއްސެވެ.

އެއްވެސް ކަމެއްގައި ޚިޔާލުތަފާތުވެ  ދެބައި މީހުންކުރެ އެއްބަޔަކުވެސް ރުޅި އިސްކޮށްފިނަމަ ކަންކަން ދާނީ ގޯހުން ގޯހަށެވެ. ފުރުޞަތުބަލައި ދެބައިމީހުންގެ މެދަށް ޝައިޠާނާ ވަދެގަންނާނެއެވެ.

ދީނުގެ ކަންކަމުގައިވެސް އަމަލުކުރަންވާނީ ހަމަ މިގޮތަށެވެ. މީހެއްގެ ކިބައިން އެއްވެސް މައްސަލައެއް ފެނިއްޖެނަމަ ނުވަތަ ކަމެއް ފާހަގަކުރެވިއްޖެނަމަ ފުރަތަމަ ދެމީހުންގެ މެދުގައި މަޝްވަރާކުރާށެވެ. އެއަށްފަހު ރުޅިވެރިކަމެއް ނެތި ގޮސް ދީނީ ޢީލްމުވެރިއަކާއި ބައްދަލުކޮށް ލަފާހޯދާށެވެ.

ދީނީ ކަމެއްގައި ނަމަވެސް ޒުވާބެއް ކުރާނަމަ މީހުން އެއްވާނެއެވެ. އެކަކު އެއްގޮތަށް އަނެކަކު އަނެއް ގޮތަށް ވާހަކަދައްކާނެއެވެ. އެކަކު އެއް އިލްމުވެރިއެއްގެ ބަސްފުޅު ބަޔާންކުރާއިރަށް އަނެކަކު އަނެއް އިލްމުވެރިއެއްގެ ބަސްފުޅު ހާމަކުރާނެއެވެ. ސިޔާސީ ކަންކަމުގައިވެސް ހަމަ ވާނީ މިހެންނެވެ. އެކެއްގެ ގޯސްވާހަކަ ދައްކާއިރަށް އަނެއްކަކު އެއަށްވުރެ މާނުބައިކޮށް ، މާ ހަޑިކޮށް އެހެންވާހަކައެއް ދައްކާނެއެވެ. ގިނަފަހަރަށް އެފަދަވާހަކައެއް ދައްކާނީ އެއްވެސް މަޢުލޫމާތެއްގެ މައްޗަށް ބުރަވެހުރެއެއް ނޫނެވެ. ހަމަ ޖަޒުބާތުގައި ޖެހިގެންނެވެ.

އިސްލާމް ދީން އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ ފިތުނަވެރިކަން ނައްތައިލުމެވެ. ފިތުނަވެރިކަން ނުބޭއްވުމެވެ. އެހެންކަމަށްވާއިރު ސިޔާސީ ކަމަކާއި ގުޅިގެންވިޔަސް ފިތުނަވެރިކަން އުފެއްދުމަށްވުރެ ބޮޑު ނުބައެއް އޮންނާނެހެއްޔެވެ؟ ތިމާ ތާއީދުކުރާ ފަރާތަށް ވޯޓް އިތުރު ކުރުމުގެ ބޭނުމުގައި ދޮގުވާހަކަ ދައްކައިގެން ޢާއިލާތައް ޖައްސައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ ނުހަނުބޮޑު ނުބައިކަމެކެވެ. ފިތުނަ ފަސާދަ އުފައްދައިގެން ވޯޓު އިތުރެއް ނުވާނެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close