އެންމެ ފަސޭހައިން ކުރެވޭ ޞަދަގާތަކީ ކޮބާ؟
ސަލާމާއި ޞަލަވާތް ލެއްވި ރަޙުމަތުގެ މާތް ނަބިއްޔާ ގެ އަގުމާތްވި ބަސްފުޅުތަކުގެ ތެރެއިން ބަސްފުޅެއްގެ ތަރުޖަމާގަވެއެވެ.
“އަދި ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީ ޞަދަގާތެކެވެ.” ބަސްފުޅަށް ޢަމަލީ ސިފަގެނެސްފި ހަމަ ކޮންމެ މީހަކަށްމެ ހިނިތުންވުމަކީ ޚުދު ތިމާގެ އަމިއްލަ ނަފުސަށްވެސް ކުރެވޭ ޞަދަޤާތެއްކަން ޔަގީންވާނެއެވެ.
ކޮންމެ މީހަކަށް ޚާއްސަ ހިނިތުންވުމެއް ލިބިފައިވާ ފަދައިން، ހިނިތުންވުމުގެ އެތައް ބާވަތަކާއި ވައްތަރެއް ވާކަން ވެސް ނަފްސާނީ ޢިލްމުވެރިން ބަޔާންކުރައްވައެވެ. އޭގެ ތެރޭގައި ތެދުވެރި ހިނިތުންވުމާއި އެކުވެރި ހިނިތުންވުން ހުންނަ ފަދައިން ރުޅިވެރި ހިނިތުންވުމާއި ގޯސް ހިނިތުންވުން ހުންނަ ކަމާއި އޭގެ ސިފަތަކާއި އެއިން ކޮންމެ ވައްތަރެއްގެ ހިނިތުންވުމުން ކުރާ އަސަރުތަކުގެ މައްޗަށް ވެސް އެބޭފުޅުން ވާހަކަދައްކަވާފައިވެއެވެ.

ހިނިތުންވުމުގެ ހަގީގަތާއި ހިނިތުންވުމުގެ އަސަރު ތިމާއަށާއި އަނެކުންނަށް ކުރާ ގޮތާއި މިންވަރާ މެދު ނަފްސާނީ ޢިލްމުވެރިން ވަރަށް ގިނަ ދިރާސާތައް ކުރައްވާފައިވެއެވެ. އެފަދަ ބައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ކޮންމެ މީހަކަށް ވެސް އެމީހަކަށް ޚާއްސަ އަނެކުންނާ ތަފާތު ހިނިތުންވުމެއް ލިބިގެންވެއެވެ. އަދި ކޮންމެ ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވިފައިވާ އެތަކެއް ސިއްރުތަކެއްވެއެވެ. ހަމަ އެހެން އިންސާނާގެ ސިކުނޑީގައި އެވަގުތަކު ހިނގަމުންދާ ފިކުރުތަކާއި ކުރަމުންދާ އިހުސާސްތަކުގެ ތަސައްވަރު ހިނިތުންވުމުން ދެނެގަނެވިދާނެއެވެ.
ހިނިތުންވުމުން ލިބޭ ބައެއް ފައިދާތަކަކީ ކޮބާ؟
- ހިނިތުންވުމުގެ ސަބަބުން ސިކުނޑިއަށް ހަމަޖެހުން ގެނުވާ އަރާމުލިއްބައިދެއެވެ. ހަމައެޔާ އެކު އޭގެ ހެޔޮ އަސަރު މުޅި ހަށިގަނޑަށް ފެތުރިދެއެވެ. ހިތުގެ ހިނގުމާއި ލޭނާރުތައް އިންތިޒާމުކޮށްލަދެއެވެ.
- އެފް.އެމް.އާރު.އައި ސްކޭންތަކުން ދައްކާގޮތުގައި އެކި ކަހަލަ ހިނިތުންވުމުން ސިކުނޑިއަށް ކުރާ އަސަރު ވަރަށް ބޮޑަށް ތަފާތުވެއެވެ. އަދި ހިނިތުންވުމުގެ ބާވަތުން ސިކުނޑީގައި ލޭދައުރުކުރާ ގޮތަށް ތަފާތުގެނުވައެވެ.
- ހިނިތުންވުމުގެ ސަބަބުން އަނެކާގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވައިދެއެވެ. ޢިލްމުވެރިންގެ ހޯދުންތަކުން އެނގޭ ގޮތުގައި، އިންސާނާއަށް ބޭނުންވާ އުފާވެރި ކަމުގެ އިޙްސާސަކީ ބައެއްފަހަރު ކެއިންބުއިމާއި އެއް ދަރަޖައަށް ބޭނުންޖެހޭ ކަމެކެވެ. ހިތުގެ ބަލިތަކަށް ބޭނުންވާ ފަރުވާތަކުގެ ބޮޑުބައެއް، އުފާވެރި ކަމުގެ އިހުސާސުން ލިބިދޭކަމަށް ސާބިތުވެފައިވެއެވެ.
- ހިނިތުންވެލާ ގޮތުގެ ސަބަބުން އަނެކާގެ ފަރާތުން ބޭނުންވާ އެތައް މަޢުލޫމާތެއް ފަސޭހަ ކަމާއިއެކު ހޯދައިގަނެވިދާނެއެވެ. އެއީ، ހިނިތުންވުމުގައި ވަރަށްގިނަ މަޢުލޫމާތު އެކުލެވިފައިވާތީއެވެ.
- ލޯތްބާއި އޯގާތެރިކަމާއި އެކު ހަދިޔާކޮށްލެވޭ ހިނިތުންވުމުގެ ސަބަބުން އަނެކާއަށް ކުރިމަތިވެފައިވާ ކަންބޮޑުވުމާއި ހާސްކަން ދުރުކޮށްދެއެވެ. އެފަދަ ހިނިތުންވުމަކީ ފަހަރެއްގައިވެސް ފައިސާއަކަށް ގަނެވޭނޭ އެއްޗެއް ނޫނެވެ. އެހެން ކަމުން ހިނިތުންވުމަކީ ފައިސާއަށްވުރެ ވެސް އަގުބޮޑު އެއްޗަކަށް ނުވޭތޯއެވެ؟
- ހިނިތުންވުމާއެކު ތިބާއާ ބައްދަލުކުރި ޑޮކްޓަރާއި ހިނިތުންވުމާއެކު ތިބާއާ ބައްދަލުކުރި ޓީޗަރާއި ހިނިތުންވުމާއެކު މުޢާމަލާތުކުރި ވިޔަފާރިވެރިޔާ އާއި ހިނިތުންވުމެއް ނެތި ތިބާއާ އެކި ދާއިރާތަކުގައި މުޢާމަލާތުކުރި މީހުންނާ މެދު ކުރެވުނު އިހުސާސްތަކުގެ ފަރަގު އަމިއްލައަށް ވިސްނާލިޔަސް ހިތަށް ފަސޭހަކަމާއެކު ގެނެސްގަނެވޭނެއެވެ.
ޑރ އިބްރާހީމުލްފިޤީ ވިދާޅުވާ ފަދައިން ހިނިތުންވުމަކީ އެކެއްގެ މޫނުން އަނެކެއްގެ މޫނަށް “ވާރުތަވާ” ކަމެކެވެ. ތިބާ މީހެއްގެ ކުރިމަތީ ހިނިތުންވުން ތަކުރާރުކުރަނީ ނަމަ އޭނާ ވެސް ހިނިތުން ނުވެއެއް ނުހުންނާނެއެވެ. އޭރުން ފެންނާނީ އޭނާގެ ހަށިގަނޑުގެ އެންމެހާ ހިސާބަކުން ތިބާއަށް މަރުހަބާކިޔަމުންދާ ރީތި މަންޒަރެވެ. ސަބަބަކީ އޭނާގެ ހަށިގަނޑަށްހަމަޖެހުން ގެނުވި ހިނިތުންވުމުގެ ސަބަބަކީ ތިބާގެ ހިނިތުންވުމެވެ. ހަގީގަތުގައި އޭރަށް އެކުރެވުނީ އެންމެ ސަދަޤާތެއް ނޫނެވެ . މާތް ނަބިއްޔާ އިރުޝާދުދެއްވާފައި މި މުހިންމު މަތިވެރި ޞަދަޤާތްދިނުމުގައި ދަހިނުވާށެވެ. އަދި ޞަދަޤާތް ގަބޫލުކުރައްވާނޭ ގޮތުން ތިބާގެ ހިނިތުންވުމުގައި އިޚްލާސްތެރިވާށެވެ!
މަޢުލޫމާތު: ކަވާސާ.ކޮމް
