ދީން

ޤިޔާމަތް ދުވަހުން 99 ފަތް ހުޅުވާލެވޭ މީހާ

ވަޤުތަކީ، ޤިޔަމާތްދުވަހު މަޙްޝަރުގެ މައިދާނުގައި މީސްތަކުން ދުނިޔެމަތީގައި ކުޅަ ޢަމަލުތަކުގެ ހިސާބު ކިތާބު ބަލައި ޢަމަލުތައް ވަޒަން ކުރުމުގެ ވަޤުތެވެ. މާތް ﷲގެ އަޅުތަކުންކުރެ އަޅަކަށް އޭނާގެ ޢަމަލުތަކުގެ ޙިސާބު ބެލުމަށްޓަކައި ހާޒިރުވުމަށް ގޮވާލެވޭ ވަޤުތެވެ. އެ އަޅަކު ހާޒިރުވުމުން އޭނާގެ ކުރިމަތީގައި އޭނާކޮށްފައިވާ ޢަމަލުތަކުގެ 99 ފަތް ނިއުޅާލެވޭނެއެވެ.

މި 99 ފަތުގައިވަނީ، ފަހެ ކޮންކަހަލަ ޢަމަލުތަކެއްބާވައެވެ؟ ހެޔޮޢަމަލުތައް ބާއެވެ. ނުވަތަ ނުބައި ޢަމަލުތައް ބާއެވެ. ހެޔޮޢަމަލުތައް ހުރެއްޖެކަމުގައިވާނަމަ އޭނާއަށް އުފަކުގެ ކޮޅެއް ނެތެވެ. އޭނާގެ މި 99 ފަތުގައިވަނީ އޭނާކޮށްފައިވާ ނުބައި ޢަމަލުތަކެވެ.

އާދެ! 99 ފަތް ފުރިފައިވަނީ، އޭނާ ކޮށްފައިވާ ނުބައި ޢަމަލުތަކުންނެވެ. އޭގެ ކޮންމެ ފަތެއްގެ ދިގުމިން އޭނާގެ ލޮލުކޮޅަށް ފެންނަ ހިސާބުގެ 99 ފަތް ފުރިފައިވަނީ އޭނާގެ ނުބައި ފާފަތަކުންނެވެ. ހާދަހާވާ ގިނަ ނުބައި ފާފަތަކެކެވެ. އަސްތަޣުފިރުﷲ

މިފަތްތައް ދެއްކެވުމަށްފަހު، އޭނާގެ ވެރި ރަސްކަލާނގެ އޭނާއަށް ވަޙީކުރައްވާނެތެވެ. “މީގެން އެއްވެސް ކަމަކަށް އިންކާރު ކުރައްވަމުތޯއެވެ؟ ޢަމަލުތައް ލިޔެއްވެވުމަށް ޙަވާލުކުރެއްވުނު ތިމަން ރަސްކަލާނގެ މަލާއިކަތުން ތިބާއަށް މިވަނީ، އަނިޔާވެރިވެވަޑައިގެންފަތޯއެވެ؟”

އޭނާގެ ނިކަމެތިކަމާއި، މާޔޫސްކަމާއި، ބިރުވެތިކަމާއެކު ދަންނަވާނެއެވެ. “ތިމަންގެ ވެރި ރައްބެވެ! ނޫނެކެވެ.” އެކަލާނގެ އޭނާއަށް ވަޙީކުރައްވާނެއެވެ. “(މިކަންކަން ފޮހެލާނެފަދަ ހެޔޮކަމުގެ) އެއްވެސް ޢުޒުރެއް އެބައޮތްތޯއެވެ؟” އޭނާ ދަންނަވާނެއެވެ. “ތިމަންގެ ވެރި ރައްބެވެ! ނޫނެކެވެ.”

ފާފަތަކުން ތަތްތެޅިފައި މިވާ ނިކަމެތިމީހާ، އޭނާގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި، އެކަލާނގެ ޢަޛާބުން ސަލާމަތްވުމަށްޓަކައި ކުރެވޭނެ އެއްވެސް ކަމެއްނެތި، ދެއްކޭނެ އެއްވެސް ޢުޛުރެއްނެތި ނާއުއްމީދުވާނެއެވެ. މާޔޫސްކަމުން އޭނާގެ ހިތްފުރިގެންދާނެއެވެ. އެހީތެރިކަމެއް ފޯރުކޮށްދޭނެ އެހީތެރިޔަކު ނެތެވެ.

އެހިނދު މިނިކަމެތި އަޅާ ދިފާޢުކުރެއްވުމަށްޓަކައި، ދުނިޔޭގައި އޭނާ އިންތިހާއަށް އުރެދި އުޅުނު ޢާލަމްތަކު ވެރި ރަސްކަލާނގެ ޢުޒުރު ހުށަހަޅުއްވައެވެ. އެކަލާނގެ އަޅުތަކުންނަށް އެކަލާނގެ އޯގާވެރިވެވޮޑިގެންވާ މިންވަރު ވިސްނާލައްވާށެވެ!

އިންސާނާއަށް އޭނާގެ ވެރިރަސްކަލާނގެއީ އެންމެ އޯގާތެރިވަންތަ ފަރާތެވެ. އެފަރާތަށްވުރެ އޯގާވަންތަކަން ބޮޑު ފަރާތެއް ނުވެއެވެ.

އެހިނދު އޭނާއަށް މާތް ﷲ ވަޙީކުރައްވާނެއެވެ. “އެހެނަކުން ނޫނެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޙަޟްރަތުގައި، ތިބާގެ ހެޔޮކަމެއް އެބަވެއެވެ. މިއަދު ތިބާއާއިމެދު ބޭއިންސާފުން ކަމެއް ނުކުރެވޭނެއެވެ.” ދެން  أَشْهَدُ أَنْ لَا إِلَهَ إلَّا اللهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ

މިފަދައިން ލިޔުއްވާފައިވާ ކާޑެއް ނެރުއްވާނެއެވެ. އަދި ވަޙީކުރައްވާނެއެވެ. “ތިބާގެ ވަޒަންކުރުމަށް ޙާޟިރުވާށެވެ!” އެހިނދު އޭނާ ދަންނަވާނެއެވެ. “އޭ އަޅުގެ ވެރި ރައްބެވެ! މި ފަތްތަކާއި އަޅާބަލާއިރު ތިޔަ ކާޑުވާނީ ކޯންޗަކަށްތޯއެވެ؟”

އެކަލާނގެ ވަޙީކުރައްވާނެތެވެ. “ތިބާއަށް ބޭ އިންސާފު ނުކުރެވޭ ހުއްޓެވެ!”

ދެން އެ 99 ފަތް ތިލަފަތުގެ 1 ފަރާތަށް ލެވޭނެއެވެ. އަދި އެ ކާޑު އަނެއް ފަރާތަށް ލެވޭނެއެވެ. އެހިނދު، އެ ފަތްތައް ލުއިވެ، އެކާޑު ލެވުނު ފަރާތް ބަރުވެގެންދާނެއެވެ. ސުބުޙާނަﷲ

ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރުމުގެގޮތުން ކިޔޭ ކަލިމަކަމުގައިވާ، لا إله إلا الله އަކީ މަތިވެރިވެގެންވާ ކަލިމައެކެވެ.

މިކަލިމަ ތެދުހިތުން އިޚްލާޞްތެރިކަމާއެކު ކިޔާ، މި ކަލިމައަށް ބަހުންނާއި ޢަމަލުން ކިޔަމަންގަތް މީހަކަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ލިބޭނެއެވެ.

މިކަލިމައާއި ފުށުއަރާފަދަ ޤަބޫލުކުރުމެއް ޤަބޫލުނުކޮށް އަދި ފުށުއަރާފަދަ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ނުކޮށް ހުރެއްޖެމީހަކީ، ކާމިޔާބުގެ އަހުލުވެރިއެކެވެ.

މިހެންކަމުން އެ ބިރުވެރި ދުވަހުގައި އެއްވެސް ކަހަލަ ބިރުވެރިކަމަކާއި މާޔޫސްކަން ނުލިބުމަށްޓަކައި ހެޔޮކަންތައް ކުރުން އިތުރު ކުރައްވާށެވެ. ހެޔޮކަމުގެ ތިލަފަތް ބަރުކޮށްލާފަދަ ގިނަ ބޮޑެތި ހެޔޮކަންތައްތަކެއް ކޮށްފައިވާ ޙާލު، މި ދުނިޔެއާއި އަލްވަދާޢު މިޔާމީހަކަށްވުމަށް މަސައްކަތް ކުރައްވާށެވެ!

ރިޕޯރޓް: އައްޝައިޚް މުޙައްމަދު ޝިނާން  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close