ޕެންޝަން ފަންޑު ފައިސާއިން ޙައްޖަށް ދާން އަގުގެ 50 ޕަސަންޓް ދޭގޮތަށް ފާސްކޮށްފި
ޕެންޝަން ފަންޑު ފައިސާއިން ޙައްޖަށް ދާން އަގުގެ 50 ޕަސަންޓް ދޭގޮތަށް ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރެވޭ ގޮތަށް ޕެންޝަނާއި ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގައެވެ. އެއިސްލާހްވަނީ މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. މި އިޞްލާޙު ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުންނެވެ.
އެއިސްލާޙްގައިވާ ގޮތުން ޕެންޝަން ފަންޑުން ހައްޖަށް ދާން ފައިސާ ދޫކުރަނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ޢަދަދުގެ ދެބައިކުޅަ އެއްބައި ނުވަތަ ފަންސާސް އިންސައްތައެވެ. އަދި ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ޙައްޖުގެ އަޅުކަން އަދާކުރަން ސޭވިންގ އެކައުންޓުން ފައިސާ ދޫކުރާނީ އަލަށް ޙައްޖަށް ދާ މީހުންނަށް އެކަނި ކަމަށްވެސް އެއިސްލާހްގައިވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙުގައި ބުނެފައިވަނީ ޕެންޝަން ސްކީމުގެ ބައިވެރިންގެ ތެރެއިން ޕެންޝަން ޤާނޫނުގައި ކަނޑައަޅައި ޝަރުތުތައް ފުރިހަމަވާ ބައިވެރިންގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ދެއްކޭނެ އިންތިޒާމް ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ހަމަޖައްސަންވާނެ ކަމަށެވެ.
ފެންޝަން ފަންޑުގެ ފައިސާއިން ހައްޖަށް ދެވޭނީ، ޕެންޝަން ލިބޭ ޢުމުރު ހަމަވާއިރު، މަހަކު ދެހާސް ރުފިޔާ ދެވޭ މިންވަރުގެ ފައިސާ، ހައްޖުވުމަށް ހުށަހަޅާ ރިޓަޔަމެންޓް ސޭވިންގް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަތަކަށެވެ.
މީގެ އިތުރުން ޕެންޝަން ފައިސާ ޚަރަދުކޮށްގެން އެ އަހަރަކު ޙައްޖަށް ފޮނުވާނެ ޢަދަދެއް ކަނޑައަޅާނީވެސް ޕެންޝަން އޮފީހުންނެވެ. މި އިޞްލާޙު ހުށަހެޅުއްވީ ގިނަބަޔަކަށް ޙައްޖުގެ މަތިވެރިކަން އަދާ ކުރުމުގެ މަގު ތަނަވަސް ކުރުމުގެ ގޮތުންކަމަށް އެއިސްލާހް ހުށަހެޅުއްވި ފަރާތުން ހާމަކުރައްވައެވެ.
ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.

