ޚަބަރު

ބޮޑުޚިޔާނާތާގުޅިގެން ހާމަކުރި ރިޕޯޓުގެ އިތުރުން އިތުރު ފަސްކަމެއް ބަލަނީ

އެމް.އެމް.ޕީ.އާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އިތުރު 5 ކަމެއް ބަލަމުންދާކަމަށް އެސީސީންބުނެފިއެވެ. އަދި އިތުރަށް ބަލަމުންދާ ކަންކަން ނިމުމުން ރައްޔިތުން ބޭނުންވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބިގެންދާނެކަމަށްވެސް އެންޓިކޮރަޕްޝަން ކޮމިޝަން އޭ.ސީ.ސީން ވަނީ ވިދާޅުވިއެވެ.

މިމަހުގެ 14 ވަނަ ދުވަހު އާންމުކުރި އެމް.އެމް.ޕީ.އާރުސީގެ 1.3 ބިލިޔަން ރުފިޔާގެ ކޮރަޕްޝަނުގެ ތަޙްޤީގީ ރިޕޯޓްގައި ސާފުނުވާ ކަންތައްތަކެއް ހުރިކަމަށްބުނެ ޤާނޫނީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ދެންނެވި ސުވާލަކަށް ޖަވާބުދެއްކަމުން އޭ.ސީ.ސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެކޮމިޝަނުން ނެރުނު ރިޕޯޓުގެ އިތުރުން އިތުރު ފަސްކަމެއް މިމައްސަލައާ ގުޅިގެން ބައްލަވަމުންދާކަމަށެވެ.

“ރިޕޯޓް ކިޔާލައިފިއްޔާ ހަމަ ފާހަގަކުރެވޭނެ އަޅުގަނޑުމެންނަށް ފުރިހަމަ ނުވެހުރި ކަންތައްތައް ރިޕޯޓުގައިވެސް އޮންނާނެ ފާހަގަކޮށްފައި. އެކަންތައްތަކަކީ އޭސީސީން އިތުރަށް ތަޙްޤީގުކުރަމުންދާ މައްސަލަތަކެއްގެ ގޮތުގައި، އެހެންވީމަ އެކަމާއި ގުޅިގެން ޒިންމާވާ ފަރާތްތަކާއި ސުވާލުކުރެވޭނެ. ބަލަމުންދާ ފަސްކަން ނިމޭއިރު ބޭނުންވާ ސުވާލުތަކަށް ޖވާބުލިބޭނެ” މުޢައްވިޒް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މުޢައްވިޒް ވިދާޅުވީ އެމް.އެމް.ޕީ.އާރުސީގެ ކޮރަޕްޝަން މައްސަލަ ތަޙްގީގުކުރިއިރު ކަމާގުޅުހުރި އިދާރާތަކުން ޢާންމުކުރި މައުލޫމާތާއި، ބައެއް އަމިއްލަ ފަރާތްތަކުން ހާމަކުރި ކަންކަމަށްވެސް ރިޢާޔަތްކޮށް ބައެއް ކަންކަމުގެ ތަޙްޤީގުނިންމައި ކަމާއިގުޅުންހުރި އިދާރާތަކަށް އޭރުވެސް ފޮނުވާފައި ވާނޭކަމަށެވެ.

އަދި މިހާރު ބަލަމުންދާ އެމް.އެމް.ޕީ.އާރުސީއާ ގުޅުހުންހުރި މައްސަތަކުގެ ތެރޭގައިވެސް ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބާ ގުޅުންހުރި މައްސަލަތައްހިމެނޭކަމަށާ މީގެ އިތުރުން މާފަރު އެއަރޕޯޓު މަޝްރޫޢާގުޅޭ މައްސަލަތަކާއި ފެނަކަ ކޯޕަރޭޝަނާއި، ވެމްކޯއާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން، ސީލައިފް ފްލެޓް މަޝްރޫޢާއި އެމް.އެމް.އޭގެ ފައިނެންޝަލް އިންޓެލިޖެންސުން ސަސްޕިޝަސް ޓްރާންސެކްޝަންތަކެއްގެ ގޮތުގައި އޭ.ސީސީއަށް ހުށައަޅާފައިވާ މައްސަލަތަކެއްގެ ތަޙްޤީގުތައްވެސް ކުރިއަށްދާކަމަށް މުޢައްވިޒް ވިދާޅުވިއެވެ.

އެކޮމިޝަނުން ބުނީ މިމަހުގެ 14ވަނަ ދުވަހު އާންމުކުރި އެމް.އެމް.ޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ރިޕޯޓު ޢާންމުކުރުން ލަސްވެގެންދިޔަނަމަވެސް މިހާރު ބަލަމުންދާ މައްސަލަތަކުގެ ތަޙްޤިގުތައް ވީއެންމެއަވަހަށް ނިންމުމަށްފަހު އާންމުކުރައްވާނެކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close