ޚަބަރު

މެއި ނުވަތަ ޖޫންމަހުގެ ތެރޭގައި މާފަރު އެއަރޕޯޓަށް ދަތުރުތައް ފެށޭވަރުވާނެ – ނަޙްލާ

ނ.މާފަރުގައި ތަރައްޤީ ކުރަމުންދާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، މިއަހަރުގެ މެއި ނުވަތަ ޖޫންމަހުގެ ތެރޭގައި ޝެޑިއުލް ދަތުރުތައް ފެށޭވަރުވާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަޙްލާ މިހެން ވިދާޅުވީ ޓީވީމޯލްޑިވްސް ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭވާހަކަފުޅުދައްކަވަމުންނެވެ.

ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވީ، މާފަރު އެއަރޕޯޓުގެ މަސައްކަތް ކަނޑައަޅި މުއްދަތައްވުރެ ދިގުލައިގެން ދިޔައީ އެ މަސައްކަތް ހަވާލުކުރި ކުންފުނިން އެ މަސައްކަތް ސަބް-ކޮންޓްރެކްޓަރަކާ ޙަވާލުކޮށްގެން ކުރަމުންދާތީކަމަށާއި،  މާފަރު އެއަރޕޯޓުގެ މައްސަލައިގައި އަބޫދާބީ ފަންޑުގެ ބޭފުޅުންނާއެކު ބޭއްވި މަޝްވަރާތަކުގައިވެސް، މިހާރު އެ މަސައްކަތް ކުރަމުންދާ ކުންފުނީގެ އަތުން، އެމަސައްކަތް ނެގުމަށްފަހު އިތުރު ބަޔަކަށް ހަވާލުކޮށްފިނަމަ، އަނެއްކާވެސް އެ މަސައްކަތް ދިގުލައިގެން ގޮސްދާނެކަމަށް ބެލެވޭތީ، ކޮންޓްރެކްޓަރު ބަދަލުކުރުމުގެ ބަދަލުގަައި މާފަރު އެއަރޕޯޓުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކުންފުނީގެ ބެލުމުގެ ދަށުން އެ މަސައްކަތް ހަލުވިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށެވެ.

އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ހިލޭ އެހީއާއެކު ކުރީގެ ސަރުކާރުން މާފަރުގައި ތަރައްޤީކުރަމުންދާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމައި މިދިޔަ އޯގަސްޓްމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ވަނީ ޖައްސާފައެވެ. އަދި އިންޓަރނޭޝަލް ދަތުރުތަކަށް ރަންވޭ ޓެސްޓް ކުރުމުގެ މަސައްކަތް އޮކްޓޯބަރުމަހުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވެއެވެ. މާފަރު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް މިދިޔަ އަހަރުގެ ފަހުކޮޅު ފެށޭވަރުވާނެކަމަށް އޭރުގެ ސަރުކާރުން ބުނި ނަމަވެސް، ސަރުކާރު ބަދަލުވުމާއި ހަމައަށްވެސް މާފަރު އެއަރޕޯޓު އާއްމު ދަތުރުތަކަށް ހުޅުވާލާފައެއްނުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ މާފަރު އެއަރޕޯޓުގެ އިތުރުން މަސައްކަތް ހުއްޓިފައި ހުރި އެހެން އެއަރޕޯޓުތަކުގެ މަސައްކަތްވެސް މިހާރު ހަލުވިމިނުގައި ކުރިއަށްދާކަމަށެވެ. އަދި ކުރީގެ ސަރުކާރުން އަމަލީ މަސައްކަތް ފައްޓާފައިވާ އެއްވެސް އެއަރޕޯޓެއްގެ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތްކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ. ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ޙާއްސަކޮށްގެން މީގެކުރިން ވަކި މިނިސްޓްރީއެއް ނެތްނަމަވެސް، ރައީސް ޞާލިޙުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް އޭވިއޭޝަންގެ ދާއިރާ އިތުރުކުރުމާއެކު އެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމުގައިވެސް އިތުރު ފަސޭހަތަކެއް ވެގެންދާނެކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close