ޚަބަރު

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެގޮތް ހަދަނީ

ދިވެހިރައްޔިތުންނަށް މިހާރަށްވުރެ ލުއިފަސޭހަކޮށް ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އަންނަ އާދީއްތަ ދުވަހުން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް އެދި ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕާސްޕޯޓުގެ ޚިދުމަތަށް އެދި އީމެއިލް ކުރާނީ އެ މުއައްސަސާގެ އެކަމަށް ޚާއްޞަކޮށްފައިވާ އީމެއިލަށް ކަމަށެވެ.

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް އެދޭއިރު، ދިވެހި ޕާސްޕޯޓަށް އެދޭ ފޯމާއި، އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، 10 ރުފިޔާގެ ރެވެނިއު ސްޓޭމްޕާއި، އެންމެފަހުން ހެއްދި ޕާސްޕޯޓުގެ ޑާޓާ ޕޭޖްގެ ކޮޕީ އަދި ނެގި ފަހުން 1 މަސް ދުވަސް ނުވާ، ދިވެހި ޕާސްޕޯޓު ފޮޓޯ މިންގަޑާ އެއްގޮތް، ޕާސްޕޯޓު ސައިޒު ފޮޓޯ އީމެއިލްގައި އެޓޭޗްކުރުމަށްފަހު ފޮނުވަން ޖެހެއެވެ.

އިމިގްރޭޝަނުން ބުނީ އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކަށް ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ޕާސްޕޯޓު ހެއްދުމަށް ފައިސާ ދައްކާތާ 48 ގަޑިއިރު ފަހުން ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމުތަކަށް ފައިސާދެއްކުމަށް މޯލްޑިވްސް އިމިގްރޭޝަނުން އީމެއިލް މެދުވެރިކޮށް އެންގޭނެކަމަށާއި، އީމެއިލް މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް ދޫކުރެވޭނީ އިމިގްރޭޝަންގެ މާލެއާއި، އަތޮޅު ތެރޭގައި ޤާއިމުކޮށްފައިވާ އެ އިދާރާގެ އޮފީސްތަކުގެ ތެރެއިން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ އޮފީހަކުންކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އެހެންކަމުން ޕާސްޕޯޓާ ހަވާލުވާން ބޭނުންވާ އޮފީހެއް އެނގޭނެހެން ފޯމުގައި އެކަމަށް ޚާއްޞަކޮށްފައިވާ ގޮޅީގައި ފާހަގަ ޖަހަންވާނެކަމަށާއި، ފާހަގަ ޖަހާފައި ނުވާނަމަ، ޕާސްޕޯޓު ދޫކުރެވޭނީ އިމިގްރޭޝަންގެ ހެޑު އޮފީހުންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close