ޕީއެންސީ އުފެއްދުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) އުފެއްދުމަށް އަނެއްކާވެސް ހުރަސްތަކާ ކުރިމަތި ވެއްޖެއެވެ.
އެޕާޓީ އުފެއްދުމަށް އެލެކްޝަންސް ކޮމިޝަނުން ހުރަސްއަޅާކަމަށް ތުހުމަތު ކުރާ މިދަނޑިވަޅުގައި އިތުރުރަށް ކުރިމަތިލާންޖެހުނު ހުރަސްތަކަކީ ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވާ ސިޔާސީ ޕާޓީގެ ގަވައިދަށް އިލެކްޝާން ކޮމިޝަން (އީސީ) އިން ގެނައި އިސްލާހުތަކާ ގުޅިގެންނެވެ.
އިސްލާހުތަކުގެ ތެރެއިން ޕާޓީ އުފެއްދުމުގެ ހުއްދަ ބާތިލް ކުރުމުގެ މާއްދާގައި ބުނެފައިވަނީ ހުއްދަދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުންދަނީ މިހާރުވެސް ހިނގަމުންދާ އެހެން ޕާޓީއެއްގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ކަމަށްވާނަމަ ހުއްދަ ހިފެހެއްޓުމުގެ ބާރު އީސީއަށް އޮންނާނެ ކަމަށެވެ.
އެ އިސްލާހު އެހެން ބުނެފައިވާއިރު، ޕީއެންސީގެ އޮފީހެއްގެ ގޮތުގައި މިހާރު ވެސް ބޭނުންކުރަމުންދަނީ ޕީޕީއެމްގެ މައި އޮފީސް ހ. ހުރަފައެވެ. އަދި ޕީއެންސީގެ މަސައްކަތްތަކާއި މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތައް ވެސް އެތަނުގައި ކުރިއަށްދާއިރު ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މިފަހުން ބޭއްވި ޕްރެސް ކޮންފަރެންސް ވެސް ބާއްވާފައިވަނީ އެތަނުގައެވެ.
ގަވާއިދުގައި އިތުރަށް ބުނެފައިވަނީ، ހިނގަމުންދާ ޕާޓީއެއްގެ ކަންކަމުގައި ޒިންމާވާނެ އިސްފަރާތެއް ނެތުމުން އެ ޕާޓީއެއް ހިނގާނެ ފަރާތެއް ނެތް ހާލަތަކަށް ދާނަމަ ވެސް އާ ޕާޓީގެ އުފެއްދުމަށް ދޫކުރި ހުއްދަ ބާތިލް ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން އާ ޕާޓީއެއް އުފައްދަނީ ނުފޫޒާއި އޮޅުވާލުމާއި ބާރުގެ ބޭނުންކޮށްގެން ނުވަތަ ކުށްކުރާ ޖަމާއަތެއްގެ މެންބަރުން ބައިވެރިކޮށްގެން އެ ޖަމާއަތަކުން ސިޔާސީ ބާރު ހޯދުމަށް ކަމަށްވާނަމަ ވެސް ހުއްދަ ބާތިލް ކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ކުއްލި އިސްލާހުތަކެއް ގެނެސްފައިމިވަނީ، ޕީއެންސީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދު ދީފައިވަނިކޮށެވެ.

