އެސައިންމަންޓް ވިއްކުން ހުއްޓުވަން، ޓެސްޓްތަކުން 50 ޕަސެންޓު ފާސްވާން ޖެހޭ ގޮތަށް ހަދަނީ

އެސައިންމަންޓް ވިއްކުން ހުއްޓުވަން، ބާރުއެޅުމުގެ ގޮތުންކޮންމެ ކޯހެއްގައިވެސް ހަދާ އިމްތިހާނުތަކުން 50 ޕަސެންޓު ފާސްވާން ޖެހޭ ގޮތަށް ހަދަން އެމްކިއުއޭއިން ނިންމައިފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ވަނީ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ އެސައިންމަންޓަކުން 50 ޕަސެންޓު ފާސްވާން ޖެހޭ ގޮތަށް އެކްރިޑިޓޭޝަން އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި އެސައިންމަންޓް ވިއްކުމާއި އެހެން މީހުން ލައްވައި އެސައިންމަންޓް ހެދުމުގެ މައްސަލަ އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވި ގޮތުގައި، ކޯސްތަކުގައި ހަދާ އިމްތިހާނުތަކުން 50 ޕަސެންޓު ފާސްވެގެން ނޫނީ ކޯހުން ފާސްނުވެވޭ ގޮތަށް ހެދުމަށް ނިންމާފައިވަނީ އެސައިންމަންޓް ވިއްކުމުގެ މައްސަލަތައް އޮތޯރިޓީއަށް ލިބެމުންދާތީއެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ އިސްވެރިންނާ މަޝްވަރާކުރުމަށްފަހުގައެވެ.
2021 ވަނަ އަހަރު ޢަމަލުކުރަން ފެށުނު މަތީ ތަޢުލީމުގެ ޤާނޫނުގައިވާ ގޮތުން، ދަރިވަރަކު އެހެން މީހަކު ލައްވައި އެސައިންމަންޓް ހަދައިފިނަމަ 5,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އަގަށް އެފަދަ މަސައްކަތް ކޮށްދޭ މީހުން 10,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ނަމަވެސް މިހާތަނަށް މިފަދަ އެއްވެސް ފިޔަވަޅެއް އެޅިފައިވާކަން އެނގޭކަށް ނެތެވެ.
މި އައު ނިންމުމަކީ އެސައިންމަންޓް ވިއްކުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. އަދި މި ބަދަލު ވަރަށް އަވަހަށް ޢާންމުކުރާނެ ކަމަށް އެމްކިއުއޭގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ.

