އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ލަންދޫ ކައުންސިލުންވެސް ބަޔާނެއް ނެރެފި
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން ) އިން ” ޕްލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް ” ގެ ނަމުގައި ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނާއި މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްއަށް ފުރައްސާރަކޮށް ކީރިތި ޤުރުއާނުގެ ނައްސުތަކުން ސާބިތުވާ ކަންތައްތަކަށް ކަނޑައެޅިގެން އިންކާރުކޮށްފައިވާތީ ، އެކަން ކުށްވެރިކޮށް ލަންދޫ ކައުންސިލާއި ލަންދޫގެ އެންމެހާ ރައްޔިތުންގެ ނަމުގައި ބަޔާނެއް ނެރެފިއެވެ.
އެބަޔާނުގައިވަނީ ލަންދޫ ކައުންސިލާއި ލަންދޫގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި މިއީ މާތްވެގެންވާ އިސްލާމްދީނާއި މިޤައުމުގައި އޮތް ދީނީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ނައްތާލުމަށްޓަކައި ދުރާލާ ރޭވިގެން ހިންގާ ލާދީނީ ބޮޑު ޖަރީމާއެއް ކަމުގައި މި ކައުންސިލާއި ލަންދޫގެ ރައްޔިތުން ދެކޭކަމުގައެވެ. އަދި މިފަދަ ކަންތަށްތަކަށް އެއްވެސް ބަޔަކަށް ފުރުޞަތު ނުދިނުމަށް ދިވެހި ސަރުކާރަށާއި ދައުލަތުގެ 3 ބާރަށާއި ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލައިފައިވެއެވެ.
އަދި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) ގެ އިސްފަރާތްތަކާއި ، މި ރިޕޯޓް ނެރުމުގައި ހަރަކާތްތެރިވި އެންމެން ހިފާ ހައްޔަރުކޮށް މި ޖަމްޢިއްޔާ އުވާލާ މި މައްސަލަ ތަހުޤީޤުކޮށް ހައްޤު އަދަބު ދިނުމަށް ސަރުކާރުގެ ކަމާއިބެހޭ އެންމެހާ މުއައްސަސާތަކަށް އިލްތިމާސް ކުރައްވާފައި ވެއެވެ.
ލަންދޫ ކައުންސިލުން މިފަދަ ބަޔާނެއް ނެރެފައިވާއިރު ގިނަރަށްތަކެއްގެ ކައުންސިލް ތަކުންނާއި، އެހެނިހެން މުއައްސަސާތަކުންވެސް ދަނީ އެކަން ރިޕޯޓް ކުށްވެރިކޮށް މިފަދަ ބަޔާންތައް ނެރެމުންނެވެ.



