ޚަބަރު

ޖޭޕީއަށް މިޖެހުނީ މިފަހަރުވެސް ސަލާން ޖަހަން – ޤާސިމް

އެމްޑީޕީއަށް ވެރިކަން ލިބުމުން މިފަހަރުވެސް ޖުމްހޫރީ ޕާޓީ މަގު މައްޗަށް ނެރެ އެއްލާލާފައިވާކަމަށާއި، ޖުމްހޫރީ ޕާޓީއަށް މިފަހަރުވެސް މިޖެހުނީ ސަލާން ޖަހަންކަމަށް ޖޭޕީގެ ލިޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް ދެފަހަރެއްގެ މަތިން ބަހުގެ ޙަމަލާތަކެއް ދެއްވުމަށްފަހުއެވެ. ޤާސިމް ކުރެއްވި ޓްވީޓެއްގައެވެ.  

ޤާސިމް ވިދާޅުވީ މަޖިލީހުގެ ގޮނޑިތަކަށް ކުރިމތިލުމުގައި ޖޭޕީއާ ގުޅިގެން މަޖިލީހުގެ ދާއިރާތަކަށް ކުރިމަތިލުމަށް ހުރިހާ ފަރާތްތަކާ ވާހަކަދައްކަން ތައްޔާރަށް އޮތްކަމަށާއި، އެކަމަކު  މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަން ހަދާނީ އެމްޑީޕީ ނޫން އެހެން ޕާޓީތަކާއެކު ކަމަށެވެ.

ކޯލިޝަން ރޫޅާލަން ޖެހިދާނެކަމުގެ އިޝާރާތެއް ޓްވިޓަރ މެދުވެރިކޮށް ޤާސިމް ކުރައްވާފައި މިވަނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތް ވެޑައިގަންނަވާ ރައްޔިތުންގެ މަޖލީހުގެ މެމްބަރު ޢަބްދުލްލަތީފު މުޙައްމަދު މަޖިލީހަށް ހުށައެޅުއްވި އިސްލާ އަންބުރާ ގެންދިޔުމަށް ޖޭޕީގެ ލީޑަރ ޝިޕުން މަސައްކަތް ނުކުރާކަމަށް ބުނެ އެމްޑީޕިން މިއަދު ނޫސް ބަޔާނެއްވެސް ނެރެފައިވަނިކޮށެވެ.

ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭގޮތަށް ހުށައެޅި މިއިސްލާހާ ގުޅޭގޮތުން އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ އެއިސްލާހު ހުށަހަޅުއްވާފައިވަނީ ނަޝީދަށް އަމާޒުކުރައްވައިގެންކަމަށާއި އެއިސްލާހު އަނބުރާ ނެންގެވުމަށް ގޮވާލާ ކަމަށެވެ.

އަދި ޖޭޕީގެ ލީޑަޝިޕުން އެކަން ކަށަވަރު ކޮށްދިނުމަށްވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ. މީގެއިތުރުން އެކަމުގެ ސަބަބުން ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ގުޅުމަށް ބުރޫއަރާފާނޭ ކަމާމެދު ވިސްނާވަޑައިގަތުމަށާ މަސްލަހަތު ނުގެއްލޭގޮތަށް ޢަމަލުކުރެއްވުމަށްވެސް އެ ބަޔާނުގައިވެއެވެ.

އެމްޑީޕީގެ މިބަޔާނަށްވެސް ޤާސިމް މިރޭ ވަނީ ރައްދުދެއްވާފައެވެ. ޤާސިމްކުރެއްވި ޓްވީޓުގައި ވަނީ އެމްޑީޕީ ޕީޖީ ގްރޫޕުން ކޯލިޝަން ރޫޅާލާފާނެކަމަށް ބުނީމާ ހައިރާންވެޑައި ނުގަންނަވާކަމަށެވެ. އަދި ކޯލިޝަން މިހާރު ދެމިއޮތްތޯވެސް ގާސިމް ކުރެއްވި ޓްވީޓްގައިވަނީ ސުވާލު އުފައްދަވާފައެވެ. މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމުމުން އެއްބަސްވުމާއި ވަޢުދާއި އަޙުދާ ޚިލާފެވެ އެނިމުނީ ނޫންތޯވެސް ޤާސިމް ވަނީ ސުވާލު ކުރައްވާފައެވެ. އަދި ކޯލިޝަން އިތުރަށް ރޫޅާލާނެ ތަނެއް ނެތްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

އެމްޑީޕީއާއި ޖޭޕީގެ ތެރޭގައި ޚިޔާލު ތަފާތުވެފައިވާއިރު އެމްޑީޕީން ރައްޔިތުން މަޖިލީހުގެ ހުރިހާ ދާއިރާއެއްގައި ވާދަކުރަން ނިންމައި އެޕާޓީގެ ޕްރައިމެރީ ވަނީ ބާއްވާފައެވެ. އަދި ޖުމްހޫރީ ޕާޓީންވެސްވަނީ މަޖިލިޙުގައި އެޕާޓީގެ ޓީކެޓުގައި ވާދަކުރަން ބޭނުންވާ ހުރިހާ އެންމެނަށް ފުރުސަތު ހުޅުވާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close