ޚަބަރު

އަދީބް ޖަލަށް ބަދަލުކޮށްފި

ސިއްޙީ ޙާލުކޮޅު ގޯސްވެގެން ބޭސްފަރުވާއަށް ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފައިވާ ކުރީގެ ނާއިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ކުށްލިގޮތަކަށް ޖަލަށްބަދަލުކުރައްވައިފިއެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް އަނބުރާ ޖަލަށް ގެންދިޔައިރު އޭނާ ގޭބަންދުގައި ބަހައްޓައިގެން ބޭސްފަރުވާކުރުމަށް ޑޮކްޓަރުން ދެއްވާފައިވާ މުއްދަތު ހަމަނުވާކަމަށް އޭނާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅުންބުނެއެވެ.

ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެފައި ވަނީ އަދީބުގެ މައްޗަށް އިއްވާފައިވާ ޙުކުމްތަންފީޒު ކުރާނެކަމަށެވެ. އަދި އަދީބުގެ ސިއްޙީ ޙަލާތު ހުރިގޮތުން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރު ދެއްވާފައިވާ ލަފައާއި ލިޔެކިއުމާ އެއްގޮތަށް ކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެދަށުން އަދީބުގެ ޙުކުމްތައް ތަންފީޒުކުރުމުގެ ކަންތައްތައް ބަލަހައްޓަމުންދާނެ ކަމަށެވެ.

އަދީބު ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށަށް ގެންދިއުމާއި ގުޅިގެން އަދީބުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަދި އަލަށް އުފެއްދި ސިޔާސީ ޕާޓީއެއްކަމަށްވާ އެމްޓީޑީގެ ނާއިބު ރައީސްކަން ކުރައްވާ ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ރަޝީދު މީޑިއާއަށް ވިދާޅުވީ، އަދީބުގެ ބޭސްފަރުވާއަށްޓަކައި ގޭބަންދަށް ބަދަލުކޮށްފައި ވީނަމަވެސް އަދިވެސް ބޭސްފަރުވާ ނުނިމޭކަމަށެވެ. އަދި އަދީބުގެ ސިއްހީ ހާލަތު ރަނގަޅު ނޫންކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އޭނާ ވަނީ އަދީބު ވަގުތުން ދޫކޮށްލުމަށް ހޯމް މިނިސްޓަރަށާއި ސަރުކާރަށް ގޮވާލައްވާފައެވެ.

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާގުޅޭ ބައެއް މައްސަލަތަކާއި ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލަ ސާބިތުވުމާއި ގުޅިގެންނެވެ. ވަކިވަކިން ކޮށްފައިވާ މިޙުކުމްތައް ތަންފީޒު ކުރުމުގައި އަދީބުވަނީ މިހާތަނަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close