ރިޕޯޓް

ޤާސިމްގެ ނިންމުމާއެކު ކޯލިޝަނަށް ދެން ވާނީ ކިހިނެއް؟

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާނެ ކަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިޢުލާން ކޮށްފައެވެ. އިންތިޚާބަށް އިޢުލާން ކުރުމުގެ މާކުރިން ފެށިގެން ވެސް ސިޔާސީ ޕާޓީތަކުން ނާއި އަމިއްލަ ކެންޑިޑޭޓުން އަންނަނީ އެކި ސިފަ ސިފައިގައި ކެމްޕޭން ކުރަމުން ނެވެ.

އިބްރާޙީމް މުޙައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކުން ކަމަށް ވުމުން އަބަދުވެސް ރައްޔިތުންނަށް އަޑު އިވެމުން ދިޔައީ ކޯލިޝަންގެ މެދުގައި ސަރުކާރު ބައިކޮށްލި ފަދައިން މަޖިލީހުގެ އިންތިޚާބުގައި ދާއިރާތައް ވެސް އެއުސޫލުގެ މަތިން ބަހާލައިގެން އިންތިޚާބުގައި ވާދަ ކުރާނެ ވާހަކައެވެ. އެހެން ނަމަވެސް މިއީ ހަތަރު ލީޑަރުންގެ އަމިއްލަފުޅު ވިސްނުން ފުޅެކެވެ. ކޯލިޝަންގެ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވަކިން ޚާއްޞަ ކޮށް ގުރާސް ރޫޓުގެ މެމްބަރުންގެ ވިސްނުމާ މުޅީން އިދިކީލި ވިސްނުމެކެވެ. އެކަން ބޮޑަށް ހާމަ ވެގެން ދަނީ ސޯޝަން މީޑިއާގެ ވަސީލަތް ތަކުން ނެވެ.

އެފަދަ މީހުން ބުނާ ގޮތުގައި ސަބަބު ތައް ނުހަނު ސާފު އެހާމެ ގިނައެވެ. އެމީހުން ބުނަނީ މުސްތަޤުބްލް ރާވަން ވާނީ މާޒީގެ ލޯގަނޑުން ދައްކާ ތަސްވީރު ތަކަށް ބަލައި އެހާލަތު ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތްތަކެއްގެ މައްޗަށެވެ. ދިވެހި ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ނަޝީދު ދެވަނަ ބުރަކަށް ގޮސް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގެ ތެރެއިން އޭރުގެ އިދިކޮޅު ޑީއަރުޕީގެ ފިޔަވާ ދެން ހުރި ހުރިހާ ޕާޓީތަކެއްގެ ވެސް ފުރިހަމަ ތާއީދާ އެކުގައެވެ. އެފަހަރުވެސް ސަރުކާރުގެ ބޮޑު ޕަސަންޓޭޖެއް ޖޭޕީ އަށްދީ ޤައުމުގެ ދާޚިލީ ވުޒާރާ ވެސް ޤާސިމް އިބްރާޙީމާއި ހަވާލް ކުރި އެވެ. އެހެން ނަމަވެސް ޤާސީމް ބޭނުންހާ ގޮތަކަށް ސަރުކާރުގެ ތެރެއިން ކަންކަން ނުވުމުން އެންމެ 21 ދުވަހުގެ ތެރޭގައި މަޤާމް ދޫކުރައްވާ ގެއަށް ވަޑައި ގަތެވެ. ހަމަ އެއާ އެކު ދެން ފެނިގެން ދިޔައީ ޤާސިމް އިސްވެ ހުންނަވާ މަޖިލީހުގެ ތެރެއިންނާ މަޖިލީހުން ބޭރުން ޤާނޫނީ ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފެށިތަނެވެ. ޤާސިމްގެ އެމަގުޞަދު 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު ޙާޞިލް ވެސް ކުރި އެވެ. ހަމަ އެބީދައިން ރައީސް ޔާމީން ސަރުކާރުގެ ތެރެއިން ވެސް ޤާސިމް ނުކުތީ އަމިއްލަ އެދުމުން ފުރިގެންވާ އުމީދު ތަކެއް ޙާޞިލް ކުރުމަށް ކަމަށް މިއަދުވެސް ގިނަ ބަޔަކު ޤަބޫލް ކުރާނެ އެވެ.

ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބަށް ވާދާ ކުރާނެ ގޮތަކާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އިންނެވެ. އެގޮތުން އެތައް ބަހުސް ތަކެއް ކުރުމަށް ފަހު އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާ އިން ނިންމީ މަޖިލީހުގެ 87 ދާއިރާއަށް އެޕާޓީން ވާދަ ކުރުމަށެވެ. އެނިންމުމާއެކު އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ހުޅުވާލުމުން ނިލަންދޫ ދާއިރާ ފިޔަވާ ދެން އޮތް 86 ދާއިރާ އަށް ވާދަ ކުރުމަށް ކެންޑިދޭޓުން ފޯމްހުށަހެޅިތަން ފެނިގެން ދިޔަ އެވެ.

މިހާ ހިސާބުން ދެން ފެނިގެން ދިޔައީ ކޯލިޝަންގައި ދެން އެންމެ ނުފޫޒު ގަދަ ޕާޓީ ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރާ ޖޭޕީގެ ލީޑަރ މަހުޖަން ޤާސިމް އިބްރާޙީމްގެ ހޫނު ގަދަ ރައްދެކެވެ. ޖޭޕީގެ މައިޖަގަހަ ކުނޫޒުގައި ބޭއްވި ބައްދަލް ވުމެއްގައި ވާހަކަ ދައްކަވަމުން މަހުޖަން ޤާސިމް ވިދާޅުވީ ޖޭޕީން މަޑުން މިއޮތީ ބިރުން ނޫން ކަމަށާއި ކުރަން ޖެހިއްޖެ ނަމަ މަޖިލީހުގެ ހުރިހާ ދާއިރާ އަކަށް ވެސް ވާދަކުރަން ޖޭޕީއަށް ކެރޭ ކަމަށެވެ.

ކަންން މިހާ ހިސާބަށް ގޮސްފައި ވަނިކޮށް މަޖިލީގުގެ ދާއިރާތަކަސް ވާދާ ކުރާނެ ގޮތެއް ނިންމުމަށް ޓަކާ ހަތަރު ލީޑަރުންގެ ބައްދަލްވުމެއް މިދިޔަ ހަފްތާގައި ހޮޓެލް ޖެންގައި ބޭއްތަން ފެނިގެން ގެން ދިޔައެވެ. އެ ބައްދަލްވުން ނިންމާލުމަށް ފަހު ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ދާއިރާތަކަށް ވާދަކުރާނެ ގޮތަކާއި މެދު ވަކި ގޮތެއް ނުނިމި ބައްދަލްވުން ނިމިގެން ދިޔައީ ކަމަށާއި އަދި އެކަމާ މަޝްވަރާ ކުރުމަށް އިތުރު ބައްދަލް ވުންތަކެއް ބޭއްވުމަށް ހަތަރު ލީޑަރުން އެއްބަސްވެ ލެއްވި ކަމަށެވެ. ހަތަރު ލީޑަރުން ނޫސް ވެރިންނަށް މަޢުލޫމާތު ދެމުން ދިޔައިރު ހޮޓެލް ޖެން ކުރިމަތީ އޭރު ދިޔައީ މަޖިލީސް މަހުޖަނުންގެ ކިބައިން މިނިވަން ކުރުމަށް ކަމަށް ބުނެ ބެނާ ތަކެއް ހިފައިގެން ތިބި ބަޔަކު ހިމޭން މުޒާހާރާއެއް ކުރަމުން ނެވެ. އެމު ޒާހަރާ އަކީ ވެސް ޤާސިމް އިބްރާޙީމަށާއި ޖޭޕީއަށް ހަޖަމްކުރަން ދަތިވި މުޒާހަރާ އަކަށް ވެގެން ދިޔައެވެ. ގިނަ ބަޔަކު ބުނަނީ އެމުޒާހަރާ ހަޖަމް ނުވެ މިސްކިތުގައި ހުޅުޖެހި މީހާ އަށް ޤާސިމް ވެގެން ދިޔަ ކަމަށެވެ.

އެރޭގެ ހިމޭން މުޒާހަރާ އަށް ނިސްބަތް ކުރައްވާ ޤާސިމް އިބްރާޙީމްގެ ޕޮލިޓިކަލް އެޑްވައިޒަރ ކުރީގެ ނާއިބް ރައީސް ޖަމީލް ވިދާޅުވީ އެއީ ސަރުކާރުގެ ކޯލިޝަން ރޫޅުމުގެ ފެށުން ކަމަށެވެ.

ޖޭޕީން ވެސް އިއްޔެ ވަނީ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާތަކަށް އެޕާޓީން ވެސް ކުރިމަތި ލުމަށް ނިންމާ އެކަން އިޢުލާން ކޮށްފައެވެ. ދެން އުފެދޭ ސުވާލަކީ ޤާސިމްގެ މިނިންމުމާއެކު ސަރުކާރު ކޯލިޝަނަށް ދެންވާނީ ކިހިނެއް ތޯއެވެ. މިކަމުގެ ސަބަބުން މަސްރަހު ހޫނުވެ އިންތިޚާބުގެ ކުރިން ކޯލިޝަން ރޫޅޭނީ ހެއްޔެވެ. ނޫނީ ރީތި ގޮތުގައި ހުރިހާ ދާއިރާތަކަށް ކޯލިޝަނުންގެ ޕާޓީތަކުން ވާދަކޮށް ޤާސަިމަށް މަޖިލީހުގެ ބާރު ލިބިއްޖެ ނަމަ އެހިސާބުން ޤާސިމް ކޯލިޝަން ރޫޅާލާނީ ހެއްޔެވެ.

ހަމަ ޔަޤީނުން ވެސް މަހުޖަން ޤާސިމް މާޒީގައި އަމަލް ކުރި ގޮތައް ބަލައި އެމްޑީޕީގެ ގުރާސްރޫޓުގެ މެމްބަރުން ތިބީ އިންތިޚާބުގައި ވެސް އަދި އެނޫން ޙާލަތެއްގައި ވެސް ޤާސިމަށް ދޫދޭގޮތައް ނޫންކަން އެމީހުންގެ ވާހަކަ ތަކުން ކަށަވަރު ވެއެވެ. އެމީހުން ބުނަނީ ރާއްޖޭގެ ފެހި ޤާނޫން އަސާސީގައި ކޯލިޝަން ސަރުކާރެއްގެ ވާހަކަ ނެތްކަމަށާއި އެހެންކަމުން އިންތިޚާބުގައި ވަކި ޕާޓީތަކަކުން ތާއީދު ކުރުމަކީ ސަރުކާރުގެ ވަކި ޕަސަންޓޭޖަކާއި އަމްދުން މަޖިލީހުގެ ދާއިރާއްތައް ބަހަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

މިކަމުގެ ސަބަބުން ކޯލިޝަނަށް ވާނެ ގޮތަކާމެދު ސުވާލު އުފެއްދުމަށް ވުރެ ދިވެހީންނަށް މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ ކޮރަޕްޝަންގެ ހާއްޔަކަށް ހަދާފައިވާ ރައްޔިތުންގެ މަޖިލީސް މަހުޖަނުންގެ ކިބައިން މިނިވަން ކުރުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close