ސަތޭކަދުވަހުގެ ވަޢުދުގެ ތެރެއިން ބަންޑާރަނައިބްގެ އޮފީހުން ނިންމަންޖެހޭ 5 ކަމެއް ނިންމައިފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ބަންޑާރަނައިބްގެ އޮފީހުން ކަނޑައެޅި 12 ކަންތަކުގެ ތެރެއިން 5 ކަމެއް މިހާރު އެއޮފީހުން ނިންމާފައިވާ ކަމަށްބުނެފި އެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އޮފީހުން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެެނެނީ ރިޝްވަތު ހިފާ މީހެކޭ އެއްވަރަށް ރިޝްވަތު ދޭ މީހާ ވެސް ކުށްވެރިވާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމާއި، ނުހައްގު މުއްސަނދިކަން ހުއްޓުވުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުމާއި، ކޮރަޕްޝަން ފަޅާ އަރުވައިލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުމާއި، ދައުލަތަށް ގެއްލުން ލިބޭ ގޮތަށް ނަގާފައިވާ ލޯނުތަކާއި ހަދާފައިވާ އެއްބަސްވުންތަކަށް ބަދަލުތަކެއް ގެނައުމަށް އަލުން މަޝްވަރާކުރުމާއި އަދި ސިޔާސީ ބޭނުންތަކުގައި ވަކި ފަރާތްތަކަކަށް އަމާޒު ކޮށްގެން ހަދާފައިވާ ގާނޫނުތައް މުރާޖައާކުރަން ފެށުން ހިމެނެ އެވެ.
ބަންޑާނަރައިބުގެ އޮފީހުން ބުނީ އިސްލާހު ކުރަންޖެހޭ ގާނޫނުތައް އިސްލާހުކުރުމަށްޓަކައި ކުރަންޖެހޭ މުހިއްމު މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އިސްލާހު ކުރަންޖެހޭ 11 ގާނޫނެއްގެ ތެރެއިން 10 ގާނޫނެއްގެ އިސްލާހުތަކުގެ ބިލް ޑްރާފްޓްކޮށް ނިމިފައިވާތީ މީގެތެރެއިން ބައެއް ބިލްތައް ވެސް މަޖިލީހަށް ފޮނުވާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. މީގެއިތުރުން މުޅިން އަލަށް ދެ ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
