ސަރުކާރުގެ ތަސައްވަރަކީ ޙުކުމް ތަންފީޒުކުރާ ފަރާތްތައް އަލުން އަނބުރައި މުޖުތަމައުއަށް ނެރުން – ހޯމްމިނިސްޓަރ
ސަރުކާރުގެ ތަސައްވަރަކީ ޙުކުމް ތަންފީޒުކުރާ ފަރާތްތައް އަލުން އަނބުރައި މުޖުތަމައުއަށް ނެރުންކަމަށާ، ކުށް ތަކުރާރުކުރުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި ތަފާތު އެކި ހުނަރުތަކާއި މަސައްކަތްތައް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމްތައް އިތުރަށް ފުޅާކުރައްވާނެކަމަށް ހޯމްމިނިސްޓަރ ޢިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
ހޯމްމިނިސްޓަރ މިހެން ވިދާޅުވީ “ކަމާކެމި – އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ” ގެ ނަމުގައި ޤައިދީންނަށް ޚާއްޞަކޮށްގެން މާފުށީގައި ބޭއްވި ފެއަރއެއް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ޤައިދީން ކުރާ މަސައްކަތްތަކަށް ދެވޭ އުޖޫރައަކީ އާދަޔާޚިލާފް ކުޑަ އުޖޫރައަކަށްވުމުން އެފަރާތްތަކުން ކުރާ މަސައްކަތައް އެކަށީގެންވާ އުޖޫރައެއް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސަވައިދެއްވާނެކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިންތިޒާމްކޮށްގެން ސިލްސިލާކޮށް ބާއްވާ މިމައުރަޒު މިފަހަރު ބާއްވަނީ މާލެއަތޮޅު މާފުށީ ސްކޫލުގައެވެ.
މިފެއަރއަކީ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ޤައިދީންގެ އުފެއްދުންތައް ދައްކާލުމާއި، އެތަކެތި ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ބާއްވާފެއަރއެކެވެ.
މިއަހަރުގެ ފެއަރ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެކަނބަލުންނެވެ. ފެއަރ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ފެއަރގެ އުފެއްދުންތައް ބައްލަވާލައްވާފައެވެ. މާފުށި ސްކޫލްގައި ކުރިއަށްގެންދާ މިފެއަރގައި 43 ޤައިދީންގެ އުފެއްދުންތައް ވަނީ ބައިވެރިކޮށްފައެވެ. އޭގެ ތެރޭގައި ހާހަކަށްވުރެ ގިނަ އައިޓަމްތައް ހިމެނެއެވެ.
މިފެއަރ ބައްލަވާލެއްވުމަށްފަހު ނޫސްވެރިއަކު ދެންނެވި ސަވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިފަދަ މައުރަޒުތަކުގެ ސަބަބުން ޤައިދީންގެ ހުނަރުވެރިކަމާއި ޤާބިލުކަން ފެނިގެންދާކަމަށާ ޤައިދީންނަށް ޚާއްސަކޮށްގެން މިފަދަ އިތުރު ޙަރަކާތްތަކެއް ކުރިއަށްގެންދިއުމަކީ މުހިއްމު ކަމެއްކަމަށެވެ.
މި ފެއަރގައި ބައިވެރި ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އަތްތެރި މަސައްކަތުގެ އުފެއްދުންތަކާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކެވެ. އެގޮތުން ތަފާތު ކުރެހުންތަކާއި، އެކިވައްތަރުގެ ބަގީޗާގަސްތައްވެސް ފެއަރގައި ވަނީ ބައިވެރިކޮށްފައެވެ. ޤައިދީން ޖަލުގައި ހޭދަކުރަމުންދާ މުއްދަތުގައި އެފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ތަމްރީނުވެސް އެފަރާތްތަކަށް އަންނަނީ ދެމުންނެވެ. 2010ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މިފެއަރ މިހާތަނަށް 8 އަހަރު ބާއްވާފައިވައިރު މިފަހަރުގެ ފެއަރ މާފުށި ސްކޫލްގައި ކުރިއަށްގެންދާނީ މާދަމާރޭ އެގާރަ ޖެހުމާ ހަމައަށެވެ.
