ކުޅިވަރު

ވޭތުވެދިޔަ އަހަރުގެ ރަނައަޕް ލަންދޫ ބަލިކޮށް ކުޑަފަރި ސެމީއަށް

މިހާރު ނ.ކެނދިކުޅުދޫގައި ކުރިއަށްދާ ސިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި ވޭތުވެދިޔަ އަހަރުގެ ރަނައަޕް ލަންދޫބަލިކޮށް ކުޑަފަރީ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިއަދުގެ ހަވީރު ލަންދޫ އާއި ކުޑަފަރި ބައްދަލުކުރިމެޗު އެއްވަރުކޮށްލައިގެންވެސް ކުޑަފަރީއަށް ސެމީއަށް ދެވެން އޮތްނަމަވެސް މިއަދުގެ މެޗުގައި ކުޑަފރީގެ ފަރާތުން ފެނިގެން ދިޔައީ ލަންދޫގެ ގޯލަށް ބާރުބޮޑުކުރަމުން ދިޔަ މަންޒަރެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ 8 ވަނަ މިނިޓްގައި ލަންދޫގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ކުޑަފަރީ  ޓީމުގެ ފުރަތަމަ ގޯލްކާމިޔާބު ކުރުމެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މިއަދުގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު އެޓީމުގެ ޖާޒީނަމްބަރ 27 މުޙައްމަދު ވިސާޙް އެވެ.

ކުޑަފަރީގެ ގޯލަށްފަހު ލަންދޫގެ ކުޅުން އިތުރަށް ރަނގަޅުކުރިތަން ފެނިގެންދިޔައެވެ. އެގޮތުން މިއަދުގެ މެޗުފެށިއިރު ބެންޗުގައި އިން އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޔޫއްޓޭ ކުޅެންނެރުނުތައް ފެނިގެން ދިޔައެވެ. އެބަދަލާއިއެކު ލަންދޫގެ ހަމަލާތައް އިތުރުވެ މެޗުގެ 29 ވަނަ މިނިޓްގައި މި މެޗުގައި ލަންދޫގެ ފަރާތުން ފެނިގެން ދިޔަ ހަމައެކަނި ގޯލް ފެނިގެން ދިޔައެވެ. މިގޯލް ލަންދޫޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މުހައްމަދު ޝާފިޢު (ސާއްޕެ) އެވެ.

ކުޑަފަރި – ލަންދޫ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން

މެޗުގެ ފުރަތަމަ ހާފު ހަމަހަމަ ނަތީޖާއެއްގައި އޮވެނިމި، ދެވަނަ ހާފުގައި އަނެއްކާވެސް ފެނިގެން ގޮސްފައިވަނީ ކުޑަފަރީގެ ގޯލެކެވެ. މިގޯލްއެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކުޑަފަރީ ޓީމުގެ ކެޕްޓަން ހުސެއިން ސޯދިޤް އެވެ.  ކުޑަފަރީގެ މި ގޯލަށްފަހު ލަންދޫޓީމުން އިތުރަށް ކުރިއަށްޖެހި ލަނޑެއް ޖެހުމަށް ކުރިމަސައްކަތް ކާމިޔާބު ނުވެ މެޗު ނިމިގެން ގޮސްފައިވަނީ 2 ލަނޑު 1 ލަނޑުން ކުޑަފަރީ މޮޅުވެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރު ކުރުމާއި އެކުގައެވެ.

މި މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަމެޗުގައި މި މަހުގެ 21 ވަނަ ދުވަހު ބައްދަލުކުރާނީ ގްރޫޕް އޭ ގެ 1 ވަނަ ހޯދި ކެނކުޅުދޫ އާއި ގްރޫޕް ބީގެ ދެވަނަ ހޯދި ކުޑަފަރީއެވެ. ސެމީފައިނަލްގެ ދެވަނަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ބައްދަލުކުރާނީ ގްރޫޕް ބީ ގެ 1ވަނަ ހޯދި ހޮޅުދޫ އާއި ގްރޫޕް އޭގެ 2 ވަނަ ހޯދި ހެނބަދޫއެވެ.  

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close