ސިމެންތި ބަސްތާ ވެއްޓުނު ހާދިސާއާއި ގުޅިގެން ކުންފުނީގެ އިމާރާތްކުރުމުގެ ހުއްދަތައް ބާތިލުކޮށްފި
ޤަވާއިދާއި ޚިލާފަށް މަސައްކަތް ކޮށްފައިވާތި ޑަބްލިއު ކޮންސްޓްރަކްޝަން އަށް ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދަތައް ސިޓި ކައުންސިލުން ބާތިލް ކޮށްފިއެވެ.
އެކުންފުންޏަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލް ކުރީ ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނު ހާދިސާއާ ގުޅިގެންނެވެ. އަދި އެކަނތަކާ ގުޅިގެން ސިޓީކައުންސިލުން ބެލިބެލުމުން އެނގުނީ އެކުންފުނިން މަސައްކަތްކުރަމުން ގެންދަނީ ހެދިފައިވާ ޤަވާއިދުތަކާ ޚިލާފަށް ވަރަށް ފަރުވާކުޑަކޮށް ކަމަށް ސިޓީކައުންސިލުން ބުނެއެވެ.
ތުއްތު ކުއްޖާ ޒަޚަމްވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންސް ކުންފުނިން މަސައްކަތް ކުރަމުންދިޔަ ސައިޓަކުން ސިމެންތި ބަސްތާއެއް ވެއްޓިގެންނެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މި ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަންއަށް ދީފައިވާ ޢިމާރާތް ކުރުމުގެ ހުރިހާ ހުއްދަތައް ވަގުތީގޮތުން ބާތިލުކޮށްފައިވާކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުންދިޔައީ ޤަވާއިދާ ޚިލާފަށް ކަމަށާއި، ހޯދަންޖެހޭ ހުއްދަތައްވެސް ހޯދާފައި ނުވާކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ ސައިޓެއްކަން އަންގައިދޭ ބޯޑެއް އެތަނުގައި ޖަހާފައި ހުރިނަމަވެސް އެ ބޯޑަކީ އެމަސައްކަތަށް ދޫކޮށްފައިވާ ބޯޑެއް ނޫންކަމަށާއި، އެއީ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް މާ ކުރިން ދޫކޮށްފައިވާ ބޯޑެއްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
އިއްޔެ ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން ބަނގްލާދޭޝްގެ 9 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އެކުއްޖާގެ ޙާލު ވަރަށް ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަނަށް ދޫކޮށްފައިވާ އިމާރާތް ކުރުމުގެ ހުރިހާ ހުއްދަތައް ބާތިލުކޮށްފައިވާކަމަށް ސީޓީ ކައުންސިލުން ބުނެއެވެ. އެއާއެކު އެ ކުންފުނިން މާލޭގައި ކުރަމުންދާ ޢިމާރާތްކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓުމަކަށް އަންނާނެއެވެ.


