ނިމުނު ޖުލައި މަހު ރާއްޖެއަށް 184،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުންތަކާއެކު މި އަހަރުގެ މާރިޗު މަހުން ފެށިގެން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ދަށްވާން ފެށި ނަމަވެސް، ނިމިގެންދިޔަ ޖުލައި މަހު 184،735 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު 46 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 1.9 އިންސައްތައިގެ ދަށްވުމެކެވެ.
އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ފެބުރުވަރީ މަހުގައެވެ. އަދި އަހަރުގެ މިހާތަނަށް ޖުމްލަ 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިހާރު އެވްރެޖްކޮށް ދުވާލަކު 5،924 ފަތުރުވެރިން އާދެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއާއި ރަޝިއާއިންނެވެ. މީގެއިތުރުން، ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 73 އިންސައްތަ މީހުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، 22 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.

