ޚަބަރު

ގަދަވަޔާއެކު ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. މީގެ ސަބަބުން އާންމު ގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިއަދު ހެނދުނު ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އަދި އިއްޔެއަށް ވުރެ މިއަދު މޫސުން ގޯސްވާނެ ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ދަތުރުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުމަށް ކޯސްޓްގާޑުން ވަނީ އެދިފައެވެ. އަދި އުޅަނދުފަހަރުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމުގެ އިތުރުން ދިޔަހިއްކާ ޕަމްޕު ފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޗެކްކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

މީގެއިތުރުން މުދާ އުފުލާ އުޅަނދުފަހަރުން ގަވާއިދާ ހިލާފަށް މުދާ ބަރުނުކުރުމަށާއި، މޫސުމީ ޔެލޯ ނުވަތަ އޮރެންޖު އެލާޓް ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް އެމްއެންޑީއެފުން ވަނީ އަންގާފައެވެ. އަދި ޑައިވިންގާއި ވޯޓާ ސްޕޯޓްސް ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close